ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހަމީދުގެ ނޯތު ކޯސްޓް ކޮންސްޓްރަކްޝަނަށް 44 މިލިއަން ރުފިޔާއަށް މަޝްރޫއެއް ހަވާލުކޮށްގެން ފައިސާ ދިން މައްސަލައިގެ ޖިނާއީ ތަހުގީގު އަވަސް ކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ފުލުހަށް އަންގައިފިއެވެ.
ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި މަޖިލީހުގެ މިދިޔަ ދައުރަށް އިންތިޚާބުވި އަލީ ހަމީދު ވަނީ، މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބާ ދިމާކޮށް، އޭޕްރިލް މަހުގެ ތެރޭގައި އޭރު ވެރިކަން ކުރަމުން ދިޔަ އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.
އެ މައްސަލައިގެ ތަހުގީގެއް ހިންގަން ފުލުހަށް ފޮނުވީ، މަޖިލީހުގެ މާލިއްޔަތު ކޮމިޓީންނެވެ. އެގޮތުން އާސަންދައިން ފޮނުވި ސިޓީއަކާ ގުޅިގެން މައްސަލަ ދިރާސާކޮށް، ފުލުހަށް ފޮނުވަން އެ ކޮމިޓީން ފާސްކުރީ މިދިޔަ އޮކްޓޯބަރު މަހުގެ 29ގައެވެ.
އެ މައްސަލައާ ގުޅޭ ގޮތުން ޕީޖީ އޮފީހުން މިއަދު ބުނީ އެއީ ދިވެހި ދައުލަތާއި، ރައްޔިތުންގެ އާންމު މަސްލަހަތު މަތީ ދަރަޖައަކަށް އޮތް ހައްސާސް މައްސަލައެއްކަމަށް އެ އޮފީހަށް ފެންނަ ކަމަށެވެ.
އެހެންވެ، އެ މައްސަލައަށް އިތުރު ސަމާލުކަމެއްދީ، މައްސަލައަށް ޚާއްސަ ތަހުގީގު ޓީމެއް އެކުލަވާލައި، އަވަސް މައްސަލައެއްގެ ގޮތުގައި ކުރިއަށް ގެންދިޔުމަށް މިއަދު އެ ޚިދުމަތުގައި ދަންނަވާފައި ވާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
"އަދި މި މައްސަލައިގައި ހިމެނޭ ފަރާތްތަކާ ގުޅޭ މި ބާވަތުގެ އިތުރު ޕްރޮޖެކްޓެއްވާނަމަ އެކަންކަންވެސް މި މައްސަލައިގެ ތެރެއިން ތަހުގީގު ކުރެއްވުމަށް ދަންނަވާފައިވާނެއެވެ." އެ އޮފީހުން ބުންޏެވެ.
އެ މައްސަލައިގައި އާސަންދަ ކުންފުނިން މާލިއްޔަތު ކޮމިޓީއަށް ފޮނުވި ސިޓީގައިވާ ގޮތުން، އާސަންދައިން ވަނީ 61 މިލިއަން ރުފިޔާއަށް ހޮސްޕިޓަލެެއް އެޅުމަށް އެ ކުންފުންޏާ ހަވާލުކޮށްފައެވެ. އެ ކޮންޓެރެކްޓު ބާތިލް ކުރުމާ ގުޅިގެން އާސަންދައިން ބަދަލަށް ފައިސާ ދޭން ޖެހުނު ކަމަށް ބުނެފައިވެއެވެ.
އޭގެފަހުން، 2022 ވަނަ އަހަރު އެ ހޮސްޕިޓަލްގެ ބަދަލުގައި އޮފީސް އިމާރާތެއް އެޅުމަށް ނޯތު ކޯސްޓްއާ ހަވާލުކޮށްފައިވާ ކަމަށް އާސަންދައިން ބުނެފައިވެއެވެ.
އެ ޕްރޮޖެކްޓުގެ އެޑްވާންސަށް 44 މިލިއަން ރުފިޔާ ދައްކާފައިވާއިރު، އެ ފައިސާ ބޭނުންކުރި ގޮތުގެ ތަފުސީލަށް ތަކުރާރުކޮށް އެދުމުން ވެސް އެ މައުލޫމާތު ނޯތު ކޯސްޓްއިން ހާމަކޮށްދީފައިނުވާ ކަމަށް އާސަންދައިން ބުނެއެވެ.
އެ ކޮމިޓީގައި މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ، އާސަންދައިން އެ ކުންފުންޏަށް ދީފައިވާ އެޑްވާންސް ފައިސާ އަނބުރާ ހޯދަން ޖެހޭ ކަމަށާއި މިކަމަކީ 'ސްކޭމެއް' ކަމަށެވެ. ނާޒިމްގެ އިތުރުން ވެސް މެންބަރުން ވަނީ މި މައްސަލައަކީ ސްކޭމެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ. އެހެންވެ، އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ކުރުމަށް ފުލުހުންނަށް ފޮނުވުމަށް ނާޒިމް ހުށަހެޅުއްވީއެވެ.
އެ ހުށަހެޅުމަށް ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙުމަދު އަޒާނާއި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ތާއިދުކުރެއްވިއެވެ. އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ހިންގަން ފުލުހަށް ފޮނުވަން ކޮމިޓީން ފާސްކުރީ ހަތް މެންބަރުގެ ތާއިދާ އެކުގައެވެ.
އެ މައްސަލައާ ގުޅޭ ގޮތުން އަލީ ހަމީދު މީގެ ކުރިން 'ސަން'އަށް ވިދާޅުވީ، އެ މައްސަލައިގައި މާލިއްޔަތު ކޮމިޓީން އޭނާއަށް ސިޓީއެއް ފޮނުވި ކަމަށާއި އެ ސިޓީގައި އެދުނު މައުލޫމާތުތައް ކޮމިޓީއާ ހިއްސާކުރައްވާފައި ވާނެ ކަމަށެވެ. އަަދި ކޮމިޓީން ގޮތް ނިންމީ އަމިއްލައަށް ކަމަށާއި އެ ނިންމުމަކީ ސައްޙަ މައުލޫމާތުގެ މައްޗަށް ބިނާކޮށް ނިންމާފައިވާ ނިންމުމެއް ނޫން ކަމަށް ހަމީދު ވަނީ ތުހުމަތު ކުރައްވާފައެވެ.