ސޫރިޔާގެ ލީޑަރު ޖަރުމަނުގެ ޚާރިޖީ ވަޒީރާ އާ ސަލާން ކުރަން ދެެކޮޅު ހެއްދެވުމުން މައްސަލަ ހޫނުވެއްޖެ

ސޫރިޔާގެ އައު ލީޑަރާއި ޖަރުމަނުގެ ޚާރިޖީ ވަޒީރާ

ދިމިޝްގު (6 ޖަނަވަރީ 2025) : ޖަރުމަނުގެ ޚާރިޖީ ވަޒީރާ އަނަލެނާ ބެއާބޮކް ރަސްމީ ދަތުރުފުޅެއްގައި މިދިޔަ ހުކުރުދުވަހު ސޫރިޔާއަށް ކުރެއްވި ޒިޔާރަތުގައި ސޫރިޔާގެ މިހާރުގެ ވެރިޔާ އަހްމަދުއްޝަރުޢު (އަބޫ މުހައްމަދުލް ޖޫލާނީ) އެކަމަނާ އާ ސަލާން ކުރެއްވުމަށް ދެކޮޅު ހެއްދެވި މައްސަލަ ހޫނުވެ, ޖަރުމަނާއި ހުޅަނގުގެ މީޑިއާ ތަކުން މިމައްސަލަ ވަރަށް ބޮޑުކޮށްލައިފިއެވެ.

ޖަރުމަނުގެ ނޫސްތަކާއި މެއިންސްޓްރީމް މީޑިއާތައް ބުނާގޮތުން އަނަލެނާ ބެއާބޮކް އަކީ އަންހެނަކަށްވާތީ އެކަމަނާ އާ ސަލާން ކުރެއްވުމަށް ސޫރިޔާގެ މިހާރުގެ ވެރިޔާ އަހްމަދުއްޝަރުޢު ދެކޮޅު ހެއްދެވުމަކީ ދީނުގެ ނަމުގައި ސޫރިޔާގެ މިހާރުގެ ވެރިން ގެންގުޅޭ ހަރުކަށި ވިސްނުން ވަރަށް ބޮޑަށް ފާޅުވެގެން ދިޔަ ކަމެކެވެ.

އެ މީޑީއާތައް ބުނާގޮތުން މިއީ ސޫރިޔާގެ މިހާރުގެ ވެރިކަމުގެ ނިޒާމުގައި ހަރުކަށި ވިސްނުން އަށަގެންފައިވާ މިންވަރު ވަރަށް ބޮޑަށް ހާމަވެގެން ދިޔަ ކަމެެކެވެ.

މިއާއެކު ވެސް އެ ކަމަށް އިހުތިރާމްކޮށް ސޫރިޔާގެ މިހާރުގެ ވެރިންނާ މުއާމަލާތް ކުރުން ނޫންގޮތެއް ޔޫރަޕަށް ނެތްކަމަށް މި ކަމާބެހޭގޮތުން ޖަރުމަނާއި ފަރަންސޭސި މީޑިއާތަކުން ޝާއިޢުކޮށްފައިވާ ގިނަ ރިޕޯޓްތައް ބުނެއެވެ.

ޖަރުމަނުގެ ޚާރިޖީ ވަޒީރާ ސަލާން ކުރުމަށް އަހްމަދުއްޝަރުއު ދެކޮޅު ހައްދަވަނީ

ޖަރުމަނުގެ ޚާރިޖީ ވަޒީރާ އަނަލެނާ ބެއާބޮކް ސޫރިޔާއަށް ކުރެއްވި ދަތުފުޅުގައި އެ ކަމަނާއާއެކު ފަރަންސޭސި ޚާރިޖީ ވަޒީރު ޖިއާން ނޮއެލް ބެރޮޓް ވެސް ސޫރިޔާއަށް ވަޑައިގެން ސޫރިޔާގެ މިހާރުގެ ވެރިޔާ އަހްމަދުއްޝަރުޢު އާ ބައްދަލުކުރެއްވިއެވެ.

