އަޒްހާންގެ މަރު: ލޯބިވެރިޔާ އަނެއްކާ ވެސް ފުލުހަށް

ހުޅުމާލެ ފޭސް ދެއަކުން ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮށްވައި ފެނުނު މުހައްމަދު އަޒުހާން --- ފޮޓޯ/ ފުލުހުން

ހުޅުމާލޭ ދެވަނަ ފިޔަވަހިން ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވާ މިދިޔަ ސެޕްޓެމްބަރު މަހު ފެނުނު ހ. ބޮނޑިކަނދޮޅުގޭ، މުޙައްމަދު އަޒުހާން، 27،ގެ މަރުގެ ތަހުގީގަށް އޭނާގެ ލޯބިވެރިޔާ އަނެއްކާ ވެސް ފުލުހަށް ހާޒިރު ކޮށްފިއެވެ.

އަޒުހާން ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިދިޔަ ސެޕްޓެމްބަރު 19ވަނަ ދުވަހުއެވެ. އެ ދުވަހުން ފެށިގެން އަޒުހާން ހޯދުމުގެ މަސައްކަތް ފުލުހުން ހުއްޓައިނުލާ ކުރަމުން ދަނިކޮށް، އޮކްޓޫބަރު މަހުގެ ދެވަނަ ދުވަހުގެ 17:45ހާއިރު އަޒުހާން ކަމަށް ޝައްކު ކުރެވޭ މީހެއްގެ ހަށިގަނޑު ފެނިފައި ވަނީ ހުޅުމާލޭ ވޯޓާ ތީމް ޕާކް ކުރިމަތީ އޮންނަ ހުސްބިމުންނެވެ. އެ ހަށިގަނޑު ފެނުނު އިރު އޮތީ މަރުވިތާ ގިނަ އިރު ވުމުން ސިފަ ވަކި ނުވާވަރަށް ކުނިވެފައެވެ.

އަޒްހާންގެ އެންމެ ފަހުގެ ވަގުތުތައް އޭނާ ހޭދަކޮށްފައިވަނީ ލޯބެރިޔާ ލިއުޝާ އަލީއާ އެކުއެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި ލިއުޝާ ފުލުހަށް ހާޒިރު ކުރީ މިއަދު 9:30ގައެވެ. އޭނާ ހާޒިރުކުރާ ސަބަބެއް ކަމަށް ފުލުހުން ބުނީ އެ މައްސަލައާ ގުޅޭގޮތުން ސުވާލު ކުރުމަށް ކަމަށެވެ.

މީގެ ކުރިން ވެސް ފުލުހުން ވަނީ ލިއުޝާއާ ތަހުގީގުގައި ގިނަ ސުވާލު ތަކެއް ކޮށްފައެވެ.

އަޒްހާންގެ ޕޯސްޓްމޯޓަމް ހަދައި ނިމިފައިވީ ނަމަވެސް މިހާތަނަށް އޭގެ ނަތީޖާ ހާމަކޮށްފައެއް ނުވެއެވެ. ފުލުހުން އެންމެ ފަހުން ބުނެފައިވަނީ އޭނާ މަރާލި ކަމަށް އެއްވެސް މީހެއްގެ މައްޗަށް ތުހުމަތު ނުކުރެވޭ ކަމަށެވެ.

އަޒްހާންގެ ލޯބިވެރިޔާ ލިއުޝާ ކުރިން "ސަން" އަށް ކިޔައިދިން ގޮތުގައި އަޒުހާން، ނަފުސާނީ ބައްޔެއް ކަމަށްވާ ސްކިޒޮފްރޭނިއާއަށް ފަރުވާ ކުރާތާ ވަރަށް ދުވަސް ވެއްޖެއެވެ. ގެއްލުނުއިރު ހުރީ ބޭސް ހުސްވެފައި ކަމަށް ވެސް އޭނާ ބުންޏެވެ.

އަޒުހާންގެ ނަފުސާނީ އުނދަގޫތަކާ ހެދި މާ ރުޅިގަދަވުމުގެ ސަބަބުން މީގެ ކުރިން ޖެންޑާ މިނިސްޓްރީއާއި ފުލުހުން ވެސް އަޒުހާން ދިރިއުޅޭ ގެއަށް ގޮސް އެ ކަން ހައްލު ކޮށްފައި އެބަހުރި ކަމަށް ލިއުޝާ ބުންޏެވެ.

ސްކިޒޮފްރޭނިއާ އަކީ އެތައް އަލާމާތްތަކެއް އެކުލެވޭ ދާއިމީ ނަފުސާނީ ބައްޔެކެވެ. އިނގިރޭސި ވިލާތުގެ، ނެޝަނަލް ހެލްތު ސާވިސް (އެންއެޗްއެސް)އިން މި ބައްޔާ ބެހޭ ގޮތުން ޝާއިއު ކޮށްފައިވާ ލިޔުމެއްގައިވާ ގޮތުން މިއީ ސައިކޮސިސްގެ ވައްތަރެކެވެ. ސައިކޮސިސްއަކީ ކަންކަން އޮތްގޮތުގެ ހަގީގަތާއި ތިމާގެ އަމިއްލަ ވިސްނުމުގެ ތެރޭގައި އުފެދޭ އެކިއެކި ޚިޔާލުތަކާ، މި ދެމެދުގައި ހުރި ފަރަގު ވަކިކުރަން ނޭނގުމެވެ. އެހެންކަމުން ސްކިޒޮފްރޭނިއާއަކީ މީހާ ވިސްނާގޮތާއި އުޅޭ ގޮތް އަދި މީހާގެ އަމަލުތައް ބަދަލު ކޮށްލާ ނަފުސާނީ ބައްޔެކެވެ.

ސްކިޒޮފްރޭނިއާ ހުންނަ މީހުންނަށް ބަލީގެ އަލާމާތްތައް މެދުވެރިވަނީ ވަކި ދުވަސްވަރެއްގައެވެ. މިއަށް ކިޔަނީ އެޕިސޯޑްސް އޮފް ސްކިޒޮފްރޭނިއާއެވެ. ސްކިޒޮފްރޭނިއާ އެޕިސޯޑެއްގައި ބަލީގެ ގިނަ، ބޮޑެތި އަލާމާތްތައް ފެނެއެވެ. އަދި އެއަށް ފަހު ބަލީގެ މާ ބޮޑެތި އަލާމާތްތަކެއް ނުފެންނަ ނުވަތަ އެއް ގޮތަކަށް ވެސް ބަލީގެ އަލާމާތްތަކެއް ނުފެންނަ ދުވަސްވަރެއް އާދެއެވެ.

comment ކޮމެންޓް