މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)އިން ޕާޓީތަކާ އެކު ބާއްވާ މަޝްވަރާތަކުން އެދެވޭ ކުރިއެރުމެއް ނުލިބިއްޖެ ނަމަ މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް އެ ޕާޓީގެ ރައީސް އަޚުމަދު ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ އާއްމުންނަށް ހުޅުވާލައިގެން ކްލަބްހައުސްގައި ކުރިއަށް ގެންދާ "މާއްދާ27" ފޯރަމްގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އެމްއާރުއެމުން ވަނީ ރިޔާސީ އިންތިޚާބާ ގުޅޭ ގޮތުން އެމްޑީޕީއާއި ޖޭޕީ އަދި އަދާލަތު ޕާޓީއާ އެކު މަޝްވަރާ ކުރައްވައިފައެވެ. އެ ޕާޓީން ބުނެފައިވަނީ އެކި ސިޔާސީ ޕާޓީތަކާއި ސިޔާސީ ބޭފުޅުންނާ އެކު ފަހުން ތަފުސީލީ ގޮތެއްގައި އިތުރު މަޝްވަރާތައް ބާއްވާނެ ކަމަށެވެ.
ފާރިސް ވިދާޅުވީ އެކި ފަރާތްތަކާ މަޝްވަރާ ކުރިޔަސް މުޅި ގައުމަށްޓަކައި އެމްއާރުއެމުން ގެންގުޅޭ ވިސްނުމާ އެއްގޮތް ވިސްނުމެއް ނެތް ނަމަ އެ ޕާޓީން އިންތިޚާބަށް ނުކުންނަން ތައްޔާރު ކަމަށެވެ.
މި ފަހުގެ ތާރީޚުގައި ކޮންމެ ޕާޓީއަކުން ވެރިކަން ކުރި ނަމަވެސް އޮންނަނީ އެ ޕާޓީގެ ނުފޫޒު ފުޅާކުރުމުގެ ވިސްނުން އެކަނިކަން ފާހަގަ ކުރައްވާ އޭނާ ވިދާޅުވީ ޕާޓީތަކުން ގައުމުގެ މުސްތަގުބަލާއި ބެހޭގޮތުން ގެންގުޅެނީ ކޮން ވިސްނުމެއް، ކޮން ސިޔާސަތެއްތޯ ވެސް ބަލަންޖެހޭ ކަމަށެވެ.
"އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުގައި ރާއްޖެ މި ކަންކަމުން އަރައިގަންނަން އެބަޖެހޭ. ކޮންމެ ފަހަރަކު ކޮންމެ ބަޔަކު ވެރިކަމަށް އައި ނަވެސް ނެތް ވަޒީފާތަކެއް އުފައްދާފައި ހަމައެކަނި މި ޕާޓީއަށް ސޮއި ކުރާ މީހުންނަށް އެކަންޏޭ ވަޒީފާ ލިބޭނީ މަގާމު ލިބޭނީ ފްލެޓް ލިބޭނީ ގޯތި ލިބޭނީ ލޯނު ލިބޭނީ ސަރުކާރުން ބޭނުންވާ ހުއްދަ ވެސް ލިބޭނީ ބުނާ ބުނުމަކީ އިންސާފެއް ނޫން،" ފާރިސް ވިދާޅުވިއެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ފާރިސް ވިދާޅުވީ އެ ނޫން ގޮތަކަށް ގައުމުގެ ކަންކަން ގެންދާނެ ކަން ޔަގީންވާ ބަޔަކާއެކު ނޫނީ އެމްއާރުމަށް މަސައްކަތެއް ނުކުރެވޭނެ ކަމަށާއި އެހެންވެ، އެފަދަ އެހެން ބައެއް ނެތް ނަމަ ދެން ޖެހޭނީ އެންމެ ކުރީ ސަފަށް ނުކުންނަވަން ކަމަށެވެ.