ޝަރުޢު ވަނީ ބެރޮޓް އާ ސަލާމް ކުރައްވައި ބެއާބޮކް ސަލާން ކުރެއްވުމަށް ދެކޮޅު ހައްދަވާފައެވެ. އަހްމަދުއްޝަރުއު އާ ބައްދަލުކުރި ވަގުތު އޭނާއާ ސަލާންކުރައްވަން ޖަރުމަނުގެ ޚާރިޖީ ވަޒީރާ ބެއާބޮކް އަތްވެސް ދިއްކޮށްލާތަން ވީޑިއޯ އިން ފެނިފައިވެއެވެ.

ފަރަންސޭސި ޚާރިޖީ ވަޒީރު ބެރޮޓް ވަނީ އެނބުރި ފަރަންސޭސިވިލާތަށް ވަޑައިގަތުމަށްފަހު މިކަމާމެދު ހިތްޕުޅު ހަމަޖެހިވަޑައިނުގެން ވާހަކަ ދައްކަވާފައެވެ.

ފަރަންސޭސި އަމިއްލަ މީޑިއާ އަކަށް ދެއްވި ބަސްދީގަތުމެއްގައި، ޝަރުޢުގެ މިއަމަލުގެ ސަބަބުން ކަންބޮޑުވިކަމަށް ބެރޮޓް ވިދާޅުވެފައިވެއެވެ.

"އަހަރެން އުންމީދުކޮށްގެން ހުރީ ދީނުގެ ނަމުގައި ޝަރުއު ކުރިން ގެންގުޅުއްވި ހަރުކަށި އަމަލުތައް ދޫކޮށްލައްވާފައިވާނެކަމަށް، އަދި އަންހެނުންނާ ސަލާމް ނުކުރުމުގެ އާދަވެސް ދޫކޮށްލައްވާފައިވާނެ ކަމަށް، ނަމަަވެސް ފެނުނީ އުންމީދުކުރި މަންޒަރެއް ނޫން," އެ ބަސްދީގަތުމުގައި ބެރޮޓް ވިދާޅުވެފައިވެއެވެ.

ފަރަންސޭސި ރަސްމީ ނޫސް އެޖެންސީން ވެސްވަނީ އެ ގައުމުގެ ޚާރިޖީ ވަޒީރު ބެރޮޓްގެ މި ވާހަކަތަކަށް ސަމާލުކަންދީ މިޚަބަރު ފަތުރާފައެވެ.

ސޫރިޔާގެ އައު ލީޑަރު ފަރަންސޭސި އަދި ޖަރުމަނުގެ ޚާރިޖީ ވަޒީރުންނާ ބައްދަލުކުރައްވަނީ

ނަމަވެސް ޔޫރަޕްގެ ބައެއް ނޫސްތައްވަނީ މިމައްސަލަ މިނޫންގޮތްގޮތަށްވެސް ގެނަސްދީފައެވެ. ބައެއް ނޫސްތައް ބުނާގޮތުން ދީނުގެ ނަމުގައި ހަރުކަށިކަން ނުގެންގުޅޭ މުސްލިމް ބައެއް ފިރިހެނުންވެސް ހިލޭ އަންހެނުންނާ ސަލާން ކުރަން ދެކޮޅު ހަދައެވެ. އަނެއްކޮޅުން މުސްލިމުންގެ ބައެއް ދީނީ އިލްމުވެރިން ހިލޭ އަންހެނުންނާ ސަލާމް ކުރައްވާކަމަށާ ނަމަވެސް އަނެއްބައި އިލްމުވެރިން އަންހެނުންނާ ސަލާން ނުކުރާކަމުގައެވެ.

ޔޫރަޕްގެ ބައެއް މީޑީއާތަކުން ބުނެފައިވަނީ އެއީ ހަދީޘް ފަދަ އިސްލާމް ދީނުގެ ބައެއް ނައްސުތައް ބައެއް ފަރާތްތަކުން ތަފްސީރު ކުރާގޮތް ތަފާތުވުމުގެ ސަބަބުން ދިމާވާ ކަމެއްކަމަށް ސިފަކޮށްފައެވެ.

