ވޮޝިންޓަން (3 އެޕްރީލް 2023): އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރާ ގާތްވެ ބައްޝާރުގެ ސަރުކާރާއެކު ގުޅުންތައް އަލުން ގާއިމްކުރަން އަރަބި ގައުމުތަކުން ކުރަމުންގެންދާ މަސައްކަތްތަކަށް އެމެރިކާ ވަރަށް ބޮޑަށް ދެކޮޅު ހަދާ ނަމަވެސް އަރަބި ގައުމުތައް ތިބީ އެމެރިކާގެ ކަންބޮޑުވުމަށް ރިޔާއަތްކޮށް މިކަމުގައި ފަސްޖެހޭގޮތަށް ނޫންކަމަށް ރޮއިޓާސް އިން ބުނެފިއެވެ.
ރޮއިޓާސްގައިވާ ތަހުލީލީ ރިޕޯޓެއް ބުނާގޮތުން ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދު ދާދި ފަހުން ޔޫއޭއީއަށް ވަޑައިގަތުމާއި ސޫރިޔާއާ ޑިޕްލޮމެޓިކް ގުޅުންތައް އަލުން ގާއިމްކުރަން ސައޫދީ ސަރުކާރުން ނިންމުމާއި މީގެ ދެ ދުވަސް ކުރިން ސޫރިޔާގެ ޚާރިޖީ ވަޒީރު ފައިސަލް އަލްމިގްދާދު މިސްރަށް ވަޑައިގެން ދެގައުމުގެ ގުޅުންތައް ރަނގަޅު ކުރުމާ ބެހޭގޮތުން މިސްރުގެ ޚާރިޖީ ވަޒީރާއެކު މަޝްވަރާ ކުރެއްވުމުން އެމެރިކާވަނީ ދެރަވެ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ. އެއީ ސޫރިޔާ އެކަހެރިކުރަން އެމެރިކާ ކުރާ މަސައްކަތްތަކަށް މިކަމުގެ ސަބަބުން ހުރަސްއެޅޭތީއެވެ.
އެމެރިކާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާން ޖޯން ކާބީވަނީ ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދަކީ އެގައުމުގެ ރައްޔިތުންނަށް އަނިޔާވެރި ބޭފުޅެއްކަމަށް ވިދާޅުވެ އަރަބި ގައުމުތަކުން ބައްޝާރުގެ ސަރުކާރާ ގާތްވުމަކީ އެމެރިކާ ކަންބޮޑުވާކަމެއްކަން ހާމަކުރައްވައި ވާހަކަ ދައްކަވާފައެވެ. ނަމަވެސް ރޮއިޓާސް ބުނާގޮތުން އަރަބިން މިހާރުތިބީ ކުރިން ކަންކަމުގައި އެމެރިކާގެ ރުހުން ހޯދާގޮތަށް މިހާރު މިފަދަ ކަންކަމުގައި އެމެރިކާގެ ރުހުން ހޯދާގޮތަކަށް ނޫނެވެ.
މިގޮތުން ދާދި އަވަހަށް މިސްރާއި ސޫރިޔާގެ ރައީސުން ބައްދަލުކުރަން ހަމަޖެހިފައިވާ ކަމަށާއި ލަސްތަކެއްނުވެ ސައޫދީ ޚާރިޖީ ވަޒީރުވެސް ސޫރިޔާގެ ޚާރިޖީ ވަޒީރާ ބައްދަލުކުރައްވާނެކަމަށް އަރަބި ޑިޕްލޮމެޓިކް މަސްދަރުތަކާ ހަވާލާދީ ރޮއިޓާސް ބުނެއެވެ.
ރިޕޯޓްތައް ބުނާގޮތުން ސައޫދީ އަރަބިޔާ ގެންދަނީ އަންނަ މޭމަހުގެ 19 ވަނަދުވަހު އެގައުމުގައި ބޭއްވުމަށް ހަމަޖެހިފައިވާ އަރަބި ގައުމުތަކުގެ އިސްވެރިންގެ ސަމިޓްގެ ކުރިން ސޫރިޔާ އަލުން އަނބުރައި އަރަބި ލީގަށް ރުޖޫއަ ކުރުމަށް މަސައްކަތް ކުރަމުންނެވެ. މިކަމުގައި މިސްރާއީ ޔޫއޭއީ އަދި އަލްޖަޒާއިރާއި އިރާގު ފަދަ ގައުމުތަކުގެ ސަޕޯޓް ސައޫދީއަށް އެބައޮތެވެ.
އަރަބި ލީގުގެ މެންބަރުކަމުން ސޫރިޔާ ވަގުތީގޮތުން ވަކިކޮށްފައިވަނީ (ސަސްޕެންޑްކޮށްފައިވަނީ) 2011 ވަނަ އަހަރު ސޫރިޔާގައި ފެށި ދާޚިލީ ހަނގުރާމައާ ގުޅިގެންނެވެ. މި ހަނގުރާމައިގާ އަރަބި ގިނަ ގައުމުތައް ތާއީދުކުރީ އެމެރިކާއާއި ތުރުކީގެ މަދަދު ލިބިގެން ގަދަބާރުން ސޫރިޔާގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރި ސޫރިޔާގެ އިދިކޮޅު ޖަމާއަތްތަކަށެވެ.
