އާއްމު ސިއްހަތުގެ ރައްކާތެރިކުރުމަކީ ޚާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމެއް ކަމަށާއި، އެކަން ކުރުމަށް ކުރެވިދާނެ ކަންކަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އިލްތިމާސްކުރައްވައިފިއެވެ.
މި އަހަރުގެ ދުނިޔޭގެ ސިއްހަތު ދުވަހުގެ މުނާސަބަތުގައި ރައީސް ޞާލިޙު ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ވިދާޅުވީ، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގޮތުން، ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ.
އެގޮތުން ކެމިކަލްތަކާއި ސިއްހަތަށް ނުރައްކާތެރި ވިހަ މާއްދާތައް ބޭނުންކުރުމުގެ ބަދަލުގައި، ރައްކާތެރި ގޮތުގައި ދަނޑުވެރިކަމުގެ އުފެއްދުންތައް ތައްޔާރުކުރުމަށް މަސައްކަތް ކުރުން މުހިއްމު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ޤުދުރަތީ ވެށި އޭގެ ތަބީއީ ގޮތުގައި ދެމެހެއްޓުމަށް، ގަދައަޅައި މަސައްކަތް ކުރަން ޖެހޭ ކަމަށާއި ހާއްސަކޮށް ރާއްޖޭގެ ކަނޑުފަޅުގެ ދިރުންތަކަށް އެއްވެސް ނުރައްކަލެއް ކުރިމަތިވިޔަނުދީ ރައްކާތެރި ގޮތުގައި ދެމެހެއްޓުމަށް މަސައްކަތް ކުރުން މުހިއްމު ކަމަށް އެމަނިކުފާން ވިދާޅުވިއެވެ.
މި އަހަރު ދުނިޔޭގެ ސިއްހަތު ދުވަހަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައިވާ ޝިއާރަކީ "ހެލްތު ފޯ އޯލް" ނުވަތަ "ޞިއްޙަތު އެންމެނަށް" ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މި ޝިއާރަކީ ރާއްޖޭގެ ޞިއްޙީ ޚިދުމަތުގައި މިހާރު އެންމެ ބޮޑަށް ފުޅާކުރުމަށް އަމާޒު ހިފާފައިވާ ދާއިރާއާ ވަރަށް ގުޅުން ހުރި ޝިޢާރެއް ކަމަށެވެ.
އެއްވެސް ތަފާތުކުރުމެއް ނެތި އެންމެންނަށް ޞިއްޙީ ޚިދުމަތް ފޯރުކޮށް ދިނުމުގައި ކުރަންޖެހޭ މަސައްކަތް، އެއް ޤައުމުން އަނެއް ޤައުމާ ވެސް ތަފާތުވާ ކަމަށާއި ރާއްޖޭގެ މިހާރުގެ ޙާލަތާއި ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އައިސްފައިވާ ބަދަލުތަކާއި، ދުނިޔޭގެ ޞިއްޙީ ޚިދުމަތުގެ ދާއިރާއަށް އައިސްފައިވާ ކުރިއެރުންތަކަށް ބަލާއިރު، ޢާންމު ޞިއްޙަތުގެ ދާއިރާއަށް ވަރަށް ބޮޑު ސަމާލުކަމެއް ދޭންޖެހޭ ކަމަށް ފާހަގަކުރެވޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އޭގެ ތެރެއިންވެސް އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭ އެއްކަމަކީ، ޞިއްޙަތަށް ފައިދާ ހުރި ކާނާގެ ރައްކާތެރިކަން ކަށަވަރު ކުރުމާއި، ސާފު ބޯފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމެވެ. އަނެއް ކަމަކީ، އަޅުގަނޑުމެންގެ ވަށައިގެންވާ މާޙައުލީ ނިޒާމުގެ ރައްކާތެރިކަން ކަށަވަރު ކުރުން،" ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ނިޒާމުން ފެންނަ މަންޒަރުތަކަށް ބަލާއިރު، ދިވެހިންގެ ހަށިހެޔޮކަމާއި ދުޅަހެޔޮކަމަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ، ގައިން ގަޔަށް ނާރާ ނުރައްކާތެރި ބަލިތައް ދިވެހިންގެ މެދުގައި ފެތުރެމުން ދިއުން ކަމަށް ރައީސް ޞާލިޙު ވިދާޅުވިއެވެ.
ޚާއްޞަ ގޮތެއްގައި ކެންސަރު ބައްޔާއި ހިތުގެ ބަލިތަކާއި ނޭވާލާ ނިޒާމާ ގުޅުން ހުރި ބަލިތަކުގައި ފަރުވާ ހޯދަންޖެހޭ މީހުންގެ ޢަދަދު މަތިވަމުން ދިއުމަކީ، ޞިއްޙީ ޚިދުމަތުގެ ނިޒާމަށް ކުރިމަތިވާ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށާއި އެފަދަ ބަލިތައް ދިވެހިންގެ މެދުގައި ފެތުރުމަށް މެދުވެރިވާ ސަބަބުތައް ދެނެގަތުމަށް، ފުޅާ ދާއިރާއެއްގައި ޢިލްމީ ދިރާސާތަކެއް ކުރުމަކީ ވެސް ވަރަށް މުހިންމު ކަމެއް ކަމަށް ދެކިލައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިއަދަކީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއަށް 75 އަހަރު ފުރުނު ދުވަސް ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، 1948 ވަނަ އަހަރު، ދުނިޔޭގެ ޤައުމުތަކަށް ވެވުނު މުހިންމު އެއްބަސްވުމެއްގެ ދަށުން އުފެއްދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ވަނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ސިއްހީ ޚިދުމަތް ތަރައްގީކުރުމުގައާއި އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގޮތުން ވަރަށް ގިނަގުނަ ވަރަށް ކާމިޔާބު މަޝްރޫޢުތަކެއް ހިންގާފައި ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ، އެ ޖަމްޢިއްޔާގެ ހިންގުންތެރިންނަށާއި މުވައްޒަފުންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވާފައެވެ. އަދި ފާއިތުވި 75 އަހަރުގެ ތެރޭގައި، އެ ޖަމްޢިއްޔާގެ ފަރާތުން ރާއްޖޭގެ ސިއްހީ ދާއިރާއަށް ކޮށްދީފައިވާ ޚިދުމަތްތަކުގެ އަގު ވަޒަންކޮށް، އެންމެހައި ދިވެހިންގެ ނަމުގައި އެ ޖަމްޢިއްޔާއަށް ރައީސް ވަނީ ޝުކުރު ދަންނަވާފައެވެ.