12 އަހަރަށް ފަހު ޖޭޕީ ދޫކޮށް، ވަލީދާގެ ތާއީދު ރައީސް ޞާލިޙަށް

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ވަލީދާ ވަލީދު-- ފޮޓޯ: އަވަސް

ޖުމްހޫރީ ޕާޓީ(ޖޭޕީ)ގެ ސްލޮޓެއްގައި ހެރިޓޭޖް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި ހުންނެވި ވަލީދާ ވަލީދު އެ ޕާޓީން ވަކިވެ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއީދު ކުރަން ނިންމައިފިއެވެ.

ދެހާސް އެގާރަވަނަ އަހަރު ޖޭޕީއާ ގުޅުނު ވަލީދާ މިއަދު "ސަން"އަށް ވިދާޅުވީ އޭނާ ޕާޓީން ވަކިވާން ނިންމީ އެ ޕާޓީން ވަކިން ރިޔާސީ އިންތިޚާބުގައި ވާދަ ކުރަން ނިންމުމުން ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރައީސް ޞާލިޙަށް ދެވަނަ ދައުރެއް ލިބެން ޖެހޭ. މި ސަރުކާރަށް ފަސް އަހަރެއް ނުލިބޭ ލިބުނީ ތިން އަހަރު." ވަލީދާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ރައީސަށް ތާއީދު ކުރަން ނިންމީ ވަޒީފާގެ ދިފާއުގައި ނޫން ކަމަށެވެ. ރައީސަކީ އޭނާއަށް ވަރަށް ކަމުދާ އުސޫލުތަކެއް ގެންގުޅުއްވާ ބޭފުޅެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމާ ދެކޮޅަށް ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށް ވެސް ވަލީދާ ވިދާޅުވިއެވެ. ނަމަވެސް ޖޭޕީގެ ކުރީ ސަފުގައި މިހާރު ތިއްބެވި ބޭފުޅުންގެ އިހުލާސްތެރިކަން ހުރި ކަމަށް ގަބޫލުނުކުރާ ކަމަށާއި އެހެންވެ، ޖޭޕީއަށް ވަކިން ވާދަކޮށް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނެ މަންޒަރު ނުފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގައި ހޭދަކުރި 12 އަހަރުގެ ތެރޭގައި ވަލީދާ ވަނީ އެ ޕާޓީގެ އަންހެނުންގެ ލީގުގެ ރައީސްކަން ވެސް ދެ ދައުރު ފުރުއްވައިފައެވެ. ސިޔާސީ ދާއިރާއަށް ނުކުތުމުގެ ކުރިން ވަލީދާ އިސް ސަފުގައި މަސައްކަތް ކުރީ ރާއްޖޭގެ ފިލްމީ ދާއިރާގައެވެ.

ޖޭޕީން ރައީސް ޞާލިޙާ އެކު ކޯލިޝަން ހަދަން ދެކޮޅު ހެދުމުން އެ ޕާޓީގެ އިސް މަގާމުތަކުގައި ހުންނެވި އެހެން ބޭފުޅުންތަކެއް ވެސް މީގެ ކުރިން ވަނީ އެ ޕާޓީން ވަކިވެފައެވެ. އޭގެ ތެރޭގައި ރައީސް އޮފީސް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަޙްމަދު ސަމީރާއި އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު އަހްމަދު ހުސައިން (ހަނަފީ) ވެސް ހިމެނެއެވެ.

comment ކޮމެންޓް