ދަ ޑިމޮކްރެޓްސްގެ ބާނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ޕާޓީ ދޫކުރައްވައި އެމްޑީޕީއާ ގުޅިވަޑައިގަންނަވާނެ ފަދަ އެއްވެސް ވާހަކައެއް ނުދެކެވޭ ކަމަށް ޑިމޮކްރެޓްސްއިން މިއަދު ބުނެފިއެވެ.
ޑިމޮކްރެޓްސްއިން އެފަދައިން ބުނެފައި ވަނީ، އެ ޕާޓީގެ ރައީސްކަމުގައި ހުންނެވި ހަސަން ލަތީފާއި އެ ޕާޓީގެ ނައިބު ރައީސްކަމުގައި ހުންނެވި މުހައްމަދު ޝިފާޒްގެ އިތުރުން ލީޑަޝިޕްގައި ތިއްބެވި އެހެން ބޭބޭފުޅުން ޕާޓީ ދޫކުރައްވައި އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފައިވާ ދަނޑިވަޅެއްގައެވެ.
އެއާއެކު އެ ޕާޓީގެ ހިންގުން ވަގުތީ ގޮތުން ހަވާލުކޮށްފައިވަނީ އެ ޕާޓީގެ ދެ ނައިބު ރައީސުން ކަމަށްވާ އައިޝަތު އަލައިކާ އަދުނާނާއި ހުސައިން ފިރުޝާނާއެވެ.
ޑިމޮކްރެޓްސްގެ އައު ލީޑަޝިޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިރުޝާން ވިދާޅުވީ، ޕާޓީގެ ހިންގުމުގައި ތިއްބެވި ބޭބޭފުޅުން ޕާޓީ ދޫކުރައްވާ ވަޑައިގަތީ އެއްވެސް ހާލެއްގައި ޕާޓީގެ ތެރޭގައި ޚިޔާލު ތަފާތުވުންތަކެއް ހުރެގެނެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި އެއީ ސިޔާސީ ގޮތުން އެ ބޭބޭފުޅުންގެ ފިކުރު ހުރި ގޮތުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޕާޓީގެ ފަރާތުން އެބޭފުޅުން ކޮށްދެއްވި މަސައްކަތަށް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ނަމަވެސް ޑިމޮކްރެޓްސްގެ ލީޑަޝިޕުން ގިނަ ބޭފުޅުން ވަކިވެވަޑައިގަތުމާ ގުޅިގެން، ރައީސް ނަޝީދު ޕާޓީ ދޫކުރައްވާ އެމްޑީޕީއާ ގުޅިވަޑައިގެންފާނެ ކަމުގެ ވާހަކަތަކެއް ދެކެވޭކަން ނޫސްވެރިއަކު ފާހަގަކުރުމުން، ޕާޓީގެ ތަރުޖަމާނު އިމްތިޔާޒް ފަހުމީ ވަނީ އެކަން ދޮގުކުރައްވާފައެވެ.
"ރައީސް ނަޝީދު އެމްޑީޕީއާ ގުޅިވަޑައިގަންނަވާނެތޯ ދެންނެވި ސުވާލެއް. އެކަހަލަ ވާހަކައެއް ނެތް އެއްގޮތަކަށް ވެސް. އަދި މި ޕާޓީގެ ލީޑަޝިޕްގެ އެހެން މަގާމުތަކުގައި ތިބި ބޭފުޅުން ވެސް އެހެން ޕާޓީތަކަށް ދާފަދަ ވާހަކަތަކެއް އަދި ނުއިވޭ އަޅުގަނޑުމެންނަކަށް،" އިމްތިޔާޒް ވިދާޅުވިއެވެ.
އަދި ޕާޓީން އެބޭފުޅުން ވަކިވެވަޑައިގަތީ ރައީސް ނަޝީދު ދެއްވި ލަފާފުޅަކުން ވެސް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
"ރައީސް ނަޝީދު ލަފާފުޅު ދެއްވާނެ އިނގޭތޯ. އިރުޝާދު ދެއްވާނެ. އެ އިރުޝާދާއި ލަފާ އަބަދުވެސް ދެއްވާނީ ސިޔާސީ ޕާޓީއަށް. ދަ ޑިމޮކްރެޓްސްއަށް. ވަކިވަކި ފަރުދުން އިޚުތިޔާރު ކުރައްވާފައި އެބޭފުޅެއްގެ ލީގަލް ކައުންސިލަކަށް ވެވަޑައިގެން، ސްޕެޝަލް އެޑްވައިޒަރަކަށް ވެވަޑައިގެން، އެއީ ރައީސް ނަޝީދު ކުރައްވާ ޒާތުގެ ކަމެއް ނޫން،" އިމްތިޔާޒު ވިދާޅުވިއެވެ.