"އެހެންވީމަ އެ ފަދަ އެހެން ބައެއް ނެތް ކަމަށް ވާނަމަ ދެން ޖެހޭނީ މިކަންކަން ހިފައިގެން އަޅުގަނޑުމެން އެންމެ ކުރީ ސަފަށް ނުކުންނަން. ރައްޔިތުންނާ ހަމައަށް މި ކަންކަން ކޮންމެ ވެސް ބަޔަކު ގެންގޮސްދޭން އެބަޖެހޭ. މި ކަމުގައި އެހެން ގޮތެއް ނެތިގެން މިސާލަކަށް އެމްއާރުއެމުން ވަކި ކެންޑިޑޭޓެއް ނެރެގެން ކުރިއަށް ގެންދާ ނަމަ އަޅުގަނޑުގެ ވިސްނުން ހުރެދާނެ އެގޮތަށް. އަޅުގަނޑު ވެސް މި ހުރީ އެކަން ކުރަން ތައްޔާރަށް،" އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޚާއްސަކޮށް ކޮރަޕްޝަނާއި ޖިނާއީ އަދުލުގެ ނިޒާމާއި ޓެކްސޭޝަނާއި މީގެ ކުރިން ހިންގާފައިވާ އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލަތަކާއި މަރާއި މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރަންޖެހޭ ކަމަށެވެ.
އޭގެ އިތުރުން މިއަދުގެ ޖީލުތަކަށް ވަޒީފާ އަދާކުރުމާއި ރަނގަޅު އާމްދަނީއެއް ހޯދުމަށް ހުރި ހުރަސްތައް ނައްތާލުމުގެ އިތުރުން ބޯހިޔާވަހިކަމުގެ ދަތިތައް ވެސް ކުރިއަށް އޮތް ތަނުގައި ރަނގަޅުކުރަން ޖެހޭނެ ކަމަށް ފާރިސް ވިދާޅުވިއެވެ.
"މިހާރު މި ކުރާ މަސައްކަތަކީ މި ކަންކަން ހައްލުކުރުމަށް އެހެން ޕާޓީތަކުގެ ވިސްނުމަކީ ކޮބައިތޯ ބެލުން. އެހެން ވީމަ އެނޫން ގޮތަކަށް ގެންދާނެކަން ޔަގީންވާ ބަޔަކާއި އެކީގައި ނޫނީ އަޅުގަނޑުމެންނަށް މަސައްކަތެއް ނުކުރެވޭނެ،" އޭނާ ވިދާޅުވިއެވެ.
ފާރިސް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބާ ގުޅޭގޮތުން އިދިކޮޅު ޕީޕީއެމް ޕީއެންސީއާ ވެސް މަޝްވަރާ ކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
ރިޔާސީ އިންތިޚާބުގައި އެމްޑީޕީއާ އެކު ކޯލިޝަން ހެދުމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ފޮނުއްވި ދައުވަތު މިހާތަނަށް ގަބޫކޮށްފައިވަނީ އަދާލަތު ޕާޓީން އެކަންޏެވެ. އެކަމަކު، ކުރިން އިދިކޮޅުގައި އޮތް މޯލްޑިވްސް ޑިވޮލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)އިން ވަނީ އެމްޑީޕީއާ އެކު ކޯލިޝަން ހަދަން ނިންމައިފައެވެ.
ޖުމްހޫރީ ޕާޓީން ނިންމާފައިވަނީ ރިޔާސީ އިންތިޚާބަށް އެ ޕާޓީން ކެންޑިޑޭޓަކު ނެރެގެން ކުރިއަށްދާ ގޮތަށެވެ. ޖޭޕީގެ ޓިކެޓްގައި ވާދަ ކުރައްވާނީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމެވެ.
އެމްއާރުއެމަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ނުކުތުމާ މެދުގައި ވަކި ގޮތެއް ނުނިންމާ އޮތް ހަމައެކަނި ސިޔާސީ ޕާޓީއެވެ. މި އަހަރުގެ ރިޔާސީ އިންތިހާބަށް އެމްއާރުއެމްގެ ޓިކެޓްގައި ފާރިސް ނުކުމެވަޑައިގަންނަވާ ވާހަކަ ވެސް އަންނަނީ ފެތުރެމުންނެވެ. މީސް މީޑިއާގައި އަންނަނީ ފާރިސް ވެރިކަމަށް ގެންނަން ކެމްޕޭނެއް ވެސް ފަށައިފައެވެ.