ފަރުދީ، ޢާއިލީ، އިޖުތިމާޢީ، އަދި ޤައުމީ ފެންވަރުގައި ވެސް އިންސާނެއްގެ ދިރިއުޅުން ނުވަތަ ޙަޔާތް އެދެވޭ މަގުން އަދި ހެޔޮ ގޮތުގައި ހޭދަ ކުރެވޭނީ، ކޮންމެވެސް "ޕެރަޑައިމެއް" ނުވަތަ ކޮންމެވެސް "ވާލްޑްވިޔު" އެއްގެ މަތީގައެވެ. "ޕެރަޑައިމް" ނުވަތަ "ވާލްޑްވިޔު" ގެ މަފްހޫމަށް ދިވެހި ބަހުގައި އަދިއެއް އިސްތިލާހެއް ނެތެވެ. މާނައަށް ބަލާ އިރު، މި އިސްތިލާހުތަކުން ދޭހަ ކޮށްދޭ އެއްޗަކީ، އިންސާނެއްގެ އެންމެ އަސާސީ ޤަބޫލުކުރުންތަކެވެ. އެންމެ އަސާސީ ޙަޤީޤަތްތަކުގެ ގޮތުގައި އޭނާ ޤަބޫލު ކުރާ ވިސްނުންތަކާއި އުޞޫލުތަކެވެ. ހަރުދަނާ ކޮންމެ އިންސާނަކު ވެސް އޭނާގެ މުޅި ދިރިއުޅުން ބިނާ ކޮށް ހޭދަ ކުރާނީ އެ ވިސްނުންތަކާއި އުޞޫލުތަކުގެ މަތީގައެވެ.
އަޅުގަނޑުމެން މުސްލިމުންގެ ސިޔާގުގައި، އިންސާނީ ޙަޔާތުގެ އަސާސީ "ޕެރަޑައިމް" އަދި "ވާލްޑްވިޔު" އަކީ މާތް ވެގެންވާ އިސްލާމް ދީނެވެ. އެ ދީނުގެ އަސާސުތައް ކަމުގައި ހިމެނޭ ޢަޤީދާތަކެވެ. ޙައްޤު އަދި ހަޤީޤަތުގެ އެންމެ މުހިއްމު ބިންގާތައް ކަމުގައި އެ ދީން އުނގަންނައިދޭ ކަންކަމެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރުބޫބިއްޔަތާއި، އުލޫހިއްޔަތެވެ. އަޅުގަނޑުމެންގެ ހުރިހައި ކަމެއްގައި އެންމެ މަތީ ބާރުވެރިކަމާއި ޙުކުމްފުޅުގެ ވެރިފަރާތް ކަމުގައި އެކަލާނގެ ވެވޮޑިގަތުމެވެ. އާދަމް ޢަލައިހިއް ޞަލާތު ވައްސަލާމާ ހަމައިން ފެށިގެން މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައާ ހަމަޔަށް ފޮނުއްވެވުނު ރަސޫލުންނާއި ނަބީންގެ އިމާމުކަން ޤަބޫލު ކުރުމެވެ. އިންސާނާ ދުނިޔޭގައި ލެއްވެވުނީ ﷲ ގެ ޚަލީފާއެއްގެ ގޮތުގައިކަން ޤަބޫލު ކުރުމެވެ. މިހެން ގޮސް، އިސްލާމް ދީނުގެ އެންމެ އަސާސީ ޢަޤީދާތަކާއި އުޞޫލުތަކުގެ ތެރޭގައި ދެންވެސް ހިމެނޭ ކަންކަމުގެ ބިންގަލުގައި މުސްލިމުންގެ ފަރުދީ، ޢާއިލީ، އިޖުތިމާޢީ، އަދި ޤައުމީ ޙަޔާތް ބިނާ ކުރެވޭ އިރު، އިސްލާމީ ދައުލަތް ޤާއިމު ކުރެވޭން ވާނީ ވެސް މި ދަންނަވާ "ޕެރަޑައިމް" ނުވަތަ "ވާލްޑްވިޔު" ގެ މަތީގައެވެ.
އިސްލާމް ދީނުގެ "ޕެރަޑައިމް" ނުވަތަ "ވާލްޑްވިޔު" ގައި، އިސްލާމީ ދައުލަތުގެ އަސާސްތައް ފުރިހަމަޔަށް ބަޔާން ކުރެވިފައި ވާއިރު، އޭގެ ތެރޭގައި އިންސާނީ އަދި އިސްލާމީ އުޚުއްވަތާއި، އިންސާނުންގެ ހަމަހަމަކަން ނުވަތަ މުސާވާތު ހިމެނެއެވެ.
