ފިލްމު ކުޅުމުގެ އިތުރުން އަމިއްލަ ބްރޭންޑެއް ތަޢާރަފްކުރި ތަރިން

ފިލްމީ ދާއިރާގައި މަސައްކަތްކޮށް ބެލުންތެރިންގެ މަޤުބޫލުކަން ބައެއް ފިލްމީ ތަރިން ހޯދާފައިވާއިރު އަމިއްލަ ބްރޭންޑެއް ތަޢާރަފްކުރުމަށް ޝައުޤުވެރިވި ފިލްމީތަރިން ވެސް ހިންދީ ސިނަމާގައި އެބައުޅެއެވެ. ވަރަށްކުރާ ހިތުން މި މަސައްކަތް ފަށާ ކާމިޔާބު ބްރޭންޑެއް ޤާއިމުކުރި ތަރިންގެ ލިސްޓުގެ އެންމެ ކުރީގައި ހިމެނެނީ އަކްޝޭ ކުމާރު، ސައިފް ޢަލީ ޚާން، ރިތޭޝް ދޭޝްމުކްގެ ދެމަފިރިން، އާލިއާ ބަޓް އަދި ދިޕިކާ ޕަޑުކޯންއެވެ.

ފިލްމީ މަސައްކަތްކުރުމުގެ އަމިއްލަ ޝެޑިއުލްއެއް ގެންގުޅޭ އަކްޝޭ ފިލްމަކަށް ސޮއިކުރުމުގެކުރިން އެކްޓަރު ލައްވާ ރޭގަނޑު ހަތެއްގެ ފަހުން މަސައްކަތް ނުކުރެވޭނެކަން ކޮންމެ ޕްރޮޑިއުސަރަކަށް ވެސް މާކުރިން އެނގެއެވެ. ހަށިގަނޑު ދުޅަހެޔޮކަންމަތީ ބެހެއްޓުމަށް ބެލުންތެރިންނަށް ވެސް ލަފާ އަރުވާ އެކްޓަރުވަނީ 'ދަ ގުޑް ގްލެމް ގްރޫޕް' ނަމަކަށް ކިޔާ ކުންފުންޏަކާއި ގުޅިގެން (ޕާސަނަލް ކެއާ އަދި ވެލްނެސް ޕްރޮޑަކްޓްސް) ލޯންޗުކޮށްފައެވެ. އޭގެތެރޭގައި ޔޯގާ ހަރަކާތްތަކާ މާޝަލް އާޓް ދާއިރާގައި އުޅޭ ފަރާތްތަކަށް ބޭނުންތެރި އުފެއްދުންތައް ހިމެނެއެވެ.

"ހައުސް އޮފް ޕަތައުޑީ"ގެ ނަމަކީ ސައިފް ޢަލީ ޚާން ދަންނަ އެއްވެސް ފަރާތަކަށް ބީރައްޓެހި ނަމެއް ނޫނެވެ. މި ބްރޭންޑްގެ ދަށުން ޕަތައުޑީ ޢާއިލާގެ ޝާހީ ސްޓައިލް ދައްކުވައިދޭ ސަޤާފީ ހެދުންތައް ޢާއްމުންނަށް ލިބުމަށް މަގުފަހިވެފައިވެއެވެ. ހަމައެއާއަކު ދިރިއުޅޭ ގެ އިތުރަށް ފުރިހަމަކުރުމަށް ބޭނުންވާނެ ސާމާނުތަކާއެކު ނަވާބީ ސްޓައިލް ފައިވާނާއި ބޫޓް މިބްރޭންޑްއިން ތަޢާރަފްކޮށްފައިވެއެވެ.

ބޮލީވުޑްގެ އެންމެ ލޯބި ޖޯޑުކަމަށްވާ ރިތޭޝް ދޭޝްމުކްއާއި ޖެނީލިއާ ދޭޝްމުކްއަކީ ވީގަން އެއްޗެހި ކެއުމަށް އިސްކަންދީ އޭގެ ސަބަބުން ދިރިއުޅުމުގެ ވައްޓަފާޅިއަށް އައި ހެޔޮ ބަދަލުތައް ތަޖުރިބާކޮށްފައިވާ ދެމަފިރިންނެވެ. ރިތޭޝްއާއި ޖެނީލިއާވަނީ 'އިމޭޖް މީޓް"ގެ ނަމުގައި އަމިއްލަ ޕްލާންޓް ބޭސްޑް މީޓްސް އާއްމުންނަށް ތަޢާރަފްކޮށްފައެވެ. މީގެ އެންމެބޮޑު އެއްބޭނުމަކީ ޖަނަވާރުތައް ޙިމާޔަތްކުރުމާއެކު މަސްކެއުމުން ދުރުވެފައިވާ 'ވެޖިޓޭރިއަން'އިންނަށް މީރު ކެއުމެއް އިންސާފުކޮށްލުމުގެ އުފާ ހޯދައިދިނުމެވެ.

'އެޑް އަ މާމާ'އަކީ ބޮލީވުޑްގެ ސްޓާ ކިޑްސްގެ މެދުގައި މަގުބޫލު އުފެއްދުމެއް ނަމަވެސް ކުޑަކުދިންގެ މެދުގައި މިހާރަކަށްއައިސް އެންމެ މަގުބޫލު އެއް ހެދުން ބްރޭންޑެވެ. ދާދިފަހުން މަންމައަކަށްވި ބަތަލާ އާލިއާ ވަނީ މިބްރޭންޑްއަށް ފަހުން ތަޢާރަފްކުރި އުފެއްދުންތަކުގެ ކްރެޑިޓް ދަރިފުޅު ރަހާއަށް ދީފައެވެ. އިންޑިއާއިން ލިބެންހުރި ކުޑަކުދިންގެ ހެދުންތަކުގެ އެންމެ އަގުބޮޑު އެއް ބްރޭންޑްކަމަށްވާ 'އެޑް އަ މާމާ"އަކީ ތިމާވެއްޓާއި ރައްޓެހި އުފެއްދުންތައް ކުޑަކުދިންނަށް ތަޢާރަފްކުރި އެންމެ ފުރަތަމަ ކްލޯތިންގް ބްރޭންޑެވެ. ދާދިފަހުން ބަތަލާވަނީ މާބަނޑު މީހުންނަށް ހާއްސަކޮށްގެން ހެދުންތަކެއް ތަޢާރަފްކޮށްފައެވެ.

މި ލިސްޓަށް އެންމެ ފަހުން އިތުރުވެފައިވަނީ ބޮލީވުޑްގެ އެންމެ ބޮޑު އާމްދާނީއެއް ހޯދާ ބަތަލާ ދިޕިކާ ޕަޑުކޯންގެ ނަމެވެ. ދާދިފަހުން އަމިއްލަ ބިއުޓީ ލައިނެއް ލޯންޗުކުރި ބަތަލާވަނީ ގިނަ ބަޔަކަށް ކަމުދާގޮތަށް ގުދުރަތީ މާއްދާތައް ހިމަނައިގެން މޭކަޕްކުރުމަށް ބޭނުންކުރާ ފަސް ބާވަތެއް ތަޢާރަފްކޮށްފައެވެ. ' ‘82°E’ ގެނަމުގައި ތަޢާރަފްކުރި މިބްރޭންޑް ލޯންޗްކުރުމަށް ދެ އަހަރު ދުވަސް ނެގިކަމަށް ބަތަލާވަނީ ބުނެފައެވެ.

comment ކޮމެންޓް