ޕާޓީން މެންބަރުން ވަކިވުމަކީ ދެރަ ކަމެއްކަން ފާހަގަކުރައްވާ އިމްތިޔާޒު ވިދާޅުވީ އެއީ ޕާޓީ ކުރިއަށް ނުގޮސް ހުއްޓޭނެ ކަމެއް ނޫން ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ސިޔާސީ ލީޑަރުން އަދިވެސް އެ ޕާޓީއާ ގުޅިވަޑައިގަންނަވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި ޑިމޮކްރެޓްސް އުފެދިގެން އައީ ވެސް ކޮރަޕްޝަނާ ދެކޮޅު ޕާޓީއެއްގެ ގޮތުގައި ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް އެ ޕާޓީން އޮންނާނީ އަބަދުވެސް ކޮރަޕްޝަނާ ދެކޮޅުގައި ކަމަށް އިމްތިޔާޒް ވިދާޅުވިއެވެ. އަދި ކުރިން ވެސް އެ ޕާޓީގެ ނެޝަނަލް އެސެމްބްލީން ފާސްކުރި ގޮތަށް އެމްޑީޕީ ހިމެނޭހެން ކޮންމެ ސިޔާސީ ޕާޓީއަކާއި މަދަނީ ޖަމިއްޔާ ޖަމާއަތްތަކާއެކު ވެސް، އެ ޕާޓީން އެއްގޮތްވާ ފިކުރު ގެންގުޅޭނަމަ ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތްކުރާނެ ކަމަށް ވިދާޅުވިއެވެ.
ހަސަނާއި ޝިފާޒްގެ އިތުރުން ނިމުނު ސަރުކާރުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރަކަށް އެންމެ ފުރަތަމަ ހުންނެވި ހުސައިން އަމްރުގެ އިތުރުން ކުރީގެ މެންބަރު އަލީ އާޒިމް ވެސް ވަނީ ޑިމޮކްރެޓްސް ދޫކުރައްވާ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ހަސަނާއި ޝިފާޒަކީ ނަޝީދާ ވެސް ވަރަށް އަރިސް ދެ ބޭފުޅުންނެވެ. އެކަމަކު، ޑިމޮކްރެޓްސްގެ ރައީސާއި ނައިބު ރައީސް ޕާޓީން ވަކިވެ، އެނބުރި އެމްޑީޕީއަށް ސޮއިކުރުމާ ގުޅޭ ގޮތުން މިހާތަނަށް ނަޝީދު އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.
މިދިޔަ ސަރުކާރުގައި އެމްޑީޕީގެ ތެރޭގައި ވަރަށް ބޮޑަށް ޚިޔާލު ތަފާތުވުން ބޮޑުވިއެވެ.
އޭރު އެ ޕާޓީގެ ރައީސްގެ ގޮތުގައި ހުންނެވި ނަޝީދާއި އޭރު ރައީސްގެ މަގާމުގައި ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާ ދެމެދު ވަރަށް ބޮޑަށް ނުރުހުން އުފެދި، ގުޅުން އެއްކޮށް ކެނޑުނީއެވެ. ފުރަތަމަ ގުޅުން ގޯސްވީ، ބަރުލަމާނީ ނިޒާމަކަށް ފެންނަ ނުފެންނަ ވޯޓެއްގެ މައްސަލައިގައެވެ.
އޭގެ ފަހުން މިދިޔަ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ނަޝީދާއި ޞާލިޙް ވާދަކުރެއްވިއެވެ. އެކަމަކު، ޕްރައިމަރީން ނަޝީދު ނާކާމިޔާބުވުމާ އެކު އެ މަނިކުފާނަށް ތާއީދުކުރައްވާ ބޭފުޅުން ވަނީ އިދިކޮޅާ އެކު މަސައްކަތްކުރައްވަން ފައްޓަވާފައެވެ. އަލީ އާޒިމް އެމްޑީޕީން ވަކިކުރީ ވެސް، އިދިކޮޅުން ބޭއްވި ހަރަކާތްތަކެއްގައި ބައިވެރިވުމުގެ ސަބަބުންނެވެ.
އާޒިމް ވަކިކުރުމާ އެކު ނަޝީދަށް ތާއީދުކުރައްވާ މެންބަރުން ވަނީ އަމިއްލައަށް އެމްޑީޕީން ވަކިވެ ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީއެއް އުފައްދަވާފައެވެ. އެ ޕާޓީގެ މުއައްސިސަކީ ފަހުން ރައީސަކަށް ހުންނެވި ހަސަން ލަތީފެވެ.