އެމްޑީޕީގެ ޓިކެޓުގައި ގުރައިދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރަނީ، ރައްޔިތުންނަށް އެމްޑީޕީގެ ތަރައްގީ ފޯރުކޮށްދޭންކަމަށް ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރާ ޝާޒު އިބްރާހީމް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ، އެމްޑީޕީން ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕޭން ފެށުމަށް ގުޅީގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. މި ޖަލްސާގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާއި ޑެޕިއުޓީ ޗެއާޕާސަން އަހުމަދު އަބްދުﷲ އަދި އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ބައިވެރިވެ ވަޑައިގަތެވެ.
ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ޝާޒް ވިދާޅުވީ، ގުޅި، ގުރައިދޫ އަދި މާފުއްޓަށް ބޭނުންވާ ކަންކަން އޭނާއަށް ވަރަށް ސާފުކަމަށެވެ. އަދި ދާއިރާގެ ތަރައްގީގައި ވަކި ޕާޓިއަށް ބެލުން ނޯންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމީ ހުރިހާ ޕާޓީއަކަށް އެމްޑީޕީގެ ތަރައްގީ ފޯރުކޮށްދޭން ނުކުންނަ ރައްޔިތުންގެ އެޖެންޓް،" އޭނާ ވިދާޅުވިއެވެ.
ޝާޒް ވިދާޅުވީ، އަތޮޅުތެރޭ ރަށްރަށުގައި އެންމެ ބޮޑު ދައްޗަކީ ބިމުގެ ދަތިކަން ކަމަށެވެ. ނަމަވެސް، ގުޅި، ގުރައިދޫ އަދި މާފުށީގެ ބިމުގެ ދަތިކަން މިހާރު ހައްލުވެފައި ވާކަން އޭނާ ފާހަގަކުރެއްވި އެވެ.
"އޭގެ ކޮންމެ ރަށަކަށް ޕިކްނިކް އައިލެންޑެއް ލިބިއްޖެ. ދެން އޮތީ ގުޅި. ކޮންޓްރެކް ކުރެވި އެމްޓީސީސީއާ ހަވާލު ކުރެވިއްޖެ،" އޭނާ ވިދަޅުވިއެވެ.
ޝާޒް ވިދާޅުވީ މިކަމުން ދޭހަވަނީ މި ސަރުކާރުގައި ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި ވަކި ރަށެއް ތަފާތު ނުކުރާކަން ކަމަށެވެ.
"ނަމަވެސް މި ރަށްތަކަށް އަންނަ ކުރިއެރުން ކުރިން އޮތީ ހިފަހައްޓާ އޮބަހައްޓާފަ. ސިޔާސަތަށް ގެނައި ބަދަލުން މިރަށްތައް ދުއްވައިގަން ގޮތް އަޅުގަނޑުމެން މި ދަނީ ބަލަމުން،" ޝާޒު ވިދާޅުވިއެވެ.
މީގެ އިތުރުން، އޭނާ ވިދާޅުވީ، ދައިރާ އިތުރަށް ކުރިއަރުވާ، ފަތުރުވެރިކަމުގެ އެންމެ ބޮޑު ލާބަ މި ދާއިރާގެ ރައްޔިތުންނަށް ހޯދައިދެވޭނެ މީހަކީ ވެސް އޭނާ ކަމަށެވެ.
"ހުނަރުވެރި ހީވާގި ޒިންމާދާރު ޒުވާނުން މި ތިންރަށުގައި މިއަދު ވެސް އެބަތިބި. އަދާކުރާނެ ވަޒީފާއާ ކުރާނެ މަސައްކަތް އަމިއްލަ ކުރިއެރުމުގައި އެ ޒުވަނުންގެ އުންމީދުތައް ވަރަށް ވެސް ބޮޑު،" ޝާހު ވިދާޅުވިއެވެ.
ޝާޒްގެ ވާހަކަ ނިންމާލީ، ތަރައްގީއަށް އެދޭނަމަ ގުރައިދޫ ދާއިރާގެ ހުސްވެފައިވާ ގޮނޑިއަށް އޭނާ ހޮވުމަށް އެ ދާއިރާގެ ރަށްތަކުގެ ރައްޔިތުންގެ ކިބައިން އެދިވަޑައިގަންނަވަމުންނެވެ.