ކައުންސިލް އިންތިޚާބާއި ރިފަރެންޑަމް އެއްކޮށްލުމުން، ރައްޔިތުން ހޭލުންތެރިކުރަން ދަތިވާނެ: މަހްޒޫމް

ޢަބްދުﷲ މަޙްޒޫމް މާޖިދު: އެމްޑީއޭގެ ފަރާތުން މާލޭގެ މޭޔަރުކަމަށް ކުރިމަތިލައްވާ މަޙްޒޫމް ވިދާޅުވީ، --- ފޮޓޯ: މަޙްޒޫމް މާޖިދު -- އެކްސް

ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ކުރިއަށްދާއިރު، ދެ އިންތިޚާބު އެއްކުރުމާ ގުޅޭގޮތުން ނަގާ ރިފަރެންޑަމް (ފެންނަ ނުފެންނަ ވޯޓު) އެ އިންތިޚާބާ އެކު ބޭއްވުމަކީ ރައްޔިތުން ހޭލުންތެރިކުރުވަން އޮތް ބޮޑު ހުރަހެއް ކަމަށް އެމްޑީއޭގެ ފަރާތުން މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ މަހްޒޫމް މާޖިދު ވިދާޅުވެއްޖެއެވެ.

"ސަން" އާ ވާހަކަދައްކަވަމުން މަހްޒޫމް ވިދާޅުވީ، ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ތެރޭގައި ރިފަރެންޑަމާ ބެހޭ ގޮތުން ހޭލުންތެރިކުރުވުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

މިއީ ވަރަށް ދަތިވާނެ ކަމެއްގެ ގޮތުގައި ފާހަގަކުރައްވަމުން މަހްޒޫމް ވިދާޅުވީ، ގިނަ އަދަދެއްގެ ރައްޔިތުން ގައުމީ މުހިންމު ކަމެއްގައި ގޮތް ނިންމާއިރު، އެ ރައްޔިތުންނަށް ފުރިހަމަ މައުލޫމާތު ނުލިބުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

މަހްޒޫމް އިތުރަށް ވިދާޅުވީ، ދެ އިންތިޚާބު އެއްކުރުމާ ދެކޮޅު ޕާޓީތަކުން ވެސް ކައުންސިލް އިންތިޚާބުގައި ވަކިވަކިން ވާދަކުރާނަމަ، ރިފަރެންޑަމާ ދެކޮޅަށް ވޯޓުދިނުމަށް ރައްޔިތުން ހޭލުންތެރިކުރަން އޮންނަ ފުރުސަތު ވަރަށް ބޮޑަށް ހަނިވެގެންދާނެ ކަމަށެވެ.

މީގެ ނަތީޖާއަކަށް ވާނީ ގިނަ ބަޔަކަށް ވާނުވާ ނޭނގި އޮޅުމެއްގެ ތެރޭގައި ގޯސް ވޯޓެއް ލެވުން ކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެންވީމާ އަޅުގަނޑުގެ ސްޓޭންޑަކީ މިއީ ވަރަށް ގޯސް ކަމެކޭ، ކައުންސިލް އިންތިޚާބާއެކު މި ރިފަރެންޑަމް ބޭއްވުމަކީ. ރައްޔިތުންނަށް މި ކަމުގެ މައުލޫމާތު އެނގެންޖެހޭ،" މަހްޒޫމް ވިދާޅުވިއެވެ.

މައި ދެ އިންތިޚާބު ކަމަށްވާ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމަށް ޓަކައި ގާނޫނުއަސާސީއަށް އިސްލާހު ހުށަހެޅުއްވީ ސަރުކާރު ހިންގާ ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާޙެވެ. މިދިޔަ މަހު ހުށަހެޅި މި އިސްލާހުގައިވާ ގޮތުން، މަޖިލީހާއި ރިޔާސީ އިންތިޚާބު ބާއްވަން ޖެހޭނީ އެކުގައެވެ. އަދި އާ މަޖިލީހުގެ ޖަލްސާތައް ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު ފަށާ ގޮތަށް ވެސް ވަނީ ހުށަހަޅާފައެވެ.

މި އިސްލާހު އެއްވެސް ބަދަލެއް ނެތި މިދިޔަ ހަފުތާގެ ހޯމަ ދުވަހު މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށް، އަންގާރަ ދުވަހު މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ ވޯޓާއެކު ތަޅުމުން ވަނީ ފާސްކޮށްފައެވެ. މިއާއެކު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މިކަމާ ގުޅޭ ފެންނަ ނުފެންނަ ވޯޓު، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ އެކު ބޭއްވުމަށް ގަރާރަކުން ނިންމަވާފައެވެ.

comment ކޮމެންޓް