ފެނަކައިގެ ދަރަނި އަދާކުރަން ޕްލޭނެއް ހަދަން ގޮވާލި މައްސަލަ ބޭރުކޮށްލައިފި

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް--- ފޮޓޯ/ މަޖިލިސް

ފެނަކައިގެ ފައިނޭންޝަލް އޮޑިޓެއް ހެދުމަށާއި، ދަރަނިތައް އަދާ ކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވައިލަން ގޮވާލައި، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރު ކޮށްލައިފިއެވެ.

ފެނަކައިން ވިޔަފާރީގެ މުޢާމަލާތްތައް ހިންގުމަށްފަހު މާލެއާއި ރަށްރަށުގެ ކުދި ވިޔަފާރިތަކަށާއި ކުންފުނިތަކަށް 2.8 ބިލިއަނަށްވުރެ ގިނަ އަދަދެއްގެ ފައިސާއަށް ދަރާފައިވާތީ، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ ކުއްލި މައްސަލަ ހުށަހަޅުއްވާފައި ވަނީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފެވެ.

އޭނާ ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ އެ ފައިސާ ނުލިބި ގިނަ ދުވަސްވުމުގެ ސަބަބުން ކުދި ވިޔަފާރިތަކަށާއި ކުންފުނިތަކަށް މާލީ ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ. އެގޮތުން މުވައްޒަފުންނަށް މުސާރަ ނުދެވި، ކުލި ދެއްކުންފަދަ ކަންކަން ހަމަޖައްސަން ދަތިވެ، ބައެއް ވިޔަފާރިތައް ހުއްޓިފައިވާއިރު ބައެއް ކުންފުނިތައް ބަނގުރޫޓުވާ ހިސާބަށް ގޮސްފައިވާ ކަމަށެވެ.

އާދަމް ޝަރީފް ވިދާޅުވީ ފެނަކައިން ސަޕްލަޔަރުންނަށް ދޭންޖެހޭ ފައިސާ ނުލިބުމުގެ ސަބަބުން އެކަމުގެ ޝަކުވާތައް ތަކުރާރުކޮށް ކޮށްފައިވާ ކަމަށެވެ. ނަމަވެސް ފައިސާ ނުލިބުމުން، ބައެއް ފަރާތްތަކުން ފެނަކަ މައި އޮފީސް ކުރިމަތީގައި މުޒާހަރާކުރާ ހިސާބަށް ފެނަކައިގެ ހާލަތު ގޯސްވެފައިވާ ކަމަށާއި އަދި، ފެނަކައާ މެދު ކުދި ވިޔަފާރިތަކަށާއި ކުންފުނިތަކާއި ޢާންމު ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފެނަކަ ބަނގުރޫޓުވާ ހިސާބަށް ގޮސްފައިވާއިރު ވެސް، އެ ކަންކަމަށް ރިޢާޔަތް ކުރުމެއް ނެތި، ސިޔާސީ ކަންކަމަށާއި އިންތިޚާބުތަކަށް ނުފޫޒު ފޯރުވުމަށް އެ ކުންފުނިން އެތައް ޚަރަދެއް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އިތުރަށް ވާހަކަދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ، ކުންފުނި ހިންގުމާއި ވިޔަފާރީގެ މުޢާލަމާތްތައް ހިންގުމުގައި ކޮރަޕްޝަންގެ އެތައް ކަމެއް ހިނގަމުންދާ ކަމަށް އެންޓިކޮރަޕްޝަން ކޮމިޝަނަށް ވެސް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. ވުމާ އެކު، ފެނަކައިން ކުދި ވިޔަފާރިތަކާއި ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ލަސްނުކޮށް އެ ފަރާތްތަކަށް ދެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް އޭނާ ގޮވާލެއްވިއެވެ.

އޭގެ އިތުރުން، ފެނަކައިގެ ދަރަނި ބޮޑުވާން ޖެހުނު ސަބަބުތަކާއި އެ ކަންކަމަށް ޒިންމާވާންޖެހޭ ފަރާތްތައް ދެނެގަތުމަށްޓަކައި ފެނަކައިގެ މެނޭޓްމަންޓާއި ފައިނޭންޝަލް އޮޑިޓެއް ހެދުމަށް ވެސް ގޮވާލާފައިވެއެވެ. އަދި ދަރަނިތައް އަދާކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވާލައި ކުންފުނި ބަނގުރޫޓު ވިޔަނުދިނުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ވެސް ސަރުކާރަށް ގޮވާލާފައިވެއެވެ.

އެ މައްސަލަ މަޖިލީހުގެ ތަޅުމުން ބޭރު ކޮށްލާފައިވަނީ މައްސަލައަށް ބަހުސް ކުރަން ފެނޭތޯ ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި33 މެންބަރުންގެ ތެރެއިން 18 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ 15 މެމްބަރުންނެވެ.

މިއަދު މަޖިލީހަށް ހާޒިރުވީ ޕީޕީއެމްގެ އެންމެ މެންބަރެކެވެ. އެ ޕާޓީގެ ހުރިހާ މެންބަރުން ހާޒިރުވެ، ވޯޓު ދިން ނަމަ މިއަދުގެ ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަންނަން ފާސްވީހެވެ.

comment ކޮމެންޓް