ރަކީދޫ ކައުންސިލް ބައި އިލެކްޝަން މޭ ހައެއްގައި ބާއްވަނީ

ލޯކަލް ކައުސިލް އިންތިހާބެއްގައި މާލޭގައި ބެހެއްޓި ބައެއް ވޯޓް ފޮށިތައް ގުނަން ފެށުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވ. ރަކީދޫ ކައުންސިލްގެ ބައި އިލެކްޝަން މޭ ހަވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފިއެވެ.

މިދިޔަ ބުދަ ދުވަހު އެ ކޮމިޝަނުން ވަނީ ދެ ރަށެއްގެ ބައި އިލެކްޝަން ބާއްވަން އިއުލާންކޮށްފައެވެ.

އެއީ ރަކީދޫ ކައުންސިލްގެ އަންހެން މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ ބައި އިލެކްޝަނާއި ވ. ތިނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އިން ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން އިންތިޚާބުކުރުމަށް އޮންނަ ބައި އިލެކްޝަނެވެ.

ރަކީދޫ ކައުންސިލުން ހުސްވެފައިވަނީ ކައުންސިލްގައި ހިމެނޭ އަންހެން މެމްބަރުގެ ގޮނޑިއެވެ.

ތިނަދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަސް ގޮނޑި ވެސް ވަނީ ހުސްވަފައެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އެ މަގާމުތަކަށް ކުރިމަތިލާން ބޭނުންވާ މީހުންނަ އެޕްރީލް ހަވަނަ ދުބަހުގެ މެންދުރު 13:00ގެ ނިޔަލަށް ފުރުސަތު އޮންނާނެކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު "ސަން" އަށް ހާއްސަ ބަސްދީގަތުމެއް ދެއްވަނީ -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މި ބައި އިލެކްޝަންތަކާ ގުޅިގެން "ސަން"އާ ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ވިދާޅުވީ ވ. ތިނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ތަކުރާރުކޮށް ކުރިމަތިލާން ހުޅުވައިލުމުން ވެސް ކުރިމަތިލާނެ އެއްވެސް ބޭފުޅަކުނުވި ކަމަށެވެ.

އޭނާ ވިދާޅުވީ މިއީ ފާއިތުވި ދެ އަހަރު ތެރޭ އެ ރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ބާއްވަން އިއުލާނުކުރި ފަސްވަނަ ފަހަރު ކަމަށެވެ.

"ވ. ތިނަދޫއަކީ ވަރަށް ކުޑަކުޑަ އާބާދީއެއް އޮންނަ ރަށެއް އިނގޭތޯ. ގާތްގަނޑަކަށް 100 ކޮންމެވެސް ވަރެއް މިއުޅެނި އަންހެން، ފިރިހެން މުސްކުޅިންނާއި ކުޑަކުދިންނާ ޖުމުލަ. ދެން އޭގެތެރެއިން ވާ ގޮތަކީ ދެބައިކުޅަ އެއްބަޔަކީ އުމުރުން 18އަހަރުން ދަށް. ނޫނިއްޔާ ދެން ވާގޮތަކީ އުމުރުން 60ހަކަށް އަހަރުން މަތިވީމާ މަސައްކަތެއްގައި ބައިވެރިވެެވެން ނެތް ނޫނީ ބައިވެރިވާން ބޭނުންނުވާ މީހުން،" ފުއާދު ވިދާޅުވިއެވެެ.

އޭނާ ވިދާޅުވީ އެހާ ކުޑަ އާބާދީއެއް އޮންނައިރު އެކި މީހުން އުޅެނީ އެކި ވަޒީފާތަކުގައި ކަމަށެވެ.

އެ ރަށު ކައުންސިލާ ވާހަކަދައްކައިގެން އެ މަގާމަށް މީހުން އިންތިޚާބުކުރެވޭތޯ ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ކާމިޔާބުވާ ގޮތް ނުވި ކަމަށް ފުއާދު ވިދާޅުވިއެވެ.

ރަށު ކައުންސިލްތަކުގެ މެމްބަރުން އިސްތިއުފާ ދިނުމުން އެ މަގާމު ހުސްވެ އަލުން ބައި އިލެކްޝަންތަކަށް ގިނަ އަދަދަކަށް ހުޅުވައިލައެވެ.

comment ކޮމެންޓް