އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖު 1444ގެ ބްރޯޑްކާސްޓިން ޕާޓްނަރަކަށް އެސްއެސްމީޑިއާ

އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖު 1444ގެ ބްރޮޑްކާސްޓިން ޕާޓްނަރަކަށް ސަން ސިޔާމް މީޑިއާއާއެކު އެއްބަސްވުމުގައި ސޮއި ކުރުމުގެ ތެރެއިން--- ސަަން ފޮޓޯ/ މުހައްމަދު ސާތިއު

އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖު 1444 ގެ އޮފިޝަލް ބްރޯޑްކާސްޓިން ޕާޓްނަރަކަށް ސަން ސިޔާމް މީޑިއާ ހަމަޖައްސައި، އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

ސަން ސިޔާމް މީޑިއާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޗީފް އޮޕަރޭޓިން އޮފިސަރު މުހައްމަދު އާސިފް (މޮންދު)އެވެ. އަދި ބައިބަލާ އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ ސައީދު އަލީއެވެ.

މި އެސްބަސްވުމުގެ ދަށުން ސަން ސިޔާމް މީޑިއާގެ އެސްއެސްޓީވީއިން މި އަހަރުގެ ވަޅު އީދު ދުވަހުން ފެށިގެން މުބާރާތް ނިމެންދެން މެޗުތައް ވަގުތުން ދައްކާނެއެވެ. މި ފަހަރުގެ މުބާރާތް ކުރިއަށް ދާނީ ހަ ރެއެއްގެ މައްޗަށެވެ. އަދި މުބާރާތް ފެށިގެން ނިމެންދެން ސަން ސިޔާމް މީޑިއާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ލައިވް ސްޓްރީމް ކުރާނެއެވެ.

އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖު 1444ގެ ބްރޮޑްކާސްޓިން ޕާޓްނަރަކަށް ސަން ސިޔާމް މީޑިއާއާއެކު އެއްބަސްވުމުގައި ސޮއި ކުރުމުގެ ތެރެއިން--- ސަަން ފޮޓޯ/ މުހައްމަދު ސާތިއު

މިކަމާ ގުޅިގެން ބައިބަލާ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރަޓަރީ ސައީދު ވިދާޅުވީ، މިދިޔަ އަހަރުވެސް 35 ޓީމަކުން 1،000އަށް ވުރެ ގިނަ ކުޅުންތެރިން ބައިވެރިވިކަމަށެވެ. އަދި މި އަހަރުގެ މުބާރާތުގައި އެއަށްވުރެ ގިނަ ޓީމުތަކާއި ވީހާވެސް ގިނަ ޒުވާނުން ބައިވެރިވާނެ ކަމަށް އުއްމީދުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މުބާރާތުގެ ބްރޯޑްކާސްޓިން ޕާޓްނަރަކަށް ސަން ސިޔާމް މީޑިއާ ޚިޔާރުކުރީ ވޭތުވެދިޔަ ކުރު މާޒީގައި ޒުވާނުންނާއި ކުޅިވަރާ ގުޅުންހުރި ކަންކަމަށް އިސްކަމެއް ދިން މީޑިއާއަކަށްވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.

"ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އާއްމުންގެ ބޮޑު ތަރުހީބެއް ހޯދާފައިވާ މީޑިއާއެއް. އަނެއްކަ އާ ޗެނަލްއަކަށްވެފަ، ޒުވާނުންނާއި ކުޅިވަރަށް މުހިއްމު ކަމެއް ދޭތީވޭ މިފަހަރު މިގޮތަށް ނިންމީ،" އޭނާ ވިދާޅުވިއެވެ.

އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖު 1444ގެ ބްރޮޑްކާސްޓިން ޕާޓްނަރަކަށް ސަން ސިޔާމް މީޑިއާއާއެކު އެއްބަސްވުމުގައި ސޮއި ކުރުމުގެ ތެރެއިން--- ސަަން ފޮޓޯ/ މުހައްމަދު ސާތިއު

މިކަމާ ގުޅިގެން ސަން ސިޔާމް މީޑިއާގެ ޗީފް ކޮންޓެންޓް އޮފިސަރު މުހައްމަދު ޒަހީން ވިދާޅުވީ، ސަން ސިޔާމް މީޑިއާ އަކީ ޒުވާނުންނާއި ކުޅިވަރާއި މުނިފޫހިފުލުމުގެ ކަންކަން ގެނެސްދޭން ބޭނުންވާ މީޑިއާއެއް ކަމަށެވެ.

"އީދުގައި ބައިބަލާ ނެތިއްޔާ އީދަކަށް ވެސް ނުވޭ. އެހެންވެ މިކަހަލަ ކުޅިވަރެއް ޒުވާނުންނަށް ހަމައަށް އެސްއެސްމީޑިއާ މެދުވެރިކޮށް ގެނެސްދިނުމަކީ މުހިއްމުކަމެއްގެ ގޮތުގައި ދެކެން،" އޭނާ ވިދާޅުވިއެވެ.

މި ފަހަރުގެ މުބާރާތުގައި ވެސް ޗެމްޕިއަން ޓީމަކަށް އެއް ލައްކަ ރުފިޔާގެ އިނާމެއް ވަނީ ކަނޑައަޅާފައެވެ. އަދި ރަނަރަޕް ޓީމަކަށް 40،000 ރުފިޔާ ވަނީ ކަނޑައަޅާފައެވެ. މިސްޓަ ބައިބަލާއަށް 10،000 ރުފިޔާ ކަނޑައަޅާފައިވާއިރު، މުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް 5،000 ރުފިޔާ ވަނީ ކަނޑައަޅާފައެވެ. އަދި މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން ވެސް ހޮވާނެއެވެ.

comment ކޮމެންޓް