ވޮޝިންޓަން (22 މާޗު 2023): ރަޝިއާއިން ބެލަރޫސްގައި ނިއުކްލިއާ ހަތިޔާރު ބަހައްޓަން ނިންމި ނިންމުމާ މެދު ހިތާމަކުރާ ކަމަށް އެމެރިކާއިން ބުނެފިއެވެ.
އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަންގެ ތަރުޖަމާނު އެޑްމިރަލް ޖޯން ކާބީ ވިދާޅުވި ގޮތުގައި ރަޝިއާގެ ނިންމުމަކީ ނިއުކްލިއާ ހަތިޔާރުގެ ބިރުވެރިކަން އިންތިހާއަށް އިތުރުވެގެން ދާނެ ކަމެއް ކަމަށާއި އެކަމާ މެދު އެމެރިކާއާއި ޔޫރަޕުގައިވާ އެމެރިކާގެ ބައިވެރިން ކަންބޮޑުވާ ކަމުގައެވެ.
ކާބީ ވިދާޅުވީ ރަޝިއާއިން ބެލަރޫސްގައި ނިއުކްލިއާ ހަތިޔާރު ބަހައްޓައިފިނަމަ އެންމެ ބޮޑު ބިރެއް ކުރިމަތި ވާނީ ޔޫރަޕުގެ ގައުމުތަކަށެވެ. ނަމަވެސް މި ކަމަށް ރައްދު ދިނުމުގެ ގޮތުން އެމެރިކާގެ ނިއުކްލިއާ ސިޔާސަތަށް ބަދަލު ގެންނަން އަދި ގަސްދުކޮށްފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ރަޝިއާގެ ރައީސް ވްލަދިމީރު ޕޫޓިން އިއްޔެ ވަނީ ރަޝިއާގެ އަވަށްޓެރި ޔޫރަޕްގެ ގައުމެއް ކަމަށްވާ ބެލަރޫސްގައި ނިއުކްލިއާ ހަތިޔާރު ބެހެއްޓުމަށް އެ ގައުމުގެ ރައީސާ އެކު އެއްބަސްވުމަކަށް އާދެވިފައިވާކަން ހާމަ ކުރައްވައިފައެވެ. ޕޫޓިން ވިދާޅުވި ގޮތުގައި ބެލަރޫސްގައި ރަޝިއާއިން ނިއުކްލިއާ ހަތިޔާރު ރުކުރުވާލަނީއެވެ. ބެލަރޫސްއަށް ނިއުކްލިއާ ހަތިޔާރު ދެނީއެއް ނޫނެވެ.
ޕޫޓިން ވިދާޅުވި ގޮތުގައި އެމެރިކާ ވެސް ވަނީ ޔޫރަޕްގެ އެތައް ގައުމެއްގައި ނިއުކްލިއާ ހަތިޔާރު ބަހައްޓާފައި އެބަހުއްޓެވެ. ރަޝިއާ ވެސް ކުރަން ނިންމީ ހަމަ އެކަމެވެ. ބެލަރޫސްގައި ނިއުކްލިއާ ހަތިޔާރު ބެހެއްޓުމެވެ. ނިއުކްލިއާ ހަތިޔާރު ބެލަރޫސްގައި ބެހެއްޓުމަށްޓަކައި ވާންޖެހޭ ފަންނީ ތައްޔާރުވުންތައް ވަރަށް އަވަހަށް ފަށާނެ ކަމަށާއި އަންނަ ޖޫން މަހު ބެލަރޫސްގައި ނިއުކްލިއާ ހަރިޔާރު ބެހެއްޓޭ ވަރަށް އެ ތައްޔާރީތައް ނިންމާލާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މުރާސިލުން ބުނާ ގޮތުގައި ބެލަރޫސްގައި ނިއުކްލިއާ ހަތިޔާރު ރުކުރުވާލުމުގައި ރަޝިއާގެ ބޭނުމަކީ ޔޫރަޕުން ޔުކްރޭނަށް ހަތިޔާރުދޭތީ އެ ކަން ހުއްޓުވުމަށްޓަކައި ޔޫރަޕަށް ބިރު ދެއްކުމެވެ. ބެލަރޫސްއަކީ ޖަރުމަނު ފަދަ ޔޫކްރޭނަށް ހަތިޔާރު ދޭ ޔޫރަޕްގެ އެތައް ގައުމަކާ ސަރަހައްދީ އިމުގެ ގޮތުން ގުޅިފައިވާ ގައުމެކެވެ.
ނިއުކްލިއާ ހަތިޔާރު ގައުމެއްގައި ރުކުރުވާލުމަކީ އެ ގައުމުގެ ވަށައިގެންވާ އަވަށްޓެރި ގައުމުތަކަށް ނަފުސާނީ ގޮތުން ބިރުވެރިކަން އިހުސާސް ކުރަންޖެހޭ ވަރުގެ ބޮޑު ކަމެކެވެ. އެމެރިކާ ވަނީ އުތުރުކޮރެއާއަށް ބިރު ދެއްކުމަށްޓަކައި ދެކުނު ކޮރެއާގައި ނިއުކްލިއާ ހަތިޔާރު ރުކުރުވާލައިފައެވެ.
ސްޓްރެޓީޖިކް ގޮތުން އެމެރިކާގެ ކޮންޓްރޯލްގެ ދަށުގައި ޔޫރަޕު ބޭއްވުމަށާއި އަދި ރަޝިއާއަށް މެސެޖް ދިނުމުގެ ގޮތުން އެމެރިކާ ވަނީ ޖަރުމަނާއި އެނޫން ވެސް ޔޫރަޕްގެ އެތައް ގައުމެއްގައި ނިއުކްލިއާ ހަތިޔާރު ރުކުރުވާލައިފައެވެ.
އިއްޔެ ރަޝިއާއިން ވަނީ ނިއުކްލިއާ ބޮން އެޅުމުގެ ގާބިލުކަން ލިބިފައިވާ ރަޝިއާގެ ސްޓްރެޓީޖިކް ބޮންބާ (ނޮއުކްލިއާ ބޮން އަޅަން ބޭނުން ކުރާ މަތިންދާ ބޯޓު)ގެ ބައެއް ބޯޓު ބެލަރޫސްއަށް ފޮނުވައިފައެވެ. ރަޝިއާގެ ސްޓްރެޓީޖިކް ބޮންބާގައި ހިމެނެނީ ޓޮޕްލޭވް ޓީޔޫ 160 މަރުކާގެ ޖެޓާއި ޓޮޕްލޭވް ޓީޔޫ 95 އެމްއެސް މަރުކާގެ މަތިންދާ ބޯޓެވެ.