ދައުލަތަށް 53 މިލިއަން ރުފިޔާ ދެއްކުމަށް ޔާމީނަށް ކުރި ހުކުމް ބާތިލް ކޮށްފި

ކުރީގެ ރައީސް ޔާމީން: ދައުލަތަށް 53 މިލިއަން ރުފިޔާ ދެއްކުމަށް އެމަނިކުފާނުގެ މައްޗަށް ކުރި ހުކުމް ވަނީ ބާތިލް ކޮށްފަ --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މަނީލޯންޑަރިންގެ ކުށުގައި ހިމެނޭ 3.4 މިލިއަން ޑޮލަރު (53 މިލިއަން ރުފިޔާ) ހަ މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ދައްކަން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލް ކުރުމަށް ހައި ކޯޓުން ދާދި ދެންމެ އަމުރު ކޮށްފިއެެވެ.

ޔާމީންގެ މައްޗަށް މަނީލޯންޑަރިންގެ ކުށުގައި ހިމެނޭ 3.4 މިލިއަން ޑޮލަރު ހަ މަސް ދުވަހުގެ ތެރޭގައި ދައްކަން ހުކުމް ކޮށްފައިވަނީ ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން އުފުލި ދެ ދައުވާ ސާބިތުވުމާ ގުޅިގެންނެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 11 އަހަރަށް ޔާމީން ޖަލަށް ލުމަށް ހުކުމް ކުރުމަށްފަހު އޭގެ ދެ މަސް ފަހުން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ 53 މިލިއަން ރުފިޔާ ދައުލަތަށް ދެއްކުމަށެވެ. އެއީ ކުށް ކޮށްގެން ހޯދި ފައިސާ އިންވެސްޓްކޮށްގެން ލިބުނު ފައިދާ ވެސް ދައުލަތަށް ނެގުމަށެވެ.

ޔާމީންގެ ފަރާތުން އެކަން ފާހަގަކޮށް ހައި ކޯޓުގައި އިސްތިއުނާފް ކުރުމަށްފަހު ވަކީލުން ފާހަގަކޮށްފައިވަނީ އަސްލު މައްސަލައިގެ ހުކުމް ކުރުމަށްފަހު އެ ހުކުމް ފުރިހަމަ ކުރުމަށް ނުވަތަ އެ ހުކުމަށް އުނި އިތުރެއް ގެނައުމަށް އިތުރު ހުކުމެއް ކުރުމަކީ ގާނޫނު ދަންނަ ކެމެއް ނޫން ކަމަށެވެ.

ދިފާއުން ފާހަގަކުރި މައިގަނޑު ނުކުތާއަށް އެކަށީގެންވާ ރައްދެއް ދައުލަތަށް ދެވިފައި ނުވާ ކަމަށް ހައި ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ ބުނެފައެވެ. އަދި ހައި ކޯޓުން އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ކްރިމިނަލް ކޯޓުގެ ހުކުމް ބާތިލް ކުރުމަށް އަމުރު ކޮށްފައެވެ.

އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނަވަނީ ފަނޑިޔާރު މުހައްމަދު ފައިސަލްއެވެ. ދެން ބެންޗުގައި ހިމެނެނީ ފަނޑިޔާރު ހަސަން ޝަފީއު އަދި ފަނޑިޔާރު ދީބަނާޒް ފަހުުމީއެވެ.

comment ކޮމެންޓް