އިންސާނީ އަދި އިސްލާމީ އުޚުއްވަތު
އިސްލާމް ދީން އަޅުގަނޑުމެންނަށް އުނގަންނައިދޭ އެންމެ މުހިއްމު އެއް ޙަޤީޤަތަކީ، އިންސާނީ ނަސްލު އުފެދުނީ ކީރިތިވަންތަ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޔަދުފުޅުން ސޫރަ ކުރައްވައި ޚަލްޤު ކުރެއްވި އިންސާނަކާއި އެ އިންސާނާއަށް ޓަކައި އެކަލާނގެ އިރާދަފުޅާއި މިންވަރުފުޅުން ވުޖޫދަށް އައި ދެވަނަ އިންސާނެއްގެ ޒަވާޖީ ގުޅުމުގެ ތެރެއިން ކަމެވެ. އެކަލާނގެ ޔަދުފުޅުން ސޫރަ ކުރައްވައި ހެއްދެވި އިންސާނަކީ އަޅުގަނޑުމެން އެންމެންގެ ބަފައިކަލުނަށަވި އާދަމް ޢަލައިހިއްޞަލާތު ވައްސަލާމެވެ. އެކަލޭގެފާނަށް ޓަކައި ލޯބިވެރިކަމާއި އެކުވެރިކަމާއި ހެޔޮ އެންމެހައި ކަންކަމުގައި ބައިވެރިއެއް ކަމުގައި އަދި އަނބިކަނބަލެއް ކަމުގައި، އެކަލާނގެ އިރާދަފުޅާއި މިންވަރުފުޅުން ޚަލްޤު ކުރެއްވި ދެވަނަ އިންސާނަކީ އަޅުގަނޑުމެން އެންމެންގެ މައިކަނބަލުނަށަވި ޙައްވާ ޢަލައިހައްޞަލާތު ވައްސަލާމެވެ. އެ ދެ ކަނބަލުންގެ ދަރިފަސްކޮޅުން، ﷲ މިންވަރުފުޅު ކުރެއްވި ގޮތުގެ މަތީން ގުނައި ޢަދަދު ނުކުރެވޭހައި އިންސާނުން ވަނީ ދުނިޔެއަށް އައިސްފައެވެ. ޖީލަކަށް ފަހު ޖީލެއް މަގުންނެވެ. މި ހުރިހައި އިންސާނުންނަކީ އާދަމުގެފާނާއި ޙައްވާގެފާނުގެ ދަރީން ކަމުގައި ވާތީ، އެ އެންމެން ވަނީ އުޚުއްވަތްތެރި އާދަމުގެ ދަރީން ކަމުގައެވެ. ކޮންމެ އިންސާނަކު ވަނީ އަނެއް އިންސާނެއްގެ ނަސްލީ އަޚަކަށް ނުވަތަ އުޚްތަކަށެވެ. މި ތިމާގެކަމަކީ އަދި ގުޅުމަކީ ކެނޑޭނޭ ގުޅުމެއް ނޫނެވެ. އެއީ އަޅުގަނޑުމެންނަށް އެއްވެސް ޙާލެއްގައި ބަދަލު ނުކުރެވޭނޭ ޙަޤީޤަތެކެވެ. އެ ޙަޤީޤަތަށް ތެދުވެރި ވަނީ އަދި އެ ޙަޤީޤަތާ އެއްގޮތަށް ދިރިއުޅުން ވެއަތު ކުރަނީ އިންސާނުން ކުރެ ދާދި މަދު ބަޔަކު ކަމުގައި ވިޔަސް ވެހެވެ.
