ވެލިދޫ ރަމަޟާން ވޮލީ ލީގުގެ ފިރިހެން ޑިވިޝަންގައި އީގަލްސްއިން ފޮއެނިކްސްގެ މައްޗަށް ކުރި ހޯދައިފިއެވެ.
ރޭ ވެލިދޫ ވޮލީ ކޯޓުގައި ކުޅުނު އެ މެޗު އީގަލްސްއިން ކާމިޔާބުކުރީ ތިން ސެޓު އެއް ސެޓުގެ ނަތީޖާއަކުންނެވެ.
އެ މެޗުގައި ދެ ޓީމުން ވެސް ވަނީ މޮޅު ކުޅުމެެއް ދަކައިފައެވެ. އެގޮތުން އެ މެޗުގެ ފުރަތަމަ ސެޓު 25-22 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ފޮއެނިކްސްއިންނެވެ.
ނަމަވެސް އީގަލްސްގެ ކުޅުން ރަނގަޅުކޮށް އެ ޓީމުން ވަނީ ޖެހިގެން އައި ތިން ސެޓު ވެސް ކާމިޔާބުކޮށްފައެވެ. މެޗުގެ ދެވަނަ ސެޓު 25-21 ގެ ނަތީޖާއަކުން އެ ޓީމުން ކާމިޔާބުކުރިއިރު ތިން ވަނަ ސެޓު އީގަލްސްއިން ކާމިޔުބުކުރީ 25-20 ގެ ނަތީޖާއަކުންނެވެ. އަދި މެޗުގެ ހަތަރުވަނަ ސެޓު އެ ޓީމުން ގެންދިޔައީ 25-21 ގެ ނަތީޖާއަކުންނެވެ.
ރޭގެ މެޗަކީ އެ މުބާރާތުގައި އީގަލްސް ކުޅުނު ދެވަނަ މެޗެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި އެ ޓީމުން ވަނީ ލެޖެންޑްސްއާ ވާދަކޮށް އެ ޓީމު ބަލިކޮށްފައެވެ.
މީގެ އިތުރުން މި މެޗުގެ ކުރިން ފޮއެނިކްސްއިން ވެސް ވަނީ މެޗެއް ކުޅެފައެވެ. އެ މެޗުގައި ތަންޑައާ ވާދަކޮށް އެ ޓީމުން ވަނީ މޮޅުވެފައެވެ.
ވެލިދޫ ރަމަޟާން ވޮލީބޯޅަ ލީގަކީ އެ ރަށު ޒުވާނުންގެ އިސްނެގުމަކަށް ވެލިދޫ ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ މުބާރާތެކެވެ. އެ މުބާރާތުގައި ފިރިހެން ފަސް ޓީމް ބައިވެރިވާއިރު، އަންހެން ތިން ޓީމެއް ވާދަކުރެއެވެ.
ވެލިދޫ ރަމަޟާން ވޮލީބޯލް ލީގުގެ މެއިން ސްޕޮންސަރަކީ ރެސްޓް ބްލޮކްސްއެވެ. އަދި، މީޑިއާ ޕާޓްނަރަކީ ސަން ސިޔާމް މީޑިއާއެވެ.