ފަރަންސޭސި ބައެއް ލިޔުންތެރިންނާއި މީޑީއާ ބައެއް ރިޕޯޓްތައް ބުނާގޮތުން އެއްޖިންސުން ގުޅުން ހިންގުންފަދަ އިސްލާމް ދީނުގައި ހަރާމްކަންކަން ޔޫރަޕުން ހުއްދަކޮށްގެން އުޅޭއިރު އަންހެނުންނާ ސަލާމް ނުކުންފަދަ އާދައިގެ ކަންކަން މުސްލިމުންގެ ކިބައިން ފެނުމުން އެކަން ޔޫރަޕް ގެ ލީޑަރުން މާބޮޑުކޮށްލައިގެން އުޅެެގެން ވާނެ ފައިދާއެއް ނޯންނާނެކަމުގައެވެ.

ޖަރުމަނުގެ ޚާރިޖީ ވަޒީރާ އަނަލެނާ ބެއާބޮކް ސޫރިޔާއަށް ކުރެއްވި ދަތުރުފުޅަށް ފަހު ދެއްވި ބަޔާނެއްގައި ވަނީ ސޫރިޔާއަކީ މިހާރު އައިއެސް ފިކުރުގެ ތަކްފީރީ ޓެރަރިސްޓުން ވީއްލިގަނެގެން އުޅެމުންދާ ގައުމެއްކަމަށް ސިފަކުރައްވާފައެވެ. ސޫރިޔާގައި އެތައް ހާސް ޓެރަރިސްޓުން މިނިވަންކަމާއެކު އުޅެމުން ގެންދާކަމަށް ވިދާޅުވެ އެކަމަނާވަނީ ވަރަށް ހަރުކަށިކޮށް ވާހަކަ ދައްކަވާފައެވެ.

ސޫރިޔާގައި އަލަށް ގާއިމް ވަމުންދާ އިސްލާމީ ނިޒާމުގެ ވެރިކަމަށް ޖަރުމަނު ވެސް އަދި ޔޫރަޕުން ވެސް އެއްވެސް އެހީއެއް ފޯރުކޮށް ނުދޭނެކަން އަހްމަދުއްޝަރުއު އަށް ދެންނެވި ކަމަށް ޖަރުމަނުގެ ޚާރިޖީ ވަޒީރާ ވަނީ ވިދާޅުވެފައެވެ.

ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދުގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރި ޖަމާއަތްތައް ބައްޝާރުގެ ނިޒާމުގެ މައްޗަށް ކާމިޔާބު ހޯދުމަށްފަހު އެޖަމާއަތްތައް މިހާރުވަނީ ސޫރިޔާގެ ވެރިކަން ހޯދާފައެވެ.

ބައްޝާރުގެ ވެރިކަން ބާރުގެ ބޭނުންކޮށްގެން ވައްޓާލުމަށްޓަކައި "ޓިމްބާ ސްކައިމޯ" ގެ ނަމުގައި ޕްރޮގްރާމެއް ފެށީ އެމެރިކާއެވެ. މި ޕޮރޮގްރާމު 2012 ވަނަ އަހަރު، އިއުލާން ކުރެއްވީ އެމެރިކާގެ އޭރުގެ ރައީސް ބަރަކް އޮބާމާއެވެ.

އދ. ގެ ސެކްރެޓަރީ ޖެނެރަލް ގެ މުސްތަޝާރަކަށް އެދުވަސްވަރު ހުންނެވި ޕްރޮފެސަރު ޖެފްރީ ސެޗްސް ވިދާޅުވެފައިވާ ގޮތުގައި މިމަޝްރޫއު ތަންފީޒު ކުރަން އޮބާމާ ހަވާލުކުރެއްވީ އެމެރިކާގެ މަރުކަޒީ ޖާސޫސީ އިދާރާ ސީއައިއޭ އާއެވެ.

"ކޮމަން ޑްރީމްޒް" ގައި ޕްރޮފެސަރު ޖެފްރީ ސެޗްސް ލިޔުއްވާފައިވާ ގޮތުން ބައްޝާރު ވެރިކަމުން ދުރުކުރުމުގެ މަޝްރޫއު ތަންފީޒު ކުރުމަށް ޓަކައި އައިއެސް ޖަމާއަތާއި އެނޫންވެސް ޖިހާދުގެ ނަމުގައި ހަރަކާތްތެރިވި ސަލަފީ ތަކްފީރީ ޖަމާއަތްތައް ސޫރިޔާއަށް ގެނަސް "ޓިމްބާ ސްކައިމޯ" މަޝްރޫއުގެ ފަހަތުގައި އޮތީ އެމެރިކާއެވެ.

އެމެރިކާގެ މަރުކަޒީ ޖާސޫސީ އިދާރާ ސީއައިއޭ އާއި އެމެރިކާއާށް ވާގިވެރިވާ ޔޫރަޕްގެ ބާރުތަކުގެ ޖާސޫސީ އިދާރާތަކެވެ. ދެން ތުރުކީއާއި ގަތަރު ފަދަ ބައެއް އިސްލާމީ ގައުމުތަކެވެ.

ޕްރޮފެސަރ ޖެފްރީ ސެޗްސް ވިދާޅުވެފައިވާ ގޮތުގައި އިރާގާއި ސޫރިޔާ ފަދަ މެދުއިރުމަތީގެ ގައުމުތަކުގައި އުފެދުނު އިންޓަނޭޝަނަލް ޓެރަރިޒަމްގެ ފަހަތުގައިވަނީ ސީދާ ހުޅަނގުގެ ޖާސޫސީ އިދާރާތަކެވެ. ދެން ތުރުކީއާއި ގަތަރުފަދަ ގަލްފުގެ ބައެއް އަރަބި ގައުމުތަކެވެ.

އިންޓަނޭޝަނަލް ފަރާތްތަކެއް ނެތި އިންޓަނޭޝަނަލް ޓެރަރިޒަމް ނުއުފެދޭނެކަން "ކޮމަން ޑްރީމްޒް" ގައި ޕްރޮފެސަރު ޖެފްރީ ސެޗްސް ލިޔުއްވާފައިވާ އާޓިކަލްގައިވަނީ ވަރަށް ސާފުކޮށް ބަޔާން ކުރައްވާފައެވެ.

ސޫރިޔާގައި މިހާރު ވެރިކަންކުރަނީ ޓެރަރިސްޓް ޖަމާއަތްތަކުގެ ގޮތުގައި ސޫރިޔާގައި އެދުވަސްވަރު ހަނގުރާމަ ކުރި އެންމެ މަޝްހޫރު އެއް ޖަމާއަތްކަމަށްވާ ޖަބްހަތުއްނުސްރާގެ އިސްވެރިންނެވެ. ނަމަވެސް އެޖަމާއަތް ފަހުންވަނީ "ހައިއަތު ތަހްރީރް އައްޝާމް" ގެ ނަމަށް ބަދަލުކޮށްފައެވެ.

މިއާއެކު ވެސް ދުނިޔޭގެ އެއްވެސް ގައުމަކުން ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓުން މިޖަމާއަތް އަދި އުނިކޮށްފައެއް ނުވެއެވެ. ނަމަވެސް ޖަބްހަތުއްނުސްރާގެ އިސްވެރިންގެ ގޮތުގައި ކުރިން ތިއްބެވި އަބޫމުހައްމަދުލް ޖޫލާނީ މިހާރުގެ ނަމުންނަމަ އަހްމަދުއްޝަރުއު އާއި އޭނާގެ ބައިވެރިންގެ ވިސްނުމާއި ފިކުރު މިހާރުވަނީ ވަރަށް ބޮޑަށް ބަދަލުކޮށްފައެވެ.

އަދި އެމީހުން ކުރިން އެޅި ޖުއްބާއާއި ފަގުޑީގެ ހެދުންވެސް މިހާރު ވަނީ ކޯޓު ފަޓްލޫނަށް ބަދަލުކޮށްފައެވެ.

އަހްމަދުއްޝަރުއު ކުރިން ގެންގުޅުއްވި ހަރުކަށި ތަކްފީރީ ވިސްނުން ބަދަލުކުރެއްވި މައްސަލައިގައި އޭނާއާއެކު ކުރިން އުޅުނު ހަނގުރާމަވެރިންނާއި އޭނާ އާ ދެމެދު މިހާރުވަނީ މައްސަލަ ހޫނުވެ ގުޅުންތައް ގޯސްވެފައެެވެ.

ގުޅޭ ޓެގު
comment ކޮމެންޓް