ތަފާތު ދައްކަމުން އައި މޮރޮކޯއިން ރޭންކިންގެ އެއްވަނައިގައި އޮތް ބްރެޒިލް ބަލިކޮށްފި

މޮރޮކޯގެ ކުޅުންތެރިން އުފާ ފާޅުކުރަނީ---

ފީފާ ވޯލްޑްކަޕްގައި ތަފާތު މޮޅު ކުޅުމެއް ދެއްކި މޮރޮކޯއިން ރޭ ކުޅުނު އެކުވެރިކަމުގެ މެޗުގައި ފީފާ ރޭންކިންގެ އެއްވަނައިގައި އޮތް ބްރެޒިލް ބަލިކޮށްފިއެވެ.

މޮރޮކޯގައި ކުޅުނު އެ މެޗުގަައި އެ ޓީމުން ބްރެޒިލްގެ މައްޗަށް ކުރި ހޯދީ 2-1 ގެ ނަތީޖާ އަކުންނެވެ.

ދެ ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނުނު އެ މެޗުގައި ދެ ޓީމުން ވެސް ވަނީ ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ.

އެ ގޮތުން މެޗުގެ 29ވަނަ މިނެޓުގައި މޮރޮކޯއިން ވަނީ ގޯލެއްޖަހައި މެޗުގެ ލީޑު ނަގައިފައެވެ. އެ ގޯލަކީ ބްރެޒިލްގެ މެދުތެރެއިން ގެއްލުނު ބޯޅައެއް ހިފައިގެން އޭރިއާ ތެރެއަށް ވަދެ އަލް ހަނައުސް ތަނަވަސްކުރި ފުރުސަތަކުން ސޯފިއަން ބޫފާލް ޖެހި ގޯލެކެވެ. ބޯޅަ ކޮންޓްރޯލް ކޮށްލުމަށް ފަހު ބޫފާލް ވަނީ ތިރިތިރިން ގޯލަށް ފޮނުވާލައިފައެވެ.

ގޯލެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތް ކުރަމުންދިޔަ ބްރެޒިލުން ވަނީ މެޗުގެ 67ވަނަ މިނެޓުގައި ގޯލެއް ޖަހައިފައެވެ. އެ ގޯލަކީ މޮރޮކޯގެ އޭރިއާ ބޭރުން ބްރެޒިލްގެ ކެޕްޓަން ކަސެމީރޯ ފޮނުވާލި ބާރު ހަމަލާއަކުން ކާމިޔާބުކުރި ގޯލެކެވެ.

ނަމަވެސް އެޓޭކު ތަކުގައި ނުރައްކާ ކުރަމުންދިޔަ މޮރޮކޯއިން ވަނީ މެޗުގެ 79ވަނަ މިނެޓުގައި ގޯލެއް ޖަހައި އަލުން މެޗުގެ ލީޑު ނަގައިފައެވެ. އެ ގޯލަކީ ބްރެޒިލްގެ އޭރިއާ ތެރެއިން އެ ޓީމުގެ ކުޅުންތެރިންނަށް ސަލާމަތް ނުކުރެވުނު ބޯޅައެއްގެ ބޭނުން ހިފައިގެން ބަދަލު ކުޅުންތެރިއްގެ ގޮތުގައި ކުޅެން ނިކުތް ހަމީދު ސަބީރީ ޖެހި ގޯލެކެވެ.

ރޭގެ މެޗުން މޮރޮކޯއަށް ލިބުނު މޮޅަކީ ބްރެޒިލް އަތުން މޮރޮކޯއަށް ތާރީހުގައި ލިބުނު ފުރަތަމަ މޮޅެވެ. މީގެ ކުރިން މޮރޮކޯއަށް ބްރެޒިލް ކޮޅަށް ގޯލެއް ވެސް ޖެހިފައެއް ނުވެއެވެ. މި މެޗުގެ ކުރިން މި ދެ ޓީމު ބައްދަލުކުރި ދެ ފަހަރު ވެސް ބްރެޒިލް ވަނީ މޮޅުވެފައެވެ.

މިއީ އެފްރިކާ ބައްރުގެ ގައުމެއް އަތުން ބްރެޒިލް ބަލިވި ދެވަނަ ފަހަރެވެ. މިދިޔަ އަހަރުގެ ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖުގައި ބްރެޒިލް ވަނީ ކެމަރޫން އަތްދަށު ވެފައެވެ.

comment ކޮމެންޓް