މާލެ އަތޮޅު ގުރައިދޫ ކައުންސިލްގެ ރައީސްކަމުގެ މަގާމަށް ކުރިމަތިލީ ކެންޑިޑޭޓެއްގެ މައްސަލައިގައި ސުޕްރީމް ކޯޓުން ކުރި ހުކުމާއެކު، އެ މަގާމަށް ޝަރުތު ހަމަވަނީ ހަމައެކަނި ޕީއެންސީގެ ކެންޑިޑޭޓަށް ކަމަށްވުމުން، އޭނާ މަގާމަށް އިންތިޚާބު ވެއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން މިއަދު ނިންމައިފިއެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ގުރައިދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރަން ހުށަހެޅި އެ ރަށު ރިނދަލިގެ، ޢަބްދުލްމަޖީދުގެ ކެންޑިޑެސީ ބަލައިނުގަންނަން އީސީން ނިންމުމުން އޭނާ އެ މައްސަލަ ފުރަތަމަ ހުށަހެޅީ ހައިކޯޓަށެވެ.
ހައިކޯޓަށް އެ މައްސަލަ ބަލައި ނުގަތުމުން ދެން މައްސަލަ ހުށަހެޅީ ސުޕްރީމް ކޯޓަށެވެ. ސުޕްރީމް ކޯޓުން އެ މައްސަލައިގައި ނިންމީ އެ މައްސަލަ ބެލުމުގެ އިހްތިސާސް ނެތް ކަމަށެވެ.
އެ ހުކުމާ ގުޅިގެން، އީސީން މިއަދު ނެރުނު އިއުލާނެއްގައި ވަނީ، އިންތިޚާބަށް ކުރިމަތިލުމަށް މުއްދަތު ހަމަވިއިރު، ގުރައިދޫ ކައުންސިލްގެ ރައީސްގެ މަގާމަށް ޝަރުޠު ހަމަވެފައިވަނީ، އެންމެ މީހެއްގެ ކަމަށެވެ. އެއީ ޕީއެންސީގެ ކެންޑިޑޭޓް އަދި ގުރައިދޫ ކައުންސިލްގެ މިހާރުގެ ނައިބު ރައީސް އިބްރާހީމް ޝަލީޒްގެއެވެ.
އީސީން ވަނީ، އިންތިޚާބަށް ކުރިމަތިލުމަށް މުއްދަތު ހަމަވިއިރު، ކައުންސިލްގެ ރައީސްގެ މަގާމަށް ޝަރުތު ހަމަވެފައިވަނީ، އިންތިޚާބު ކުރަންޖެހޭ އަދަދަށް ކަމަށްވާތީ، އެ ކެންޑިޑޭޓް މަގާމަށް އިންތިޚާބު ވެއްޖެކަން ޢާންމުކޮށް އަންގައި އިއުލާން ކުރާ ކަމަށެވެ.
އަންނަ އޭޕްރިލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި، އިންތިޚާބަކާ ނުލައި ސަރުކާރު ހިންގާ ޕީއެންސީން ވަނީ، 69 ގޮނޑި ކާމިޔާބުކޮށްފައެވެ.
އެ އިންތިޚާބުގައި ލޯކަލް ކައުންސިލްތަކަށް 678 މެންބަރުން އިންތިޚާބުކުރާއިރު، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށްވެސް 678 އިންތިޚާބުކުރަންޖެހެއެވެ. އެހެންކަމުން މިފަހަރުގެ އިންތިޚާބުގައި ޖުމްލަ 1,356 މެންބަރުން އިންތިޚާބުކުރާނެއެވެ.
ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހު ވަނީ އެ އިންތިޚާބުގައި އެ ޕާޓީއަށް ގާތްގަނޑަކަށް 800 ނުވަތަ 900 ގޮނޑި ކާމިޔާބު ކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.