ދައުލަތަށް 53 މިލިއަން ރުފިޔާ ދެއްކުމަށް ޔާމީނަށް އެންގީ ގާނޫނާ ހިލާފަށް: ވަކީލުން

ކުރީގެ ރައީސް ޔާމީން: ދައުލަތަށް 53 މިލިއަން ރުފިޔާ ދެއްކުމަށް ޔާމީނަށް އެންގީ ގާނޫނާ ހިލާފަށް --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މަނީލޯންޑަރިންގެ ކުށުގައި ހިމެނޭ 3.4 މިލިއަން ޑޮލަރު (53 މިލިއަން ރުފިޔާ) ހަ މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ދައްކަން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ކްރިމިނަލް ކޯޓުން އެންގީ ގާނޫނާ ހިލާފަށް ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފިއެވެ.

ޔާމީންގެ މައްޗަށް މަނީލޯންޑަރިންގެ ކުށުގައި ހިމެނޭ 3.4 މިލިއަން ޑޮލަރު ހަ މަސް ދުވަހުގެ ތެރޭގައި ދައްކަން ހުކުމް ކޮށްފައިވަނީ ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން އުފުލި ދެ ދައުވާ ސާބިތުވުމާ ގުޅިގެންނެވެ.

ހަައިކޯޓުގައި މިއަދު ބޭއްވި ފުރަތަމަ އަޑުއެހުމުގައި ވަނީ އިސްތިއުނާފީ ނުކުތާތައް ހުށަހަޅާފައެވެ. އަދި ދައުލަތުން ވަނީ ދިފާއުގެ ވާހަކަތަކަށް ރައްދު ވެސް ދީފައެވެ.

ދިފާއުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ, ޔާމީންގެ މައްޗަށް ޖިނާއީ ކުށް ސާބިތުވުމުން ކުރި ހުކުމުގައި އެ ފައިސާ ދެއްކުމަށް އަމުރު ނުކޮށް އޭގެ މާ ފަހުން ބޮޑު އަދަދަކުން ފައިސާ ދެއްކުމަށް ހުކުމް ކުރުމުންނެވެ.

އެގޮތުން ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަބްދުالله ޝިޔާޒް ވިދާޅުވީ, ފައިސާ ދެއްކުމުގެ އަމުރު ކްރިމިނަލް ކޯޓުން ނެރެފައިވަނީ އެ މައްސަލައިގެ ހުކުމް ދިފާއުން ހައި ކޯޓުގައި އިސްތިއުނާފް ކުރި ފަހުން ކަމަށެވެ.

މަނީ ލޯންޑަރިން ގާނޫނުގެ ދަށުން ކުށްކޮށްގެން ހޯދާ މުދަލެއް ދައުލަތަށް ނެގުމުގެ އަމުރެއް ނެރެވޭނީ އެ މައްސަލައިގެ ހުކުމާ އެކު ކަމަށް ވެސް ދިފާއުން ވަނީ ފާހަގަކޮށްފައެވެ. އަދި ހަނދާން ނެތިގެން ހުކުމުގައި އެބައި ނުހިމެނޭ ހާލަތުގައި ކަންކުރާނެ ގޮތް ވެސް ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށް ވަކީލުން ވިދާޅުވިއެވެ. އެގޮތަކީ އިސްތިއުނާފީ މަރުހަލާގައި އެކަން ސަމާލުކަމަށް ގެނައުން ކަމަށް ޝިޔާޒް ވިދާޅުވިއެވެ.

އެހެންކަމުން ދިފާއުން އެދުނީ, 53 މިލިއަން ރުފިޔާ ދައުލަތަށް ދެއްކުމަށް އަމުރު ކޮށްފައިވަނީ ގާނޫނާ ހިލާފަށްކަން ކަނޑައަޅައިދިނުމަށެވެ. އަދި ހައި ކޯޓުން ވަކި ގޮތެއް ނިމެންދެން އެ ފައިސާ ދައުލަތަށް ދެއްކުން މަޑުޖައްސާލުމުގެ އަމުރަކަށް ވެސް ދިފާއުން އެދުނެވެ.

ދައުލަތުން ވަނީ ކްރިމިނަލް ކޯޓުގެ ހުކުމް ދިފާއުކޮށް އެ ހުކުމް ނެރެފައިވަނީ ގާނޫނުގެ ތެރެއިން ކަމަށް ބުނެފައެވެ. އަދި އެފަދަ އަމުރެއް ނެރެވޭނީ ހަމައެކަނި ހުކުމާއެކު ނޫން ކަމަށް ވެސް ވަނީ ފާހަގަކޮށްފައެވެ.

ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ދައުލަތުގެ ވާހަކަތަކަށް ދިފާއުން ދޭން ބޭނުންވާ ރައްދު ހުށަހެޅުމެވެ. މި ބާވަތުގެ މައްސަލަތަކުގައި ވަކި މުއްދަތެއްގެ ތެރޭގައި ގޮތެއް ކަނޑައަޅަން ޖެހޭނެއެވެ. އެގޮތުން މި މައްސަލައިގައި އަންނަ މަހުގެ އަށް ވަނަ ދުވަހުގެ ކުރިން ގޮތެއް ނިންމަން ޖެހެއެވެ.

އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނަވަނީ ފަނޑިޔާރު މުހައްމަދު ފައިސަލްއެވެ. ދެން ބެންޗުގައި ހިމެނެނީ ފަނޑިޔާރު ހަސަން ޝަފީއު އަދި ފަނޑިޔާރު ދީބަނާޒް ފަހުުމީއެވެ.

comment ކޮމެންޓް