Ooredoo

ބަޔާނާއި ޑޯޓްމަންޑްގެ ކުރިމަތިލުން އެއްވަރު

ޖަރުމަނު ބުންޑެސްލީގާގައި ތާވަލްގެ އެއްވަނައިގައި އުޅޭ ބަޔާން މިޔުނިކާއި ވާދަވެރި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.

ADK GENERAl

ބަޔާންގެ ދަނޑުގައި ކުޅުނު މި މެޗު ނިމުނީ 2-2 އިން ދެ ޓީމު އެއްވަރު ވެގެންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބަޔާނުންނެވެ.

މިއާއެކު ވެސް މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ. މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި، މެޗުގެ ލީޑު ނަގާފައިވަނީ ދެވަނަ ހާފުގެ ކުޅުން ފެށިތާ ތިންވަނަ މިނެޓުގައި ޑޯޓްމުންޑުންނެވެ.

މެކްސިމިލިއަން ބެއިއާ ކާމިޔާބުކޮށްދިން މި ލަނޑު ވެގެންދިޔައީ ޑޯޓްމުންޑުން ބަޔާންގެ ގޯލަށް އަމާޒުކޮށް ފޮނުވާލެވުނު ފުރަތަމަ ހަމަލާ އަށެވެ. މި މެޗުގައި ބަޔާނުން ކާމިޔާބު ކުރި ފުރަތަމަ ލަނޑު ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގެ 65 ވަނަ މިނެޓުގައި ރަފައެލް ގުއަރޭރޯއެވެ.

އަދި މި ލަނޑު ޖެހިތާ ހަތަރު މިނެޓް ފަހުން ބަޔާންގެ ދެވަނަ ލަނޑު ޖަހާ މެޗުގެ ލީޑު ފުޅާކޮށްދިނީ ބަދަލު ކުޅުންތެރިޔާ ސާޖީ ގިނެބްރީއެވެ. މި ލަނޑާއެކު ބަޔާނުން ހަމަޖެހިލި ނަމަވެސް އެ ޓީމަށް މި ލީޑު ދެމެހެއްޓޭ ގޮތްވީ ހަމިނެޓް ވަންދެނެވެ. މިގޮތުން މެޗުގެ 75 ވަނަ މިނެޓުގައި ޑޯޓްމުންޑަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ ވެންޑަމާ އެންޓޮންއެވެ.

މި މެޗު އެއްވަރު ވުމުން ބަޔާން އަށް މިވަނީ ތާވަލްގެ އެއްވަނައިގާ އެޓީމުގެ ލީޑު އަށް ޕޮއިންޓާށް އިތުރު ކުރުމަށް ލިބިގެންދިޔަ ފުރުސަތު ނަގާލައިފައެވެ. ބަޔާން މިހާރު އުޅެނީ 29 މެޗުން ލިބިފައިވާ 69 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައެވެ.

އަދި ދެވަނައިގާ އުޅޭ އެންމެ ފަހުގެ ޗެމްޕިއަން ބަޔާ ލެވަކޫސެން އާއި ދެމެދު ހަ ޕޮއިންޓްގެ ތަފާތެއް އެބަހުއްޓެވެ. ޑޯޓްމަންޑް އުޅެނީ 42 ޕޮއިންޓާއެކު ތާވަލްގެ އަށްވަނައިގައެވެ.

Redstar
comment ކޮމެންޓް