ދިމިޝްގު (11 ޖަނަވަރީ 2025) : ސޫރިޔާގެ ވެރިރަށް ދިމިޝްގުގައި ހުންނަ ސިއްތުނާ ޒައިނަބުގެފާނުގެ (ކީރިތި ރަސޫލާ ޞޢވ ގެ ދަރިކަނބަލުންގެ) މަގާމުފުޅު (މިސްކިތަކާއެކު ހުންނަ އެކަމަނާގެ ޒިޔާރަތް)، ޓެރަރިސްޓް ހަމަލާއެއްދީގެން ގޮއްވާލަން މަސައްކަތްކުރި އައިއެސް ޖަމާއަތުގެ ޓެރަރިސްޓުންތަކެއް ސޫރިޔާގެ މިހާރުގެ ސަރުކާރުން ހައްޔަރުކޮށްފިއެވެ.
ސޫރިޔާގައި މިހާރު ވެރިކަންކުރާ ކުރީގެ ޖަބްހަތުއްނުސްރާ އަދި މިހާރުގެ ހައިއަތު ތަހްރީރް އައްޝާމް ޖަމާއަތުގެ ދާޚިލީ ވުޒާރާއާ ހަވާލާދީ ސޫރިޔާގެ ރަސްމީ ނޫސްއެޖެންސީ (ސާނާ) ބުނިގޮތުގައި ސިއްތުނާ ޒައިނަބުގެފާނުގެ މަގާމުގައި (މިސްކަތަކާއެކު ހުންނަ އެކަމަނާގެ ޒިޔާރަތުގައި) ގޮވާތަކެތި ހަރުކޮށް އެތަން ގޮއްވާލަން މަސައްކަތްކުރި ޓެރަރިސްޓުންގެ ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މިއީ ސޫރިޔާގައިވާ ތާރީޚީ އަދި އާސާރީ ތަންތަން ހަލާކުކޮށްލުމުގެ ރޭވުމުގެ ދަށުން ހިންގަން އުޅުނު ޓެރަރިސްޓް ހަމަލާއެއްކަމަށްވެސް ސޫރިޔާގެ ރަސްމީ ނޫސްއެޖެންސީ ބުނެފައިވެއެވެ.
ސޫރިޔާގެ ޖާސޫސީ އިދާރާގެ މަސްއޫލުވެރިއަކު ވިދާޅިވިގޮތުގައި ސިއްތުނާ ޒައިނަބުގެފާނުގެ ޒިޔާރަތް ގޮއްވާލަން އުޅުނު މީހުންނަކީ އައިއެސް ޖަމާއަތަށް ނިސްބަތްވާ ބައެކެވެ. ސޫރިޔާގެ މިހާރުގެ ވެރިންނަކީވެސް އައިއެސް ޖަމާއަތަށް ނިސްބަތްވާ ބައެކެވެ.
ނަމަވެސް ސޫރިޔާގެ ވެރިކަމަށް އައުމުގެ ތަންކޮޅެއް ކުރިން ފެށިގެން އެ މީހުން ވަނީ އައިއެސް ޖަމާއަތުން ގެންގުޅޭ ހަރުކަށި ބޯދާ ސަލަފީ ތަކްފީރީ ޓެރަރިސްޓް ފިކުރާ ދުރަށް ގޮސް ތަންކޮޅެއް މޮޑަރޭޓް ފިކުރެއްގައި މަސައްކަތް ކުރަން ފަށާފައެވެ.
ސޫރިޔާގެ މިހާރުގެ ވެރިޔާ އަހްމަދުއްޝަރްއު (އަބޫމުހައްމަދުލް ޖޫލާނީ) އަކީވެސް ކުރިން އައިއެސް ޖަމާއަތުގެ ހަރުކަށި ބޯދާ ސަލަފީ ތަކްފީރީ ޓެރަރިސްޓް ފިކުރުގައި ޖެހިގެން އުޅުއްވި ބޭފުޅެކެވެ.
