ފޭދޫގެ އެޕާޓްމެންޓެއްގައި ރޯވެ، ބޭނުން ނުކުރެވޭ ވަރަށް އަނދައިފި

ފޭދޫ އެޕާޓެމެންޓެއްގައި ރޯވެ، ބޭނުން ނުކުރެވޭ ވަރަށް އަނދާފައި -- ފޮޓޯ/ އެމްއެންޑީއެފް

އައްޑޫ ސިޓީ ފޭދޫގައި މީހުން ދިރިއުޅެމުން އައި ގެއެއްގައި ހުރި އެއް ކޮޓަރީގެ އެޕާޓްމެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި، އެތަން ބޭނުން ނުކުރެވޭ ވަރަށް އަނދައިފިއެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަން "ސަން"އަށް ވިދާޅުވީ ފޭދޫ މަދެލަ އަވަށު، އަލިވިދާގޭ ބައެއްގައި އަލިފާން ރޯވެގެން އުޅޭކަމުގެ މައުލޫމާލު މިރޭ 7:30ހާއިރު ލިބިފައިވާ ކަމަށެވެ.

"އެ މައުލޫމާތު ލިބުމާ ގުޅިގެން އެ ސަރަހައްދަށް ގޮސް ސިފައިންނާއި ފުލުހުންނާއި އާންމުން ގުޅިގެން އެ އަލިފާންގަނޑު މިހާރު ވަނީ ނިއްވާލެވިފަ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަން އަދި ކަށަވަރެއް ނުކުރެވެ،" އޮފިޝަލް ވިދާޅުވިއެވެ.

ފޭދޫ މާދެލަ ކައުންސިލް މެންބަރު މުޙައްމަދު ފައިސަލް މި ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ ހާދިސާގައި މީހަކަށް އަނިޔާއެއް ނުވިޔަސް އަލިފާން ރޯވި އެޕާޓްމެންޓް ވަނީ އެއްކޮށް އަނދާ އަޅިއަށް ވެފައި ކަމަށެވެ. އަދި ވިދާޅުވީ އެއީ ކަރަންޓް ޝޯޓެއްގެ ސަބަބުން ހިނގި ހާދިސާއެއް ކަމަށް ބެލެވޭ ކަމަށެވެ.

"އަލިފާން ރޯވި އެޕާޓްމެންޓްގައި ދިރިއުޅެނީ އެންމެ މީހަކު. އޭނާ ގެންގުޅޭ ހުރިހާ އެއްޗެއް ވެސް ވަނީ އަނދާފައި،" ފައިސަލް ވިދާޅުވިއެވެ.

އެ ހާދިސާ ހިނގި ވަގުތު އެ މީހާ ގޭގައި ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް