ދާއިރާއަކަށް ތަރައްގީ ގެންނަން އެންމެ ފަސޭހަ ވާނީ އެއިރަކު އޮންނަ ސަރުކާރެއްގެ ފިކުރުގައި މަސައްކަތްކުރުމުގެ ވިސްނުން ގެންގުޅޭ މަޖިލިސް މެންބަރަކާ އެކު ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.
ގުރައިދޫ ދާއިރާގެ ބައިއިލެކްޝަނަށް ކެމްޕޭން ކުރެއްވުމަށް ކ. ގުޅިއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ އެންމެ މުހިންމު ދައުރަކީ ގާނޫނުތަކެއް ހެދުން ކަމަށް ވެދާނެ ކަމަށެވެ. ނަމަވެސް އޭގެ އިތުރުން ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
އެގޮތުން ރައްޔިތުންގެ ވިސްނުމާ އެއްގޮތަަށް ރައްޔިތުން ބޭނުންވާ ބަދަލުތައް ގެނައުމަށް އެންމެ އިސް ސަފުގައި މަސައްކަތްކުރާ މީހަކަށް ވާނީ މަޖިލިސް މެންބަރުން ކަމަށް ރައީސް ވިދާޅުވިއެވެ.
"އެ އިރަކު އެ އޮންނަ ސަރުކާރަކާ އެކީގައި މަސައްކަތްކުރުމުގެ ފުރުސަތު އެ ދާއިރާގެ މެންބަރެއްގެ ވިސްނުމުގައި ހުރެއްޖެ ނަމަ އެ ދާއިރާއަކަަށް ތަރައްގީ ގެނައުމުގައި ފަސޭހަވެގެން ދާނެ. މި ދާއިރާގެ ރައްޔިތުންގެ ވިސްނުން ހުރި ގޮތް 2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުން ވަރަށް ސާފުކޮށް ފެންނަން އެބައޮތް،" އެ މަނިކުފާނު ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ ގުރައިދޫ ދާއިރާ އޮތީ އެމްޑީޕީއާ އެކު ކަން ކުރީގެ ރިޔާސީ އިންތިޚާބުގެ ނަތީޖާއިން ހާމަވާ ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ބައި އިލެކްޝަންގައި ވޯޓުލާއިރު އެ ނިންމުމާ މެދު ވެސް ފިކުރު ކުރުމަށް ރައީސް އެދިވަޑައިގަތެވެ.
"މިއަދު މި ދާއިރާއަށް ކުރިމަތިލައްވައިގެން މި ހުރީ ރައްޔިތުންގެ ވިސްނުމާ އެއްގޮތަށް ސަރުކާރާ އެކީގައި މި ދާއިރާގެ ތަރައްގީއަށް ޓަކައި މަސައްކަތް ކޮށްދެއްވާނެ ބޭފުޅެއް. އިބްރާހީމް ޝާޒް އެއީ ދެގޮތެއް ނުވެ އަޅުގަނޑު މި ދަންނަވަނީ ޔަގީންކަމާ އެކުގައި، ތި ބޭފުޅުން އެ ބޭނުންވާ ތަރައްގީ މި ދާއިރާއަށް ގެނައުމުގައި ސަރުކާރާއެކީ މަަސައްކަތްކޮށްދެއްވާނެ،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ އެމްޑީޕީގެ ކެނޑިޑޭޓަށް ދޭ ވޯޓަކީ 'ގެއްލޭނެ' ވޯޓެއް ނޫންކަމަށެވެ.
އިތުރަށް ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މީގެ ކުރިން އެ ދާއިރާ ތަމުސީލް ކުރެއްވި މަރްޚޫމު އިބްރާހީމް ރިޒާއަކީ އެ މަނިކުފާނުގެ ވަރަށް ގާތް ރަހުމަތްތެރިއެއް ކަމަށެވެ.
"އިބްރާހީމް ރިޒާއަކީ އަޅުގަނޑާ ތަފާތު ޚިޔާލެއްގައި މަޖިލީހުގައި މަަސައްކަތްކުރެއްވި ބޭފުޅެއް. އަޅުގަނޑުމެން އެ ޚިޔާލު ތަފާތުވުންތައް އެ ގޮތުގައި ބާއްވައިގެން މަސައްކަތްކުރިން. އެހެންނަމަވެސް އެންމެ ފަހު ދުވަހާ ޖެހެންދެން ވެސް ރިޒާ އަޅުގަނޑާ އެކީގައި އެ އޮތް ގުޅުން ބާއްވަމުން ގެންދިޔަ. ވަރަށް ފަހަކާ ޖެހެންދެން ވެސް ފޯނުން ޓެކްސްޓުކޮށް ވާހަކަދެއްކަވަމުން ދިޔަ،" ރައީސް ވިދާޅުވިއެވެ.
ގުރައިދޫ ދާއިރާގެ މަޖިލިސް ގޮނޑިއަށް ވާދަ ކުރުމަށް އިލެކްޝަން ކޮމިޝަނުން ދިން މުދަތު ހަމަވިއިރު، ތިން ސިޔާސީ ޕާޓީއަކުން ތިން ކެންޑިޑޭޓަކު ވަނީ ކުރިމަތިލާފައެވެ. އެއީ އެމްޑީޕީގެ އިބްރާހީމް ޝާޒު، އެމްއެންޕީގެ އަލީ އަރީފް އަދި އިދިކޮޅު ޕީޕީއެމުން ވާދަ ކުރާ ރިޒާގެ ކޮއްކޮ ހުސައިން ރިޒާއެވެ.
ގުޅިއަށް ރައީސަކު މި ވަޑައިގެންނެވީ ގާތްގަނޑަކަށް ދިހަ ވަރަކަށް އަހަރު ފަހުންނެވެ.
މި ކެމްޕޭން ހަރަކާތުގެ ތެރެއިން ގުޅީ ކައުންސިލްގެ ރައީސް މޫސާ ސަފީލް ވަނީ އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ. އޭނާ ކުރިން ހުންނެވީ އަމިއްލަ މެމްބަރެއްގެ ގޮތުގައެވެ.
ސޮއިކުރެއްވުމަށް ފަހު ދެއްކެވި ވާހަކައިގައި ސަފީލް ވަނީ ގުޅިއަށް ބޭނުންވާ ތަރައްގީ ފޯރުކޮށްދިނުމަށް ޓަކައި އެ ރަށު ކައުންސިލްގެ އެއްބާރުލުން މިހާރަަށް ވުރެ ފުރިހަމައަށް ދެން ލިބޭނެ ކަމަށް އުންމީދުކުރައްވައި ކަމަށް ވިދާޅުވެފައެވެ.