ރިޝްވަތު ނަގައިގެން ބިމެއް ވިއްކަން އުޅުނު އެޗްޑީސީގެ މުވައްޒަފު ވަޒީފާއިން ވަކިކޮށްފި

ތިލަފުށީގެ ސެޓެލައިޓް ފޮޓޯއެއް -- ގޫގްލް މެޕްސް

ރިޝްވަތުގެ ގޮތުގައި ގިނަ އަދަދަކަށް ފައިސާ ނަގައިގެން ކ. ތިލަފުށިން ބިމެއް ވިއްކަން އުޅުނު، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މުވައްޒަފު ވަޒީފާއިން ވަކިކޮށްފިއެވެ.

އެޗްޑީސީން މިއަދު ބުނީ އެ ކޯޕަރޭޝަންގެ އުސޫލުތަކާ ޚިލާފަށް އޮޅުވާލައިގެން އަމިއްލަ ފަރާތަކަށް ބިމެއް ދޭނެކަމަށް ބުނެ މުވައްޒަފަކު މަންފާއެއް ހޯދުމަށް މަސައްކަތް ކުރާކަން ފާހަގަވި ހިސާބުން އެ މައްސަލަ ބަލައި ފިޔަވަޅު އަޅާފައިވާ ކަމަށެވެ.

އެގޮތުން މިކަމުގައި ޝާމިލުވާ މުވައްޒަފު މީގެ ކުރިން ސަސްޕެންޑު ކުރުމަށް ފަހު، އިއްޔެ އޭނާ ރަސްމީކޮށް ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

އެޗްޑީސީން މީގެ ކުރިން ނެރުނު ބަޔާނެއްގައިވާ ގޮތުން، އެ ކުންފުނީގެ މުވައްޒަފަކު ވަނީ ކަސްޓަމަރަކަށް އޮޅުވާލައިގެން ފައިސާގެ މުއާމަލާތްކޮށް، މުވައްޒަފުގެ އަމިއްލަ ބޭންކް އެކައުންޓަށް ފައިސާ ޖަމާކޮށްފައިކަން އެ ކޯޕަރޭޝަންގެ ތަހުގީގަށް ވަނީ ހާމަވެފައެވެ.

މީގެ އިތުރުން ބިން ވިއްކާފައިވާ ކަމަށް މައުލޫމާތު ފެތުރިފައިވީ ނަމަވެސް، އެ މުވައްޒަފަށް ބިމެއް ވިއްކުމުގެ ފުރުސަތެއް އެ ކޯޕަރޭޝްގެ އުސޫލުތަކުގެ ތެރެއިން ނުލިބޭ ކަމަށް އެޗްޑީސީން ބުންޏެވެ. އެގޮތުން އާންމުކޮށް ހުޅުވާލައިގެން ގެޒެޓުގައި އިއުލާން ކުރުމަކާ ނުލައި އަދި އެޗްޑީސީގެ ބިޑް ޕޯޓަލްގައި ރެޖިސްޓާ ނުވާ އެއްވެސް ފަރާތަކަށް ބިމެއް ނުވިއްކާނެ ކަމަށް އެ ކޯޕަރޭޝަނުގެ ބަޔާނުގައިވެއެވެ.

މިމަހުގެ މެދުތެރޭގައި ފެންމަތިވި އެ މައްސަލައިގެ އިތުރުން، އެޗްޑީސީގެ ފައިސާ އަމިއްލަ ބޭނުމަށް ނެގި މުވައްޒަފެއްގެ މައްސަލަ ވެސް ފާހަގަކުރެވި، އޭނާ ވަޒީފާއިން ވަކިކޮށްފައިވާކަން މިމަހުގެ 17އިގައި އެ ކޯޕަރޭޝަނުން ހާމަކޮށްފައިވެއެވެ.

comment ކޮމެންޓް