އިސްލާމީ ދައުލަތުގެ އެއް އަސާސަކީ މި ދެންނެވި އިންސާނީ އުޚުއްވަތެވެ. އިސްލާމީ ދައުލަތުގެ ދުސްތޫރީ ފަލްސަފާގައި، އެ ދައުލަތުގެ ރައްޔިތުން ކަމުގައި ހިމެނޭ އެންމެތަކުންނަކީ ވެސް އިންސާނީވަންތަކަމުގައި އަޚުންނެވެ. އިންސާނީ އެއްބަނޑުއެއްބަފާކަމުގެ އަހުލުވެރީންނެވެ. އަދި އެ ދައުލަތަށް ނިސްބަތް ނުވާ ބޭރު ބިދޭސީންނަކީ ވެސް، ހަމަ އިންސާނީވަންތަކަމުގައި އެ ދައުލަތުގެ އެންމެހައި މެންބަރުންގެ އަޚުންނެވެ. އިސްލާމީ ދައުލަތުގެ އަސާސީ މަޤްޞަދުތަކުގެ ތެރެއިން އެއް މަޤްޞަދަކަށް ވެސް، އެހެންކަމުން، ވަނީ އިންސާނީ ނަސްލުގެ މެދުގައި ޞުލްޙަމަސަލަސްކަމާއި އަމަންއަމާންކަމާއި އެކުވެރިކަން ދެމިއޮންނާނޭ މަގެއް ހޯދުމެވެ. އިންސާނީ ނަސްލުގެ ދުނިޔަވީ ޙަޔާތުން ދުޝްމަންކަމާއި ޢަދާވާތްތެރިކަމާއި އެއް ބަޔަކު އަނެއް ބަޔަކާ މެދު އަނިޔާވެރިކަން އިސް ކޮށް ލެއިއޮހޮރުވުން ހުއްޓުވުމެވެ. އެހެންކަމުން، އިސްލާމީ ދައުލަތުގެ ސިޔާސަތަކަށް ބައިނަލްއަޤްވާމީ ގުޅުންތަކުގައި ވެސް ވާނީ، އެއްވެސް ޤައުމަކުން އަނިޔާވެރިކަމާއި ދުޝްމަންކަން އިސް ނުކުރާހައި ހިނދަކު، އެކުވެރިކަމާއި ރަޙްމަތްތެރިކަން ބޭއްވުމެވެ.
އިންސާނީ އުޚުއްވަތާ އެކު، އިސްލާމީ ދައުލަތުގެ އަސާސެއް ކަމުގައި އިސްލާމީ އުޚުއްވަތު ވެސް ހިމެނެއެވެ. އޮޅުމެއް ނެތް ފަދައިން، މިއީ ރޫޙާނީ އަދި އަޚްލާޤީ ގުޅުމެކެވެ. އިސްލާމް ދީނުގެ ތަޢުލީމާތުގައި މި ގުޅުމަކީ އިންސާނީ ނަސްލުގެ ޖިސްމާނީ ނުވަތަ މާއްދީ އުޚުއްވަތަށް ވުރެ ވެސް މުހިއްމު ގުޅުމެކެވެ. ކީރިތި ޤުރްއާނާއި ނަބަވީ ސުންނަތުގެ ގިނަ ދަލީލުތަކަކުން، މިކަން ސާބިތު ވެއެވެ. އެހެންކަމުން، އިސްލާމީ ދައުލަތެއްގެ ސިޔާސަތުގައި، އެންމެ ގާތް ބަޔަކަށް ވާނީ އެހެން އިސްލާމީ ދައުލަތްތަކެވެ. އާދެ، އިސްލާމީ އުއްމަތުގެ މެންބަރުންނެވެ. އެއީ ކައިރީގައި ވާ ޤައުމުތަކަކަށް ވިޔަސް ނުވަތަ ދުރުގައި ވާ ޤައުމުތަކަކަށް ވިޔަސްވެހެވެ. އަވަށްޓެރި ޤައުމުތައް ވެސް އިސްލާމީ ދައުލަތެއްގެ ގުޅުންތަކުގައި ދަރަޖަ ކުރެވޭނީ ދުރުގައި ވާ އިސްލާމީ ޤައުމުތަކަށް ފަހުގައެވެ.
ހަމަހަމަކަން ނުވަތަ މުސާވާތު
އިސްލާމީ ދައުލަތުގެ އަސާސްތަކުގެ ތެރޭގައި ހިމެނޭ އިންސާނީ ހަމަހަމަކަން ނުވަތަ މުސާވާތުގެ މަފްހޫމަކީ، އިންސާނުންނަކީ އެއް ބައްޕާފުޅަކާއި އެއް މަންމާފުޅެއްގެ ފުށުން އައިސްފައި ވާ އުޚުއްވަތްތެރި ނަސްލެއް ކަމުގެ ޙަޤީޤަތުގެ މައްޗަށް އުފެދޭ މަފްހޫމެކެވެ. އާދެ، އާދަމުގެފާނާއި ޙައްވާގެފާނުގެ ކޮންމެ ދަރިއަކި ވެސް އިންސާނީވަންތަކަމުގައި އެކަކު އަނެކަކާ ދަރަޖައިން އެއްވަރު މީހެކެވެ. އެކަކަށް ވުރެ އަނެކަކު އިސް ވެގެން ވަނީ އެ މީހެއްގެ އަމިއްލަ އިޚްތިޔާރުގައި ނުބައި ކަންކަމާ ދުރުހެލި ވެ ހެޔޮކަމުގެ މަގުގައި ކުރިއަރައިދާ މިންވަރަކުންނެވެ.
