މިދިޔަ އަހަރު ނެރުނު ފިލްމު "ބާބީ" ވެގެން ދިޔައީ އަހަރުގެ އެންމެ ބޮޑު ފިލްމަށެވެ. ފިލްމާއެކު އަންހެނުންގެ ހައްގުތަކާ ގުޅޭގޮތުން ތަފާތު އާ ވާހަކަތަކެއް ދެކެވެން ފެށުނެވެ. މިކަމަށް ރައްދެއް ދިނުމަށް ޗައިނާއިން ދާދިފަހުން ވަނީ އާ ފިލްމެއް ނެރެފައެވެ. މި ފިލްމާ ގުޅޭގޮތުން ތަފާތު ހިޔާލު ތަފާތުވުން ތަކެއް ވަނީ އުފެދިފައެވެ.
ޗައިނާ އިން ވަނީ ދާދި ފަހުން "ހާ ސްޓޯރީ"ގެ ނަމުގައި ތަފާތު ފިލްމެއް ނެރެފައެވެ. މިއީ ޗައިނާގެ ބޮކްސް އޮފީހަށް އާންމު ޖޯންރާގެ ފިލްމެއް ނޫނެވެ. މީގެ ކުރީން ޗައިނާގެ ބޮކްސް އޮފީހުގައި އެންމެ މަގުބޫލު ކަމެއް ހޯދަމުން އައިސްފައިވަނީ އެކްޝަން އަދި ފެންޓަސީ ފިލްމު ތަކެވެ. ނަމަވެސް އަންހެނުންނަށް ހާއްސަކޮށް އެމީހުންގެ ވާހަކަތަކެއް ކިޔައިދޭ ފިލްމެއް މީގެކުރީން ގެނެސްފައެއް ނުވެއެވެ.
ހާ ސްޓޯރީ ގައި ޒުވާން އަންހެނުންނާއި އެކި އުމުރުގެ އަންހެނުންނަށް ދިމާވާ ތަފާތި އެކި މައްސަލަތައް ވަރަށް ހާމަކަން ބޮޑު ގޮތެއްގައި ކިޔައިދެއެވެ. އެއާއެކު ޗައިނާގެ ގިނަ ބަޔަކު ބުނަނީ މިއީ ޗައިނާގެ "ބާބީ" ފިލްމު ކަމުގައެވެ.
ކްރިޓީކުންނަށް ފިލްމު ވެގެން ދިޔައީ ވަރަށް ތަފާތު އަދި މަގުބޫލު ފިލްމަކަށެވެ. ޗައިނާގެ އެންމެ ބޮޑު ފިލްމު ރިވިއު ޕްލެޓްފޯމު ކަމަށްވާ "ޑޫބާން"ގައި ފިލްމަށް ވަނީ 10 އަކުން 9.1 އެއްގެ ރޭޓިން އެއް ލިބިފައެވެ.
މި ފިލްމަށް ޗައިނާގައި އެކަނި އަޅުވައިގެން ވަނީ 93 މިލިއަން ޑޮލަރުގެ އާމްދަނީ އެއް ލިބިފައެވެ. އަދި މިދި މަހުގެ 22 އިން ފެށިގެން މިހާތަނަށް މެދުކެނޑުމެއް ނެތި ކޮންމެ ދުވަހަކު އެންމެ ބޮޑު އާމްދަނީ އެއް ހޯދި ފިލްމަކީ ވެސް ހާ ސްޓްރީއެވެ.
ފިލްމަށް އަންހެނުންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދާފައިވި ނަމަވެސް ފިރިހެނުންގެ މެދުގައި ފިލްމަށް އޮތީ ހިޔާލު ތަފާތުވުން ތަކެއް އުފެދިފައެވެ.
ސޯޝަލް މީޑިއާގައި އެއްބައި ޗައިނާ ފިރިހެނުން ގޮވަމުން އަންނަނީ ފިލްމު ބޮއިކޮޓު ކުރުމަށެވެ. އަދި ފެމިނިސްޓް އެޖެންޑާ ފަތުރަން ބަޔަކު އުޅޭ ކަމަށާއި މިއީ ޗައިނާގެ ސަގާފަތާ ބީރައްޓެހި ކަންތައްތަކެއް ކަމަށް އެތައް ބަޔަކު އަންނަނީ ގޮވަމުންނެވެ. ނަމަވެސް މިކަމަށް ޕްރޮޑަކްޝަނުންނާއި ކާސްޓުން އަންނަނީ ރައްދުވެސް ދެމުންނެވެ. ފާޑު ކިޔުންތަކަށް ރައްދު ދޭ މީހުންތައް ބުނާގޮތުގައި އަންހެނުންގެ ހައްގުތަކުގެ ވާހަކަތައް ނުދެއްކޭނެ ކަމަށް ބުނެ ސަގާފަތާ ގުޅުވުމަކީ އަންހެނުން އަޑުތައް ހިމޭ ކުރުމަށް ޖަހާ މަޅިއެކެވެ. އަދި އަންހެނުންގެ ހައްގުތަކުގެ ވާހަކަ ދެއްކުމަކީ އެއްވެސް ހާލަތެއްގައި ގޯސް ކަމަށް ނުވާނެ ކަމަށް ވެސް އަންނަނީ ބުނަމުންނެވެ.