ވެލިދޫ ރަމަޟާން ވޮލީބޯޅަ ލީގު: ތަންޑާ ބަލިކޮށް އީގަލްސް ފައިނަލަށް

ތަންޑާއާއި އީގަލްސް ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ/ ނޫނު ފޮޓޯ

ވެލިދޫ ރަމަޟާން ވޮލީބޯޅަ ލީގުގެ ފިރިހެން ޑިވިޝަންގެ ސެމީ ފައިނަލް މެޗުގައި ތަންޑާ ބަލިކޮށް އީގަލްސްއިން އެ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

ރޭ ވެލިދޫ ވޮލީ ކޯޓުގައި ކުޅުނު ސެމީގެ ފުރަތަމަ މެޗު އީގަލްސްއިން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ.

އެ މެޗުގެ ފުރަތަމަ ސެޓު އީގަލްސްއިން ކާމިޔާބުކުރީ 25-14 ގެ ނަތީޖާއަކުންނެވެ. އަދި އެ ޓީމުން މެޗުގެ ދެވަނަ ސެޓު ކާމިޔާބުކޮށްފައިވަނީ 25-16 ގެ ނަތީޖާއަކުންނެވެ. މީގެއިތުރުން މެޗުގެ ފަހު ސެޓު އީގަލްސް ގެންދިޔަީ 25-09 ގެ ނަތީޖާއަކުންނެވެ.

އެ މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އީގަލްސްގެ މުހައްމަދު އާނިފްއެވެ.

އެ މެޗުން މޮޅުވެ އީގަލްސް އެ މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފައިވާއިރު ފައިނަލް މެޗުގައި އެ ޓީމު ވާދަކުރަން ޖެހޭނީ މިރޭ ކުޅޭ ސެމީގެ ދެވަނަ މެޗުން ކުރި ހޯދާ ޓީމަކާއެވެ. މިރޭ ކުޅޭ ސެމީގެ މެޗުގައި ބައްދަލުކުރަނީ ފޮއެނިކްސްއާއި ލެޖެންޑްސްއެވެ.

ވެލިދޫ ރަމަޟާން ވޮލީބޯޅަ ލީގަކީ އެ ރަށު ޒުވާނުންގެ އިސްނެގުމަކަށް ވެލިދޫ ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ މުބާރާތެކެވެ. އެ މުބާރާތުގައި ފިރިހެން ފަސް ޓީމް ބައިވެރިވާއިރު، އަންހެން ތިން ޓީމެއް ވާދަކުރެއެވެ.

ވެލިދޫ ރަމަޟާން ވޮލީބޯލް ލީގުގެ މެއިން ސްޕޮންސަރަކީ ރެސްޓް ބްލޮކްސްއެވެ. އަދި، މީޑިއާ ޕާޓްނަރަކީ ސަން ސިޔާމް މީޑިއާއެވެ.

comment ކޮމެންޓް