މި ޙަޤީޤަތް ބަޔާން ކުރައްވައި، ކީރިތި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވިދާޅުވި ކަމަށް ޙަދީޘް ފޮތްތަކުގައި އޮންނަ އެއް ބަސްފުޅަކީ "ހުރިހައި އިންސާނުންނީ ފުނަލެއްގެ ދަތްތައް ފަދައިން ހަމަހަމަ ބައެއް" ކަމަށް އެކަލޭގެފާނު ވިދާޅުވި ބަސްފުޅެވެ.
އުޚުއްވަތާއި މުސާވާތާ ބެހޭ ފިލާވަޅުތަކެއް
ކީރިތި ޤުރްއާނާއި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތާއި މާތް ޞަޙާބީންގެ އުނގަންނައިދެއްވުންތަކުން، އިންސާނީ އަދި އިސްލާމީ އުޚުއްވަތާއި މުސާވާތާ ބެހޭ، އަދި އިސްލާމީ ދައުލަތް ހިނގާން ވާނީ މި އަސާސްތަކުގެ މައްޗަށްކަން އެނގޭ ކިތަންމެ ބަސްފުޅުތަކާއި ޙާދިޘާތަކެއް ފެނެއެވެ. އޭގެ ތެރެއިން ބައެއް ކަންކަމުގެ މައްޗަށް ބަލައިލަމާ ހިންގަވާށެވެ!
ކީރިތި މާތް ނަބިއްޔާގެ އެންމެ ލޮބުވެތި، އެންމެ އަރިސް ޞަޙާބީންގެ ތެރޭގައި ގައިކޮޅުގެ ހަމުގެ ކުލަ ކަޅު ބިލާލް ބިން ރަބާޙް ރަޟިޔަﷲ ޢަންހު ހިމެނިވަޑައިގަތެވެ. އެއީ ކޮން ބެއިކަލެއްތޯއެވެ؟ މަސްޖިދުއް ނަބަވީގެ ފަޚްރުވެރި، ޝަރަފުވެރި، މުއައްޛިނެވެ. ޤިޔާމަތާ ހަމަޔަށް މި އުއްމަތުގެ މިސްކިތްތަކުން ބަންގި ގޮވާނޭ އެތައް މިލިޔަން މުއައްޒިނުންނެއްގެ އިމާމެވެ. މިއަދު ވެސް، އެކަލޭގެފާނުގެ ޒިކުރާ އައު ކުރެވުމުން، މުސްލިމުން ކުރެ ހަމުގެ ކުލަ ކަޅު މީހުންނާއި ހަމުގެ ކުލަ ދޮން މީހުންގެ ލޯތަކުން އެއް ގޮތެއްގައި ލޯތްބާއި ޝުކުރުވެރިކަމުގެ ކަރުނަ އޮހޭ މަންޒަރު ތިބާ ދެކެވަޑައިގަންނަވާނޫއެވެ!
އިންސާނީ އުޚުއްވަތާއި ހަމަހަމަކަމުގެ މައްޗަށް މަދީނާގެ ބަރަކާތްތެރި އިސްލާމީ ދައުލަތް ޤާއިމު ކުރައްވައި ފުރިހަމަ ކުރެއްވުމަށް ފަހު، އިތުރު ނަބިއްޔާ ޙައްޖަތުލް ވަދާޢުގެ ޚުޠުބާގައި މި ދަންނަވާ ބަސްފުޅުތައް އިއްވެވިއެވެ. – އިންސާނުން އައީ އާދަމުގެފާނާއި ޙައްވާގެފާނުގެ ފުށުންނެވެ. ޢަރަތްބަކަށް ޢަޖަތްމެއްގެ މައްޗަށް، އަދި ޢަޖަތްމަކަށް ޢަރަތްބެއްގެ މައްޗަށް މަތިވެރިކަން ލިބިގެންނެއް ނުވެއެވެ. އަދި ދޮން މީހަކަށް ކަޅު މީހެއްގެ މައްޗަށް، އަދި ކަޅު މީހަކަށް ދޮން މީހެއްގެ މައްޗަށް މަތިވެރިކަން ލިބިގެންނެއް ނުވެއެވެ. ތިމާގެ ތަޤުވާވެރިކަމާއި ހެޔޮ ޢަމަލުތަކުގެ ބުރަދަނުން ލިބުނު މާތްކަމެއް މެނުވީއެވެ. –