ދެހާސް ތޭރަ ހިސާބުގައި އިރާގުގައި އައިއެސް ޖަމާއަތް އާދަޔާ ޚިލާފަށް ބާރުގަދަވެ އައިއެސްގެ ޓެރަރިސްޓުން އިރާގުގެ މޫސަލްއަށް ވަދެގަނެ އާންމުން މަރައި ގެދޮރު އަންދައި މީހުންގެ ބޯކަނޑައި ގަތުލުއާންމުތައް ހިންގަން ފެށުމުން އަހްމަދުއްޝަރްއު ވަނީ އައިއެސްގެ އޭރުގެ ޚަލީފާއެއް ކަމަށް ހެދިގެން އުޅުނު ނުރައްކާތެރި ޓެރަރިސްޓް އަބޫބަކުރުލް ބަޣްދާދީ އާ ދުރަށްގޮސްފައެވެ.
އަހްމަދުއްޝަރްއު ވަނީ ބަޣްދާދީ އާ ދެބަސްވެ އަދި އޭނާގެ މައިޖަމާއަތާ ވަކިވެގަނެ ޖަބްހަތުއްނުސްރާގެ ނަމުގައި އައިއެސްގެ ތަކްފީރީ ފިކުރުގެ އެހެން ޖަމާއަތެއް ކަމަށްވާ ޖަބްހަތުއްނުސްރާ އުފައްދައި އިރާގު ދޫކޮށް އޭނާގެ ބައިވެރިންނާއެކު ސޫރިޔާގެ އައްރިއްޤާއަށް ބަދަލުވެފައެވެ.
ނަމަވެސް މޫސަލްގައި ހުރި ސައްޔިދުނާ ޔޫނުސްގެފާނުގެ ޒިޔާރަތް ގޮއްވާލި ޓެރަރިސްޓް ހަމަލާގައި އެ ދުވަސްވަރު އަބޫމުހައްމަދުލް ޖޫލާނީގެ ނަމުގައި ހަރަކާތްތެރިވި އަހްމަދުއްޝަރުވެސް ބައިވެރިވި ކަމަށް އިރާގު ސަރުކާރުން އެ ދުވަސްވަރު ތުހުމަތު ކޮށްފައިވެއެވެ.
އައިއެސް ޖަމާއަތުން ގެންގުޅޭ ސަލަފީ ތަކްފީރީ ވިސްނުމުގައި ޒިޔާރަތްތަކާއި ތާރީޚީ މަގާމުފުޅުފަދަ ތާރީޚީ މަގްބަރާ ތަކަކީ ތަޅައި ބިމާހަކުރަންޖެހޭ ތަންތަނެވެ. އެތަންތަން ތަގްދީސްކުރުމުގެ ޚުރާފާތުތައް ގެންގުޅޭ މީހުންނަށް އެކަމުގެ ހަގީގަތް ވިސްނައިދީ ދީނުގައި އޮންނަ ރަނގަޅުގޮތް އެ މީހުންނަށް ބުނެދީ އެ މީހުން ހޭލުންތެރި ކުރުވައި އެއީ ހަމައެކަނި ތާރީޚީ ބޭނުމަށް ހުންނަ އާސާރީ ތަންތަންކަން ވިސްނައި ދިނުމުގެ ބަދަލުގައި އައިއެސް ޖަމާއަތުން ގެންގުޅޭ ސަލަފީ ތަކްފީރީ ވިސްނުން ބިނާކޮށްފައިވަނީ އެތަންތަން ތަޅައި ބިމާހަމަކޮށް އާސާރީ ތަރިކަ ނައްތާލުމުގެ މައްޗަށެވެ.
މިބާވަތުގެ އާސާރީ ތަންތަން ހުރެއްޖެނަމަ އެތަނެއް ތަޅައިނުލައި އެ ފިކުރުގެ މީހުންނަށް ނިދިނާންނަކަމަށް އެ ޖަމާއަތްތަކާބެހޭ ރިޕޯޓްތައް ބުނެއެވެ.
އަރަބި ޖަޒީރާ ސަރަހައްދުގައި (މިހާރުގެ ގަލްފުގެ ގައުމުތަކުގައި) ކުރިންހުރި މިބާވަތުގެ ތާރީޚީ ގަދީމީ ތަންތަންވެސްވަނީ ތަޅައި ސުންނާފަތިކޮށް ބިމާހަމަކޮށްފައެވެ. މިކަމުގެ ސަބަބުން އަރަބި ޖަޒީރާގައިވާ ތާރީޚީ ބޮޑެތި އެސެޓްތައް ވަނީ މުޅިން ގެއްލިފައެވެ.
