އެމެރިކާއިން ޓައިވާނަށް އިތުރު އަސްކަރީ އެހީ ފޯރުކޮށްދިނުމަކީ އަލިފާނާ ކުޅުން ކަމަށް ޗައިނާއިން ބުނެފިއެވެ.
ޗައިނާގެ ޚާރިޖީ ވުޒާރާއިން އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި ވަނީ އެމެރިކާއިން އަޅަމުންދާ ޓައިވާން ސަރަހައްދުގެ ސުލްހައާއި ހަމަޖެހުމަށް ބުރޫއަރާ ފަދަ ނުރައްކާތެރި ފިޔަވަޅުތައް އެޅުން ހުއްޓާލުމަށް އިލްތިމާސްކޮށްފައެވެ.
ޗައިނާއިން އެގޮތަށް ބުނީ އަސްކަރީ އެހީގެ ގޮތުގައި 571.3 މިލިއަން ޑޮލަރު ޓައިވާނަށް ދިނުމަށް އެމެރިކާއިން ހުކުރު ދުވަހު ނިންމުމާ ގުޅިގެންނެވެ. އެކަމާބެހޭ އިތުރު ތަފްސީލެއް އެމެރިކާއިން ހާމަކޮށްފައެއްނުވެއެވެ. މީގެ ތިން މަސް ކުރިން ވެސް އެމެރިކާއިން ވަނީ 567 މިލިއަން ޑޮލަރުގެ އަސްކަރީ އެހީ ޓައިވާނަށް ފޯރުކޮށްދީފައެވެ.
ފާއިތުވި އަހަރުތަކުގައި ޓައިވާނަށް ސިޔާސީ އަދި އަސްކަރީ ޕްރެޝަރު ބޮޑުކޮށްފައިވާ ޗައިނާއިން ވަނީ އެމެރިކާއިން ޓައިވާނަށް އަސްކަރީ އެހީ ދިނުން ހުއްޓާލުމަށް ތަކުރާރުކޮށް ގޮވާލާފައެވެ. ޗައިނާއިން ވަކާލާތު ކުރާ ގޮތުގައި ޓައިވާނަކީ ޗައިނާގެ ބައެކެވެ.
އެމެރިކާއިން ރަސްމީކޮށް ޓައިވާން ބަލައިނުގަތް ނަމަވެސް އެއީ ޓައިވާނުގެ އެންމެ ގާތް އަދި އެންމެ ގިނައިން ހަތިޔާރު ފޯރުކޮށްދޭ ގައުމެވެ.
ޗައިނާގެ ޓައިވާން އެފެއާޒް އޮފީހުން ބުނީ އެމެރިކާއިން ކުރާ މިފަދަ އަމަލުތަކަކީ ޓައިވާންގެ މިނިވަންކަމަށް ތާއީދު ނުކުރުމަށް އެ ގައުމުގެ ލީޑަރުން ވެފައިވާ ސީރިއަސް ވައުދުތަކާ ފުށުއަރާ ކަންތައްތަކެއް ކަމަށެވެ.
އޮކްޓޯބަރު މަހު އެމެރިކާއިން ޓައިވާނަށް ދެބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމަށް ފާސްކުރިއިރު، އޭގެ ތެރޭގައި ވައިގެ މަގުން މިސައިލް ޑިފެންސް ސިސްޓަމެއް ފޯރުކޮށްދިނުން ހިމެނެއެވެ.
ޗައިނާއިން ޓައިވާނުގެ ކަނޑުގެ ސަރަހައްދުގައި ހިންގަމުންދާ އަސްކަރީ ހަރަކާތްތައް ނިންމާލުމަށް ޓައިވާނުން މި މަހުގެ ކުރީކޮޅު ވެސް ވަނީ ގޮވާލއިފައެވެ.
ޗައިނާގެ މަދަނީ ހަނގުރާމަ 1949 ވަނަ އަހަރު ނިމުނު ފަހުން ޗައިނާ އާއި ޓައިވާނުގައި އޮންނަނީ ވަކި ދެ ސަރުކާރެކެވެ. ޓައިވާނުގެ ޑިމޮކްރެޓިކް ސަރުކާރާ ބައެއް ގައުމުތަކުން ވަނީ ވިޔަފާރީގެ ގުޅުންތައް ވަރުގަދަކޮށްފައެވެ.