ދަރިންނަށް 2 އަހަރު ވަންދެން އަންހެން މުވައްޒަފުންނަށް ހުސް ވަގުތު ލިބޭ އިސްލާހު ތަސްދީގުކުރައްވައިފި

ވިއްސާރަ ދުވަހެއްގައި ކުޑަކުއްޖަކު މަގުމަތީގައި --- ފޮޓޯ/ މާލެ ސިޓީ ކައުންސިލް

ވަޒީފާ އަދާކުރާ އަންހެން މުވައްޒަފުންނަށް، ދަރިންނަށް ކިރުދިނުމަށް ލިބޭ ހުސް ވަގުތުކޮޅު، ދަރިފުޅުގެ އުމުރުން ދެ އަހަރުވަންދެން ލިބޭ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަސްދީގުކުރައްވައިފިއެވެ. މި ބަދަލާއެކު، މުސާރަ އުނިނުވާ ގޮތަށް ދުވާލަކު ދެ ފަހަރު، ބައިގަޑިއިރުގެ ހުސް ވަގުތު މައިންނަށް ލިބިގެންދާނެއެވެ. މީގެ އިތުރުން، މި އިސްލާހުގެ ތެރެއިން މަސައްކަތްތެރިންގެ ދުވަހަކީ ރަސްމީ ބަންދު ދުވަހެއްކަމަށް ކަނޑައަޅައި، ވިޔަފާރިތަކަށް ލުއިތަކެއް ދިނުމާ ގުޅޭ މާއްދާތައް ވެސް ވަނީ ހިމަނާފައެވެ.

  • ވަޒީފާއާ ބެހޭ ގާނޫނަށް ގެނައި މި އިސްލާހުގެ ދަށުން، ދަރިންނަށް ކިރުދޭ މުއްދަތު އެއް އަހަރުން ދެ އަހަރަށް އިތުރުކުރެވިއްޖެ.
  • މަސައްކަތްތެރިންގެ ދުވަސް ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި މިހާރު ވަނީ ހަމަޖައްސާފައި.
  • ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކޯޓާ ފީ ދެއްކުމުގައި ލުއިތަކެއް ދިނުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް ލިބިގެންދޭ.
  • މަޖިލީހުގެ ތެރެއިން 30 މިނެޓުގެ ހުސް ވަގުތު 45 މިނެޓަށް އިތުރުކުރުމަށް ހުށަހެޅުނު އިސްލާހު ވަނީ ބޭރުކޮށްލާފައި.

ކުދިންނަށް ދެ އަހަރު ވަންދެން, މުސާރައިން ނުކެނޑޭ ގޮތަށް އަންހެން މުވައްޒަފުންނަށް ދުވާލަކު ދެ ފަހަރަށް ބައިގަޑިއިރުގެ ހުސް ވަގުތުކޮޅެއް ލިބޭ ގޮތް ހެދުމަށް ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަސްދީގުކުރައްވައިފިއެވެ.

މި އިސްލާހު ތަސްދީގުކުރުމާ ހަމައަށް، ވަޒީފާއާބެހޭ ގާނޫނުގައި ވަނީ، ކުދިންނަށް އެއް އަހަރު ވަންދެން، މުސާރައިން ނުކެނޑޭ ގޮތަށް އަންހެން މުވައްޒަފުންނަށް ދުވާލަކު ދެ ފަހަރު ބައިގަޑިއިރު ހުސްކުރެވޭނެ ކަމަށެވެ. ސަރުކާރުގެ ފަރާތުން މަޑަވެލި ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު ޝަމީޒު ވަޒީފާއާބެހޭ ގާނޫނަށް ހުށަހެޅުއްވީ އެއް އަހަރު ދެ އަހަރަށް ބަދަލުކުރުމަށެވެ.

މިދިޔަ އާދީއްތަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި، ވޯޓުގައި ބައިވެރިވި 62 މެންބަރުންގެ އިއްތިފާގުން ވަނީ ބިލު ފާސްކޮށްފައެވެ.

ފާހަގަކުރެވޭ ގޮތުގައި އެ ބިލަށް ތޮއްޑޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ޙުސައިން ސަމީރު އިސްލާހެއް ހުށަހެޅުއްވިއެވެ. އޭނާ ހުށަހެޅުއްވީ 30 މިނެޓުގެ ބަދަލުގައި އެ ވަގުތު 45 މިނެޓަށް ދިގު ކުރުމަށެވެ. ނަމަވެސް ޕީއެންސީގެ އަޣުލަބިއްޔަތު އޮންނަ މަޖިލީހުން ވަނީ، އެ އިސްލާހު ފާސްކުރަން ނުފެންނަ ކަމަށް ނިންމައިފައެވެ.

ސަރުކާރު ފަރާތުން ހުށަހެޅި މި އިސްލާހުގައިވާ ގޮތުން، މަސައްކަތްތެރިންގެ ދުވަހަކީ ގާނޫނުގެ ދަށުން ރަސްމީ ބަންދު ދުވަހަކަށް ވާނެއެވެ. އަދި އެންމެ ކުދި ވިޔަފާރިތަކާއި، ކުދި ވިޔަފާރިތަކާއި މެދު ފަންތީގެ ވިޔަފާރިތަކަށް ނިސްބަތްވާ ވަޒީފާދޭ ފަރާތްތައް ގާނޫނުގެ ދަށުން ދައްކަންޖެހޭ، ވަކި ވިޔަފާރިތަކެއް، ކޯޓާފީ ދެއްކުމުން އިސްތިސްނާކުރުމަށް، ވަޒީރުންގެ މަޖިލީހަށް ނިންމިދާނެކަމަށްވެސް، އިސްލާހުގައިވެއެވެ.

މިދިޔަ އެމްޑީޕީގެ ވެރިކަމުގައި ވަނީ ވިހެއުމުން މުސާރަ ލިބޭ ގޮތަށް ހަ މަސް ދުވަހުގެ ޗުއްޓީއެއް މައިންނަށް ދޭން ފަށައިފައެވެ. އޭގެ ކުރިން ލިބެނީ ތިން މަހުގެ ޗުއްޓީއެކެވެ.

comment ކޮމެންޓް