އަޅުގަނޑުމެންގެ ދެވަނަ ޚަލީފާ ޢުމަރު ރަޟިޔަﷲ ޢަންހުގެ ޚިލާފަތުގައި، އިސްލާމީ ދައުލަތުގެ ފަރުވިންސެއްގެ ގޮތުގައި އޮތް މިޞްރުގެ ޤިބްޠީ ކްރިސްޓިޔަނަކު، މިޞުރުން ނުކުމެގެން ދަތުރު ކޮށްފައި މަދީނާޔަށް އައެވެ. އަދި ޚަލީފާގެ އަރިޔަހަށް ގޮސް، މިޞްރުގެ މުސްލިމް ގަވަރުނަރު ޢަމްރޫ ބުނުލް ޢާޞް ރަޟިޔަﷲ ޢަންހުގެ ދަރިކަލަކު އޭނާގެ ގައިގައި ނުޙައްޤުން ޖެހި ވާހަކައިން ޝަކުވާ ކުޅައެވެ. އޭނާގެ ޝަކުވާގެ ބަސްތައް ނިމުމުން، ހަމަ ވަގުތުން ޢުމަރުގެފާނު އަމުރުފުޅު އިއްވެވީ ދުވެލި އަވަސް ޤާޞިދަކު މިޞްރަށް ގޮސް، ގަވަރުނަރު ޢަމްރޫ އާއި އޭނާގެ ދަރިކަލުން މަދީނާޔަށް ގެނައުމަށެވެ. އެ އަމުރުފުޅާ އެއްގޮތަށް، ޢަމްރޫ ބުނުލް ޢާޞް ދަރިކަލުންނާއިގެން މަދީނާޔަށް ވަޑައިގަތުމުން، ޚަލީފާ އެ މައްސަލަ ބެއްލެވިއެވެ. ޝަކުވާ ކުރި ކްރިސްޓިޔަން މީހާގެ ގައިގައި ޢަމްރޫގެ ދަރިކަލުން ތެޅުއްވިކަން ސާބިތު ވުމުން، ޢަދުލުވެރި މަގުން ބަދަލު ހިފުމުގެ ފުރުޞަތު އޭނާޔަށް ދެއްވިއެވެ. އެޔަށްފަހު، ކްރިސްޓިޔަން މީހާޔަށް އެންގެވީ އޭނާ އެދޭ ނަމަ، ގަވަރުނަރު ޢަމްރޫގެ ގައިކޮޅުގައި ވެސް ޖެހުމަށެވެ. ގަވަރުނަރުގެ ދަރިކަލުންނަށް ރައްޔިތުންގެ ގައިގައި ތެޅުމަށް ހިތްވަރު ލިބުނީ ގަވަރުނަރުގެ އިހުމާލާއި، އޭނާގެ މަތިވެރި މަޤާމުގެ ހައިބަތުން ލިބިވަޑައިގަތް ހިތްވަރުގެ ސަބަބުން ކަމުގައި ވާތީ، ގަވަރުނަރަށް ވެސް އަދަބު ޙައްޤު ކަމުގައި ބައްލަވައިގެންނެވެ. ކްރިސްޓިޔަން މީހާ އެކަމުން މަނަޢަ ވެގަނެ، ދެންނެވީ އޭނާ ބަދަލު ހިފާން ބޭނުމީ ހަމައެކަނި އޭނާޔަށް އަނިޔާ ކުރި މީހާގެ ފަރާތުން ކަމުގައެވެ. ޚަލީފާ އޭނާގެ ނިންމުމަށް އިޙްތިރާމު ކުރެއްވިއެވެ. ދެން ވިދާޅުވެ އިއްވެވީ ދުނިޔޭގެ ޢަދުލުއިންޞާފުގެ ދަރުބާރުތަކުގައި ރަން އަކުރުން ކަނޑައިނަގައިފައި ބެހެއްޓުން ޙައްޤު މަޝްހޫރު ބަސްފުޅެވެ. – "އޭ ޢަމްރެވެ! މީސްތަކުން އެބައިމީހުންގެ މައިންގެ ބަނޑުތަކުން ނުކުންނަނީ މިނިވަނުންގެ ގޮތުގައެވެ. ކަލޭގެފާނު އެމީހުން އަޅުވެތި ކުރައްވާން ފެއްޓެވީ ކޮން އިރަކުތޯއެވެ؟" –
މުސްލިމުންގެ ހަތަރުވަނަ ޚަލީފާ ޢަލީ ރަޟިޔަﷲ ޢަންހު، އެކަލޭގެފާނުގެ ފަރާތްޕުޅުން މިޞްރުގައި ހުންނެވި ގަވަރުނަރު މާލިކުލް އަޝްތަރަށް ފޮނުއްވެވި ފަތްކޮޅުގައި އަންނަނިވި ބަސްފުޅުތައް ލިޔުއްވައިފައި ވެއެވެ. – "އޭ މާލިކްއެވެ! ދައުލަތުގެ ރައްޔިތުން ބެހިގެން ވަނީ ދެ ބަޔަކަށެވެ. އެއް ބަޔަކީ ދީނުގައި ކަލޭގެފާނުގެ އަޚުންނެވެ. އަނެއް ބަޔަކީ އިންސާނިއްޔަތުގައި ކަލޭގެފާނުގެ އަޚުންނެވެ." –
