ހަތް މަސްދުވަހުގެ މެދު ކަނޑުމަކަށްފަހު އަންނަ މަހު ފުޓުބޯޅަ ސީޒަން ފަށަނީ

މިދިޔަ އަހަރުގެ އެފްއޭ ކަޕުގެ ސެމީ ފައިނަލުގައި މާޒިޔާ އަދި ކްލަބް ގްރީން ސްޓްރީޓްސް ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ހަތް މަސްދުވަހުގެ މެދު ކެނޑުމަކަށްފަހު އަންނަ މަހު ދިވެހި ފުޓުބޯޅަ ސީޒަން ފަށަން އެފްއޭއެމްއިން ނިންމައިފިއެވެ.

ރާއްޖޭގެ ފުޓުބޯޅަ އާ ސީޒަން ފަށަން ނިންމާފައިވަނީ 3 އޭޕްރީލްގައެވެ. އެގޮތުން އާ ސީޒަން ފަށާނީ ސީޒަން ހުޅުވާ ޗެރިޓީ ޝީލްޑް މެޗުންނެވެ. އެ މެޗު ކުޅޭނީ އޭޕްރީލް 3 ވަނަ ދުވަހުގެ ރޭ 10:00 ގައެވެ. އެ މެޗުގައި ބައްދަލުކުރާނީ މާޒިޔާއާއި އީގަލްސްއެވެ.

އާންމު އުސޫލުންނަމަ ޗެރީޓީ ޝީލްޑް މެޗުގައި ބައްދަލުކުރަނީ އެންމެ ފަހުގެ ލީގު ޗެމްޕިއަން އާއި އެންމެ ފަހުގެ އެެފްއޭ ކަޕްގެ ޗެމްޕިއަންއެވެ.

މާޒިޔާއަށް އެންމެ ޗެރިޓީ ޝީލްޑު މެޗުން ޖާގަ ލިބެނީ އެންމެ ފަހުގެ ޗެމްޕިއަން ޓީމުގެ ގޮތުގައެވެ. އަދި އެފްއޭކަޕްގެ ޗެމްޕިއަނަކީ ވެސް މާޒިޔާއެވެ. އެހެންކަމުން ލީގުގެ ރަނަރަޕް ޓީމަށް ފުރުސަތު ދޭން ނިންމުމުން އެ ފުރުސަތު ލިބުނީ ރަނަރަޕް އީގަލްސްއަށެވެ.

އާ ސީޒަނަށް މާޒިޔާއިން ވަނީ ދުރާލާ ތައްޔާރުވާން ފަށައިފައެވެ. އެގޮތުން އެ ޓީމުން ވަނީ އިންޑޮނީޝިއާ ގައުމީ ޓީމުގެ ކުރީގެ ކޯޗު ބަލްގޭރިއާގެ އީވާން ކޮލޭފް އާއެކު ރާއްޖޭގެ ތަޖުރިބާކާރު ގިނަ ކުޅުންތެރިންތަކެއްގެ ސޮއި އެ ޓީމުން ވަނީ ހޯދައިފައެވެ.

އެގޮތުން ރާއްޖޭގެ ގައުމީ ޓީމުގެ އެއް ނަންބަރު ގޯލު ކީޕަރު މުހައްމަދު ފައިސަލްއާއި ހުނަރުވެރި ޑިފެންޑަރު ޝަމްވީލު މުހައްމަދާއި، އަހުމަދު ނޫމާންގެ އިތުރުން ރާއްޖޭގެ އިތުބާރު ފޯވާޑު އަލީ ފާސިރުއާއި ކުރިއަރަމުން އަންނަ ޒުވާން ފޯވާޑް ހަސަން ނަޒީމް ވަނީ އެ ޓީމަށް ގެނެސްފައެވެ.

އެ ޓީމުން ވަނީ ސައުދީގައި މިދިޔަ މަހުގެ ތެރޭގައި ޓްރޭއިނިން ކޭމްޕެއް ވެސް ފުރިހަމަކޮށްފައެވެ.

comment ކޮމެންޓް