ނަމަވެސް ރަޝިއާއާއި އީރާނުގެ މަދަދުލިބޭ ސޫރިޔާގެ ސަރުކާރު ވައްޓާލުމުގައި އިދިކޮޅު ޖަމާއަތްތައް ނާކާމިޔާބުވުމުން އެމެރިކާގެ މަގްސަދު ހާސިލް ކުރެވިފައެއް ނުވެއެވެ. މިއާއެކު އެމެރިކާ ގެންދަނީ ސޫރިޔާއާ ދެކޮޅަށް އެގައުމުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އެގޮތުގައި ދަމަހައްޓައި ސޫރިޔާ އެކަހެރިކުރުމުގެ ސިޔާސަތެއް ތަންފީޒު ކުރަމުންނެވެ.
މިކަމުގެ ބޭނުމަކީ ހަނގުރާމަކޮށްގެން ހާސިލް ނުކުރެވުނު މަގްސަދު ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިގެންނާއި ސޫރިޔާ އެކަހެރިކޮށް އެގައުމު އަލުން ބިނާކޮށް އާރާސްތުކުރުމުގެ ފުރުސަތު ނުދިނުމެވެ. އަދި ބައްޝާރުގެ ސަރުކާރު ވައްޓާލުން ނޫންގޮތެއް ސޫރިޔާގެ ރައްޔިތުންނަށް ނެތްކަމާއި ގައުމު އާރާސްތު ކުރުމުގެ ފުރުސަތު ދެވޭނީވެސް ބައްޝާރުގެ ސަރުކާރު ވައްޓާލުމުންކަން ސޫރިޔާގެ ރައްޔިތުންނަށް އަންގައިދީ އެކަމަށްޓަކައި ސޫރިޔާގެ ރެފިއުޖީން ހިމެނޭގޮތަށް މުޅި ރައްޔިތުންނަށް ފިއްތުންތައް ކުރިމަތި ކުރުމެވެ.
ނަމަވެސް މިކަމުގައި އެމެރިކާގެ ވިސްނުން ގެންގުޅުނު އަރަބި ގައުމުތަކުގެ ތެރެއިން ގަތަރު ފިޔަވައި އެހެން ގައުމުތަކުގެ ޚިޔާލާއި ސިޔާސަތު މިހާރުވަނީ ބަދަލުވެފައެވެ. ސައޫދީ އާއި ގަލްފުގެ ގައުމުތަކާއި މިސްރު ދެކޭގޮތުން ބައްޝާރުގެ ސަރުކާރު ވެއްޓެންދެން ސޫރިޔާ އެކަހެރިކޮށް ބޭއްވޭކަށް ނޯންނާނެއެވެ. އަދި ސޫރިޔާ އަލުން ބިނާކޮށް އާރާސްތު ނުކޮށް ސިޔާސީ ބޭނުމަށްޓަކައި އެގައުމުގެ ރައްޔިތުންނާ އަޅާނުލައި އެމީހުން ބިކަކޮށްގެން ތާއަބަދަކު ނޫޅެވޭނެއެވެ.
އެހެންކަމުން ގަތަރު ފިޔަވައި އަރަބި އެހެން ގައުމުތައް މިހާރު ބޭނުންވަނީ ބައްޝާރުގެ ސަރުކާރާ އަލުން ގުޅުންތައް ބަދަހިކުރުމަށާއި ސޫރިޔާ އަލުން އަނބުރައި އަރަބި ލީގަށްވެސް ގެންދިޔުމަށް ކަމަށް ރޮއިޓާސް ބުނެއެވެ. އަރަބި އެހެން ގައުމުތަކާ ޚިލާފަށް ގަތަރުން ސޫރިޔާއާ މެދު ގެންގުޅެނީ އަދިވެސް ވަރަށް ހަރުކަށި ސިޔާސަތެކެވެ.
އެމެރިކާއަކީ ސޫރިޔާގެ އުތުރުގެ ސަރަހައްދަކަށް ގާނޫނާ ޚިލާފަށް ވަދެގަނެ އެސަރަހައްދު އިސްތިއުމާރުކޮށް ސޫރިޔާގެ ކުރުދީ ބާޣީންނަށް އެހީތެރިވަމުންދާ ގައުމެކެވެ. އަދި އެމެރިކާގެ ހިމާޔަތް ލިބޭ އިސްރާއީލު ގެންދަނީ ސޫރިޔާއަށް އަމާޒުކޮށް އުދުވާނީ ހަމަލާތައްދީ ސްޓޭޓް ޓެރަރިޒަމްގެ އަމަލުތައް ސޫރިޔާއާ ދެކޮޅަށް ހިންގަމުންނެވެ.