ދޮން މީހުންގެ ޙާލަތު
އަޅުގަނޑުމެންގެ ތެރެއިން ބަޔަކު، އަޅުގަނޑުމެންގެ މާތް ވެގެންވާ އިސްލާމް ދީނަކީ މުސްލިމުންގެ ފަރުދީ، ޢާއިލީ، އިޖުތިމާޢީ، އަދި ޤައުމީ ޙަޔާތުގެ "ޕެރަޑައިމް" ކަމަށް ހެދުމަށް އިންކާރު ކުރަމުން ދާކަމީ ހިތި ޙަޤީޤަތެކެވެ. އެފަދަ މީހުންނަށް ހުރިހައި ކަމެއްގައި ނަމޫނާއަކަށް ފެންނަނީ ހުޅަނގެވެ. ޔޫރަޕުގެ ދޮން މީހުންނެވެ. އެހެންކަމުން އެމީހުން ފައުޅުގައި "ކާމިޔާބު ވާނީ ދޮން މީހުން އުޅޭ ގޮތަށް އުޅެގެނޭ" ބުނެއެވެ. ނަމަވެސް ހުރިހައި ކަމެއްގައި ވެސް އަޅުގަނޑުމެންނަށް ތާރީޚުން ފެންނަ ޙަޤީޤަތަކީ، ކޮޕީ ކުރާން އަދި އެ ބައެއްގެ ގާތުން ފިލާވަޅު ލިބިގަންނާން ހުރިހައި ގޮތަކުން ވެސް ރަނގަޅީ މުސްލިމުންގެ ކާބަފައިންކަމެވެ. އިސްލާމް ދީނުގެ އަހުލުވެރީން ކަމެވެ.
މިސާލެއްގެ ގޮތުން، އަޅުގަނޑުމެން އެ ދެ ކަންތަކާ މެދު މި ވާހަކަ ދައްކާ ކަންކަން، ހުޅަނގުގެ އެންމެ ފުރިހަމަ "ޖުމްހޫރިއްޔާ" އަދި އެންމެ ފުރިހަމަ "ޑިމޮކްރަސީ" ކަމަށް ބުނާ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގައި އޮތް ގޮތުގެ މައްޗަށް ބައްލަވާށެވެ!
ޤަބޫލު ކުރަމެވެ! ޔުނައިޓެޑް ސްޓޭޓްސްގެ ދުސްތޫރީ ނިޒާމު ވަރަށް ވެސް ހަރުދަނައެވެ. ވަރަށް ވެސް ފުރިހަމައެވެ. ނަމަވެސް އިސްލާމީ ދައުލަތުގެ ދުސްތޫރީ ނިޒާމާއި، އިސްލާމީ ދައުލަތް އެ އަޚްލާޤީ މަބްދައުތަކެއްގެ މަތީގައި ބިނާ ކުރެވުނު މަބްދައުތަކާ އަޅާކިޔާ ނަމަ، ޔުނައިޓެޑް ސްޓޭޓްސްގެ ނިޒާމުގައި އެތައް ގިނަ އުނި ކަންތައްތައް ހުއްޓެވެ. އެއިގެ ތެރެއިން އެއް ކަމަކީ، އެ ނިޒާމުގެ ތެރޭގައި ނަސްލީ އިމްތިޔާޒު ބަލައިގަނެވުނު، އަދި ޤަބޫލު ކުރެވުނު މިންވަރެވެ. ކަޅު މީހުންނަކީ ދޮން މީހުން ފަދައިން އެމެރިކާގެ ރައްޔިތުން ކަމުގައި ނުބެލެވޭނެ ކަމަށާއި، ކަޅު އަޅުންނަކީ ދޮން މީހުންނަށް މިލްކު ވެގެންވާ މުދާތަކެއް ކަމުގައި، ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ފެޑްރަލް ސުޕްރީމް ކޯޓުން ޑްރެޑް ސްކޮޓް ވ. ސޭންޑްފަރޑް (1857) ޤަޟިއްޔާގައި ނިންމީ މި ދަންނަވާ އުނިކަމުގެ ސަބަބުންނެވެ. އަދި