ނަޝީދުގެ ފަރާތްޕުޅުން ގާސިމްގެ އަރިހަށް ރައީސް ޞާލިހުގެ އެޑްވައިޒަރު ޝިހާބު

ގާސިމް އިބްރާހިމްއާ ބައްދަލުކުރެއްވުމަށް މިއަދު ސަން އައިލެންޑަށް ވަޑައިގަތް ޓީމުގައި ޝިހާބު ---

ރައީސް ނަޝީދުގެ 'ފިކުރެއްގެ ދިރުން' ފެކްޝަނުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާ ބައްދަލު ކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ އެޑްވައިޒަރު މުޙައްމަދު ޝިހާބު ސަން އައިލެންޑް ރިސޯޓަށް ވަޑައިިގަންނަވައިފިއެވެ.

އެނގިފައިވާ ގޮތުގައި ރައީސް ނަޝީދުގެ ޓީމު ސަން އައިލެންޑަށް ވަޑައިގަންނަވާފައިވަނީ މިއަދުއެވެ.

އެ ޓީމުގައި ހިމެނެނީ ޝިހާބުގެ އިތުރުން ހިމެނިވަޑައިގަންނަވަނީ އިއްޔެ ރައީސް އޮފީހުގެ މިނިސްޓަރުކަމުން ވަކި ކުރެއްވި މުހައްމަދު ޝިފާޒް އާއި އެސްޓީއޯގެ އެމްޑީގެ މަގާމުން ވަކި ކުރެއްވި ހުސައިން އަމްރު މުހައްމަދު ރަޝާދުގެ އިތުރުން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފާއި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފެވެ.

ނަޝީދުގެ މަންދޫބެއްގެ ގޮތުގައި ޝިހާބު މަސައްކަތް ކުރައްވާއިރު، މިހާތަނަށް އޭނާ ރައީސް ޞާލިހްގެ އެޑްވައިޒަރުގެ މަގާމުން ވަކިކޮށްފައެއްނުވެއެވެ.

ނަޝީދުގެ މަންދޫބުން ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމާ ބައްދަލުކުރައްވަނީ ކޯލިޝަން އެގްރީމެންޓެއް އެކުލަވައިލުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށެވެ.

މީގެކުރިން ވެސް ދެ ފަހަރެއްގެ މަތިން ނަޝީދުގެ މަންދޫބުން ވަނީ ޖުމްހޫރީ ޕާޓީއާ ބައްދަލުކޮށްފައެވެ. ނަޝީދުގެ މަންދޫބުން މިއަދު ގާސިމާ ބައްދަލު ކުރައްވަނީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓްގެ ހައިސިއްޔަތުންނެވެ.

comment ކޮމެންޓް