ކަނޑު އަޑިން ހަމަލާ ދޭ ނިއުކްލިއާ ޑްރޯނެއް އުތުރު ކޮރެއާއިން ތަޖުރިބާ ކޮށްފި

އުތުރު ކޮރެއާގެ މިސައިލް ތަޖުރިބާއެއް އެ ގައުމުގެ ޒައީމް ބައްލަވައިލައްވަނީ

ޕިޔޮންގް ޔަންގް (25 މާޗް 2023): ކަނޑު އަޑިން ހަމަލާ ދިނުމުގެ ގާބިލުކަން ލިބިފައިވާ ނިއުކްލިއާ ޑްރޯން އެއް އުތުރު ކޮރެއާއިން ތަޖުރިބާ ކޮށްފިއެވެ.

"ހައެއިލް" ނުވަތަ "ސުނާމީ"ގެ ނަމުގައި އުތުރު ކޮރެއާއިން އުފައްދާފައިވާ މި ޑްރޯން ތަޖުރިބާ ކުރުމުގެ ގޮތުން ހިންގި ހަރަކާތްތައް އެ ގައުމުގެ ޒައީމު ކިމް ޖޮންގް އުން ވަނީ ބައްލަވާލައްވައިފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން މިއީ ކަނޑުގެ އަޑީގައި ނިއުކްލިއާ ހަމަލާތައް ދިނުމުގެ ގާބިލުކަން ލިބިފައިވާ ޑްރޯން އެކެވެ. ކަނޑުގައި ދަތުރު ކުރާ އަސްކަރީ މަނަވަރުތަކާއި މަތިންދާ ބޯޓު އުފުލާ ބިޔަ މަނަވަރުތަކަށް ނިއުކްލިއާ ހަމަލާތައް ދީ އެ ތަކެތި ފައްތާލުމުގެ އިތުރުން ކަނޑުގެ ބަނދަރުތަކަށް ހަމަލާދީ އެ ތަންތަން ހަލާކު ކޮށްލުމުގެ ގާބިލުކަން ވެސް މި ޑްރޯނަށް ލިބިފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

އުތުރު ކޮރެއާއިން މި ފަދަ ސްޓްރެޓީޖިކް ޑްރޯނެއް ތަޖުރިބާ ކޮށްފައިވަނީ އެމެރިކާއާއި ދެކުނު ކޮރެއާ ގުޅިގެން ކޮރެއަން ޕެނިންސިއުލާގައި އުތުރުކޮރެއާ ވަރަށް ގާތުގައި ވަރުގަދަ އަސްކަރީ ތަމްރީނުތަކެއް ބާއްވަމުން ގެންދާ ދަނޑިވަޅެއްގައެވެ.

އަނެއް ކޮޅުން ޗައިނާގެ ބަނޑު ދަށުގައިވާ ދެކުނު ޗައިނާ ކަނޑަށް އެމެރިކާގެ އަސްކަރީ މަނަވަރެއް ވަނުމުގެ ސަބަބުން އެމެރިކާއާއި ޗައިނާއާ ދެމެދު އަސްކަރީ ނުތަނަވަސް ކަމެއް އުފެދިފައިވާ ވަގުތެއްގައެވެ. އުތުރު ކޮރެއާ އަކީ ޗައިނާގެ ނުފޫޒު ހިނގާ ގައުމެކެވެ. ޗައިނާގެ މަޝްވަރާއާ ނުލައި އުތުރުކޮރެއާއިން މި ވަރުގެ ބޮޑު އަސްކަރީ ތަޖުރިބާއެއް ނުކުރާނެކަމަށް މުހައްލިލުން ދެކެއެވެ.

ދެކުނު ޗައިނާ ކަނޑުގައި ޗައިނާއިން އެ ގައުމުގެ މިލްކުވެރިކަމަށް ދައުވާކުރާ ޖަޒީރާތަކެއްގެ ކައިރިން ޔޫއެސްއެސް މިލިޔޮސް ނަމަކަށްކިޔާ އެމެރިކާގެ އަސްކަރީ މަނަވަރެއް މިދިޔަ ބުރާސްފަތި ދުވަހު ދަތުރުކުރަމުން ދަނިކޮށް ޗައިނާވަނީ އެ މަނަވަރު އެ ތަނުން ފޮނުވާލައިފައެވެ. ޗައިނާ ބުނާގޮތުން އެ ޖަޒީރާތައް އޮންނަ ސަރަހައްދަކީ ޗައިނާގެ ކަނޑުގެ ސަރަހައްދުގެ ބައެކެވެ.