ކަޅު މީހުންނާ މެދު އިންތިހާ ދަރަޖައިގެ އަނިޔާތަކާއި، ބޭއިންޞާފު، ދައުލަތުގެ ނިޒާމުގެ ތެރެއިން ދެވި، ކަޅު މީހުންނާ މެދު ދުސްތޫރީ ގޮތުންނާއި ޤާނޫނީ ގޮތުން ކުރެވެމުން ދިޔަ ތަފާތުތައް ނެއްތައިލުން 1960 ގެ އަހަރުތަކާ ހަމަޔަށް ލަސް ވެގެން ދިޔައީ ވެސް މި ދަންނަވާ އުނިކަމުގެ ސަބަބުންނެވެ. އިސްލާމީ ދައުލަތުގައި، ގައިގެ ކުލަ ކަޅު މުސްލިމުންނަށް، ޔުނައިޓެޑް ސްޓޭޓްސްގައި ކަޅު މީހުންނަށް ތަޙައްމަލު ކުރާން ޖެހުނު ފަދަ އަނިޔާތަކެއް ދުވަހަކުވެސް ލިބިފައި ނުވުމުގެ ސަބަބަކީ ކީރިތި ނަބިއްޔާގެ މަތިވެރި ތަޢުލީމާތެވެ. މާތް ވެގެންވާ އިސްލާމް ދީނުގައި އިންސާނީ އުޚުއްވަތަށް ގޮވައިލެއްވި ގޮވައިލެއްވުމުގެ ވަރުގަދަކަމެވެ. އެކަލޭގެފާނު އުފެއްދެވި ދައުލަތާއި އެ ދައުލަތުގެ ދުސްތޫރީ ނިޒާމު އެ ފިކުރުތަކަކާއި އުޞޫލުތަކެއްގެ މައްޗަށް ޤާއިމު ކުރެއްވެވި ފިކުރުތަކާއި އުޞޫލުތަކެވެ. އެކަލޭގެފާނު ބިނާ ކުރެއްވެވި އިސްލާމީ މުޖުތަމަޢު އެ ޤިޔަމުތަކެއްގެ މަތީގައި ސާބިތު ކުރެއްވެވި ވަރުގަދަ އަޚްލާޤީ ޤިޔަމުތަކުގެ މަތިވެރިކަމާއި މޮޅުކަމެވެ.
ޔުނައިޓެޑް ސްޓޭޓްސްގެ މިނިވަންކަމުގެ ޤަރާރަކީ، އެ ޤައުމުގެ ދުސްތޫރީ ނިޒާމުގެ އެންމެ ވަރުގަދަ އެއް އަސާސެވެ. އެ ޤަރާރުގައި "އަހަރެމެން ޤަބޫލު ކުރަނީ ހުރިހައި އިންސާނުން ވެސް ހެއްދެވިގެން ވަނީ ހަމަހަމަ ބަޔަކުގެ ގޮތުގައޭ" މި ޢިބާރާތް އޮވެއެވެ. ވަރަށް ފުރިހަމަ ޢިބާރާތެކެވެ. މި ޢިބާރާތާ އެކު، އެ ޤަރާރު ލިޔުއްވި ބެއިފުޅަކީ ތޯމަސް ޖެފަރސަނެވެ. އޭނާ އަކީ އެމެރިކާގެ މުއައްސިސުން ނުވަތަ ބާނީންގެ ތެރެއިން އެންމެ ވަރުގަދަ އެއް ޝަޚްޞިއްޔަތެވެ. އެމެރިކާގެ ތިންވަނަ ރައީސެވެ. ކުޅަދާނަ ޤާނޫނީ ވަކީލެކެވެ. ފަލްސަފާވެރިއެކެވެ. އާދަޔާ ޚިލާފު ޤާބިލިއްޔަތެއްގެ ވެރި ލީޑަރެކެވެ. ޙިކުމަތްތެރި ޑިޕްލޮމެޓެކެވެ. އެމެރިކާ އެ ބެއިފުޅަކަށް ޓަކައި އެއިރުވެސް އަދި މިހާރު ވެސް ފަޚުރުވެރި ވާ ބެއިފުޅެކެވެ. ނަމަވެސް އޭނާގެ ޙަޔާތްޕުޅުން އެންމެ ވާހަކައެއް ޒިކުރު ކޮށްލަމާ ހިންގަވާށެވެ! ޖެފަރސަންގެ ގެންގުޅުއްވި ކަޅު ނަސްލުގެ އަޅުންގެ ތެރޭގައި ސެލީ ހެނިންގްސް އެވެ ކިޔުނު އަންހެން ކުއްޖަކު ހުއްޓެވެ. ޖެފަރސަން އެ އަންހެން ކުއްޖާ ގެންގުޅުއްވީ ޖިންސީ އަޅެއްގެ ގޮތުގައެވެ. އޭނާގެ ބަނޑުން ޖެފަރސަނަށް ހަ ބެއިފުޅުން ލިބިވަޑައިގަތެވެ. ޖެފަރސަނަށް އެއީ އޭނާގެ ބެއިފުޅުންކަން އެނގިވަޑައިގަނެއެވެ. ނަމަވެސް އެއީ ދަރީން ކަމަކަށެއް ދުވަހަކުވެސް ނުބައްލަވައެވެ. އަނެއްކޮޅުން، މުސްލިމުންގެ މަތިވެރި ޚަލީފާ ޢުމަރު ފާރޫޤް ރަޟިޔަﷲ ޢަންހު، ރޯމަނުންގެ އަތްދަށުން ޤުދުސް މިނިވަން ކުރެއްވި ހާދިސާގައި، ޤުދުސްގެ ތަޅުދަނޑިކޮޅާ ޙަވާލު ވެވަޑައިގަތުމަށް ޓަކައި ޤުދްސަށް ދަތުރުފުޅު ކުރެއްވީ ލަޝްކަރެއް، ބޮޑީގާޑުންނެއް ނެތި، ހަމައެކަނި އެކަލޭގެފާނުގެ އަޅުކުއްޖަކާއިގެންނެވެ. ދަތުރުފުޅު ކުރެއްވީ ބައިތުލްމާލުން ދަތުރުފުޅަށް ޓަކައި ހޯއްދެވި އެއްމެ ޖަމަލުކޮޅެއްގައެވެ. ދަތުރުފުޅުމަތީގައި އެކަލޭގެފާނު ޖަމަލުކޮޅުގައި ވަކި ހިސާބަކަށް ވަޑައިގަތުމަށް ފަހު، އަޅުކުއްޖާ އަށް ޖަމަލު ދެއްވިއެވެ. އޭނާ އިންކާރު ކޮށް، ޖަމަލުގައި ދަތުރުފުޅު ކުރައްވާން ވާނީ ޚަލީފާ ކަމުގައި ދެންނެވިއެވެ. ނަމަވެސް ޚަލީފާ އެގޮތް ޤަބޫލުފުޅެއް ނުކުރެއްވިއެވެ. ވިދާޅުވީ އިންޞާފުވެރި ގޮތަކީ ފަހަރަކު ބެއިފުޅަކު ޖަމަލުގައި ދަތުރު ކުރެއްވުން ކަމުގައެވެ. ދެން އެގޮތުގެ މަތީން، އެއް ބެއިފުޅަކު ޖަމަލުގައި ދަތުރުފުޅު ކުރައްވާ އިރު އަނެއް ބެއިފުޅަކު ލަގަނުގައި ހިއްޕަވައިގެން ފައިމަގުގައި ހިންގަވައިފައި، ވަޑައިގެން ދިމިޝްޤާ ހަމަޔަށް ވަޑައިގެންނެވުނު އިރު، ޖަމަލުގައި އިންނާން ޖެހުނީ އަޅުކުއްޖާއަށެވެ. އެހިނދު އޭނާ ޚަލީފާގެ އަރިޔަހުގައި ދެންނެވީ، ޝަހަރުގެ މީސްތަކުންނާއި އެ ޝަހަރުގައި ތިއްބެވި މުސްލިމް ލަޝްކަރުގެ ބެއިފުޅުންނަށް، ޚަލީފާ އޭނާ ސަވާރު ވެގެން އިންނަ ޖަމަލެއްގެ ލަގަނުގައި ހިއްޕަވައިގެން ފައިމަގުގައި ހިންގަވައިފައި ވަޑައިގަންނަވާ މަންޒަރު ފެނުމަކީ ރަނގަޅު ގޮތެއް ކަމުގައި ނުވާނެ ކަމުގައެވެ. ނަމަވެސް ޚަލީފާ ޢުމަރު އެވާހަކަޔަށް ޖަވާބުގައި ވިދާޅުވީ، "އިންޞާފުން ބޭރު ވެގެން ހޯދާ ޢިއްޒަތެއް ބޭނުންފުޅު ނޫން" ކަމުގައެވެ.
މިއީ އިސްލާމީ ދައުލަތުގެ ވެރީންނާއި، ޔުނައިޓެޑް ސްޓޭޓްސްގެ ވެރީންނާ ހުރި ތަފާތެވެ.
އަޅުގަނޑުމެންގެ ދައުލަތް ބިނާ ކުރާންވީ، މި ދެންނެވި ގޮތުގެ މަތީން، އިސްލާމް ދީނުގެ މަތިވެރި "ޕެރަޑައިމް" އާއި "ވާލްޑްވިޔު" ގެ މަތީގައިތޯއެވެ؟ ނުވަތަ ބަހާއި ޢަމަލާ ދިމާ ނުވާ ދޮން ސާހިބުން ކޮޕީ ކޮށްގެންތޯއެވެ؟