ގަލްފުގެ ގައުމުތަކުގައި ފަތުރުވެރިކަން ކުރިއަރުވަން މަސައްކަތްކުރާއިރު މި ބާވަތުގެ ޒިޔާރްތަތަކާއި ތާރީޚީ އެތައް ސަތޭކަ އެސެޓްތަކެއް ގަސްދުގައި ތަޅައި ހަލާކުކޮށް ބިމާ ހަމަކޮށްލާފައިވާ ކަމުގެ ދެރަ އެ ގައުމުތަކުން މިހާރު އިހުސާސް ކުރެއެވެ.
ސޫރިޔާގެ މިހާރުގެ އިސް ވެރިންނަކީ ކުރިން އައިއެސް ޖަމާއަތަށް ނިސްބަތްވާ ބައެއްކަމަށް ވިޔަސް އެ ބޭފުޅުން މިހާރު ގެންދަވަނީ އައިއެސްއަކީ ޓެރަރިސްޓް ޖަމާއަތެއްކަމަށް ސިފަކޮށް އެ ޖަމާއަތުގެ ހަރުކަށި އަދި ބޯދާ ތަކްފީރީ ފިކުރާ ދުރަށްގޮސް މޮޑަރޭޓްވެ, އެ ފިކުރާ ދެކޮޅަށް އަޑުއުފުލަމުންނެވެ.
ސޫރިޔާގައީ އައިއެސްއަށް ނިސްބަތްވާ ތަކްފީރީ ޖަމާއަތްތަކުން ގެންދަނީ އެ ޖަމާއަތުގެ ހަރުކަށި ބޯދާ ފިކުރަށް ޚިޔަނާތްތެރިވި ކަމުގެ ތުހުމަތު އަހްމަދިއްޝަރުއުއާއި އޭނާގެ ބައިވެރިންގެ ބޮލުގައި އަޅުވަމުންނެވެ.
އަހްމަދުއްޝަރުއު އާއި އޭނާގެ ބައިވެރިންނަކީ އަދި އަހްމަދުއްޝަރުއުގެ ޖަމާއަތްކަމަށްވާ ހައިއަތު ތަހްރީރުއްޝާމް ޖަމާއަތަކީ އަދިވެސް ދުނިޔޭގެ ގައުމުތަކުން ޓެރަރިސްޓުންގެ ގޮތުގައި ސިފަކުރާ ބައެކެވެ. އެ މީހުންގެ ނަންތައް އަދިވެސް ޓެރަރިސްޓުންގެ ލިސްޓުން ނުނަގައެވެ.
ޓެރަރިސްޓުންގެ ލަގަބުން ސަލާމަތްވުމަށްޓަކައި އަހްމަދުއްޝަރުއު ވަނީ އޭނާގެ ޖަމާއަތްކަމަށްވާ ހައިއަތު ތަހްރީރުއްޝާމް އުވަލާނެކަމަށް ވިދާޅުވެފައެވެ.
ސޫރިޔާގައިވާ މިބާވަތުގެ ޒިޔާރަތްތަކާއި މަގާމުފުޅުފަދަ ތަންތަން ތަޅައި ހަލާކުނުކުރާނެކަމާއި އެތަންތަނަކީ ދީނީ ތަންތަން ނޫންކަމާއި އެއީ ތާރީޚީ އަދި ގައުމުގެ ހެރިޓޭޖް އާ ގުޅޭތަންތަން ކަމަށް ވިދާޅުވެ ސޫރިޔާގެ މިހާރުގެ ސަރުކާރުން ވަނީ އެ ގައުމުގައިވާ ޝިޔައީ، ސުންނީ އަދި ނަސާރާ އިންނާއި އެ ނޫން ފަރާތްތަކަށްވެސް ނިސްބަތްވާ މިބާވަތުގެ ތާރީޚީ އެއްވެސް ތަނެއް ހަލާކު ކޮށްނުލާނެ ކަމުގެ ޔަގީންކަން ދީފައެވެ.
ސޫރިޔާގައި މިހާރު ކަންކަން ދާގޮތުން އެ ގައުމުގައި ތިބި އައިއެސްގެ ހަރުކަށި ފިކުރުގެ ތަކްފިރީ ޖަމާއަތްތަކުގެ ހަނގުރާމަވެރިންނާއި ސޫރިޔާގެ މިހާރުގެ ސަރުކާރުގެ ސިފައިންނާ ދެމެދު ބޮޑު ކުރިމަތިލުންތަކެއް ހިނގާނެކަމުގެ ބިރު ވަރަށް ބޮޑެވެ.