އެމެރިކާއާ އެތައް ހާސް ކިލޯ މީޓަރެއް ދުރުގައި އޮންނަ ދެކުނު ޗައިނާ ކަނޑަށް އަސްކަރީ މަނަވަރުތައް ފޮނުވައިގެން ޗައިނާއަށް އުނދަގޫކޮށް ޖެއްސުން ކުރަން އެމެރިކާ ކުރާ މަސައްކަތަކީ ޗައިނާ ބޮޑު ބާރެއްގެ ގޮތުގައި ފާޅުވެ ބައިނަލްއަޤުވާމީ މަސްރަހުގައި ބާރާއި ނުފޫޒުގެ ގޮތުން އެމެރިކާއާ ވާދަ ކުރަން ޗައިނާ ފަށާފައިވާތީ އެ ކަން ހަޖަމު ނުކުރެވިގެން ކުރާ ކަންތައްތަކެއްގެ ގޮތުގައި މުހައްލިލުން ދެކެވަޑައިގަންނަވައެވެ.

އެމެރިކާ ގެންދަނީ ޗައިނާއާއި ތައިވާން އާ ދެމެދު އޮންނަ ކަނޑުއޮޅިއަށް ވެސް އަސްކަރީ މަނަވަރުތައް ފޮނުވައިގެން ޗައިނާއަށް ޖެއްސުން ކުރުމުގެ އަމަލުތަކެއް ދޭތެރެއަކުން ހިންގަމުންނެވެ. އެމެރިކާ ބަނޑުދަށުގައި އޮންނަ މެކްސިކޯ ކަނޑުއޮޅިއަށް ޗައިނާއިން އަސްކަރީ މަނަވަރުތައް ފޮނުވާނަމަ އެމެރިކާ އަމަލުކުރާނީ ކިހިނެތްތޯ ޗައިނާއިން ސުވާލު އުފައްދައެވެ.

އުތުރުކޮރެއާގެ މިސައިލް ތަޖުރިބާއެއް

އުތުރު ކޮރެއާ މި ފަހަކަށް އައިސް ގެންދަނީ އެމެރިކާއަށް ޖެއްސުން ކުރުމުގެ ގޮތުން ގިނަ އަދަދަކަށް ދުރުރާސްތާގެ ބަލިސްޓިކް މިސައިލްތައް ތަޖުރިބާ ކުރަމުންނެވެ. އެންމެ ފަހުން އުތުރުކޮރެއާ ތަޖުރިބާ ކޮށްފައިވަނީ ކަނޑުގެ އަޑިން ނިއުކްލިއާ ހަމަލާ ދިނުމުގެ ގާބިލުކަން ލިބިފައިވާ ސްޓްރެޓީޖިކް ޑްރޯން އެކެވެ.

މި ޑްރޯންގެ މައްސަލައިގައި އެމެރިކާއިން ވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ.

އުތުރު ކޮރެއާއިން އެމެރިކާ ރުޅި އެރުވުމަށް ކުރާ ބަލަސްޓިކް މިސައިލް ތަޖުރިބާތަކާއި އިއްޔެ ކުރި ނިއުކްލިއާ ޑްރޯން ތަޖުރިބާގެ ފަހަތުގައި އޮތީ ޗައިނާ ކަމަށް ވަނީ ބެލެވިފައެވެ. އެއީ ދެކުނު ޗައިނާ ކަނޑުގައި ޗައިނާއާ ދެކޮޅަށް އެމެރިކާ ހިންގާ އަސްކަރީ ހަރަކާތްތަކަށް ޗައިނާ ދޭ ރައްދުކަމަށް މުހައްލިލުން ސިފަ ކުރައްވައެވެ.

އުތުރުކޮރެއާއިން ތަޖުރިބާކުރި ނިއުކްލިއާ ޑްރޯން ވަނީ ކޮރެއާ ކަނޑުގެ 80 އާއި 150 މީޓަރު އަޑިން 59 ގަޑިއިރު ދަތުރު ކުރުމަށް ފަހު އުތުރު ކޮރެއާގެ އިރުމަތީ އައްސޭރިފަށުގައި ބޮމެއް ގޮއްވައިލާފައެވެ. އެމެރިކާއިން ބުނާ ގޮތުން އެ ގައުމުން ގެންދަނީ އުތުރު ކޮރެއާއިން ތަޖުރިބާ ކުރީ ކޮން ބާވަތެއްގެ ބޮމެއް ތޯ ބެލުމުގެ މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް