މެނިފެސްޓޯ ތަންފީޒު ކުރުމުގައި މި ސަރުކާރު ފެއިލްވުމުގެ ސަބަބުން ރައްޔިތުން އެމްޑީޕީއަށް ކުރަމުން އައި އިތުބާރު ގެއްލިއްޖެ ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މުހައްމަދު ރަޝާދު ވިދާޅުވެއްޖެއެވެ.
ސަރުކާރުގައި ހުންނަވައިގެން، ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާ ދެކޮޅަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކުރައްވާ ސިޔާސީ މަޝްވަރާތަކުގައި ބައިވެރިވީ މައްސަލައިގައި އެސްޓީއޯގެ އެމްޑީ ކަމުން އަމްރު ވަކިކުރީ މިދިޔަ މަހުގެ 26ގައެވެ.
ސަރުކާރާ ފެޔަށް ޖެހުމަށް ފަހުގައި އޭނާ ގެންދަވަނީ އެކިއެކި ކަންކަމުގައި ސަރުކާރަށް ފާޑު ވިދާޅުވަމުންނެވެ. އެކަމަކު، ސަރުކާރާ ފެޔަށް ޖެހުނު ސަބަބާ ގުޅޭ ގޮތުން މީގެ ކުރިން ވާހަކަދައްކަވާފައެއް ނުވެއެވެ.
އަމްރުގެ ފަރާތުން ރޭ ނެރުނު ބަޔާނެއްގައި ވަނީ އެމްޑީޕީގެ މެނިފެސްޓޯ ތަންފީޒު ނުކުރެވޭ ކަމަށް ވިދާޅުވެ، ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، އަބަދު ވެސް މަސައްކަތް ކުރައްވަނީ އެ ޕާޓީގެ މެނިފެސްޓޯ ތަންފީޒު ކުރަން ކަމަށާއި އެކަމަކު، ސަރުކާރުން އެކަން ކުރަން މަސައްކަތް ނުކުރާ ކަމަށެވެ. އެހެންވެ، ރައްޔިތުން ކުރި އިތުބާރާއި ތާއީދު މިހާރު ގެއްލިފައިވާ ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވިއެވެ.
"ސަރުކާރު ހިންގުމުގެ ވައްޓަފާޅިއަށް އެއްވެސް ބަދަލެއް ނުގެނައުމުގެ ނަތީޖާއަކީ ވެރިކަމާއި ރައްޔިތުންގެ މަޖިލީހުގެ ސާފު އަޣުލަބިއްޔަތު އޮވެ، ފަސް އަހަރުގެ ވެރިކަމެއް ނިމޭއިރު، ކޯލިޝަނަކާ ނުލައި އިންތިޚާބު ކާމިޔާބުނުކުރެވޭނެ ކަމަށް ގަބޫލުކުރެވުމާއި ބައި- އިލެކްޝަންތަކުގައި މުޅި ސަރުކާރު ބަޖެޓު ހުސްވާ ވަރަށް ޚަރަދުކޮށް، މަތިމައްޗަށް ކުއްލިއަކަށް އެ ދާއިރާއަކަށް ޕްރޮޖެކްޓު ހިންގަން ފަށަން ޖެހުމާއި ރަށު އެންމެނަށް ސަރުކާރު ކުންފުނިން ވަޒީފާ ދޭން ޖެހުމަކީ ސަރުކާރަށް ރައްޔިތުން ތާއީދުނުކުރާ ކަމުގެ އަލިގަދަ ހެއްކެއް،" އޭނާ ވިދާޅުވިއެވެ.

އަމްރާއި ގާސިމާ ބައްދަލުކުރައްވަނީ: އަމްރު ނިސްބަތްވާ ނަޝީދު ފެކްޝަނުން ގެންދަވަނީ ގާސިމަށް ތާއީދުކޮށް، ކޯލިޝަން ހެދުމުގެ މަޝްވަރާތައް ކުރަމުން---
އޭނާ ގަބޫލުކުރައްވައި ގޮތުގައި ސަރުކާރުގެ ސަބަބުން މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ގެއްލުމުގެ ފުރުސަތު ބޮޑެވެ.
"އެމްޑީޕީއަށް ވަފާތެރި އެތައް ބަޔަކު ޕާޓީއާ މިއަދު ފެޔަށް ޖެހިފައިވަނީ ޕާޓީގެ ސިޔާސަތު އޮޅިގެނެއް ނޫނެވެ. ނުވަތަ ގަބޫލުނުކުރާތީއެއް ނޫނެވެ. އަޅުގަނޑު ވެސް ނުހަނު އިޙުލާސްތެރިކަމާއި ހެޔޮ ނިޔަތުގައި މަސައްކަތް ކުރީ އެ ސިޔާސަތުތައް ތަންފީޒު ކުރުމާއި ކުރިއެރުވުމަށެވެ." ބަޔާނުގައި ވެއެވެ.
ރައީސް ޞާލިޙް އެ ޕާޓީގެ ރިޔާސީ ޓިކެޓު ކާމިޔާބު ކުރެއްވުމުން ވެސް ނަޝީދާއި އެ މަނިކުފާނަށް ތާއީދުކުރައްވާ ބޭފުޅުން ވަނީ ސަރުކާރަށް ތާއީދުކުރައްވަން ދެކޮޅު ހައްދަވައިފައެވެ. އެ ފެކްޝަނުން ވަނީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމަށް ތާއީދުކޮށް، އެ މަނިކުފާނާ އެކު ކޯލިޝަން ހެދުމުގެ މަޝްވަރާތައް ފަށައިފައެވެ.