ހަތް އަހަރުގެ މެދުކެނޑުމަކަށް ފަހު ސްކޫލު ކުދިންގެ ލަވަ މުބާރާތް ބާއްވަނީ

މީގެ ކުރިން ބޭއްވި ސުކޫލު ކުދިންގެ ލަވަ މުބާރާތެއްގެ ފޮޓޯއެއް--

ހަތް އަހަރުގެ މެދުކެނޑުމަކަށް ފަހު ސްކޫލު ކުދިންގެ މެދުގައި ބާއްވާ، ލަވަ ކިޔުމުގެ މުބާރާތް އަނެއްކާ ވެސް ބާއްވަން ނިންމައިފިއެވެ.

"އިންޓަ ސްކޫލް ލަވަ މުބާރާތް 2023"ގެ ނަމުގައި ބާއްވަން ހަމަޖެހިފައިވާ އެ މުބާރާތަކީ ރާއްޖޭގެ ސްކޫލުތަކުގެ މެދުގައި ވާދަކުރެވޭ ގޮތަށް އެޑިއުކޭޝަން މިނިސްޓްރީއާއި ޔޫތް މިނިސްޓްރީއާއި ޕީއެސްއެމް އަދި ނެޝެނަލް ސެންޓާ ފޯ ދި އާޓްސް (އެންސީއޭ) ގުޅިގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ މުބާރާތެކެވެ.

މި އަހަރުގެ އިންޓަ ސްކޫލް ލަވަ މުބާރާތް ބޭއްވުމަށްޓަކައި އެޑިޔުކޭޝަނާއި ޔޫތު މިނިސްޓްރީއާއި، އެންސީއޭ އަދި ޕީއެސްއެމްއާ ދެމެދު ފަހުމުނާމާއެއްގައި މިއަދު ވަނީ ސޮއި ކޮށްފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ރާއްޖޭގެ ހުރިހާ ސްކޫލެއްގެ އެކި އުމުރުފުރާތަކުގެ ދަރިވަރުންނަށް ހުޅުވާލެވިފައިވާ ކަމަށެވެ.

2023ވަނަ އަހަރުގެ އިންޓަ ސްކޫލް ލަވަ މުބާރާތް ބޭއްވުމަށްޓަކައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓް އެންޑް ކޮމިއުނިޓީ އެމްޕަވަމެންޓާއި ނޭޝަނަލް ސެންޓަ ފޯ ދި އާޓްސް އާއި ޕަބްލިކް ސާވިސް މީޑިއާއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކުރުން--- ފޮޓޯ/ އެޑިއުކޭޝަން މިނިސްޓްރީ

މި މުބާރާތް ބޭއްވުމުގެ މަގްޞަދަކީ ސްކޫލުތަކުގެ މެދުގައި ލަވަކިޔުމާއި މިއުޒިކްގެ ފަންނުވެރިކަން ކުރިއެރުވުމުގެ އިތުރުން ސްކޫލް ދަރިވަރުންގެ މެދުގައި ލަވަޔާއި މިއުޒިކްގެ ފަންނީ ހަމަތަކަށް ލޯބި ޖެއްސުން ކަން އެޑިއުކޭޝަން މިނިސްޓްރީން ފާހަގަކުރެއެވެ.

އޭގެ އިތުރުން ދަރިވަރުންގެ ފަންނީ ހުނަރުވެރިކަން މަތިކޮށް، އަމިއްލަ، ދިވެހިވަންތަ ރާގާއި، މިއުޒިކާއި ލަވައިގެ އުފެއްދުންތެރިކަން އިތުރު ކުރުމަކީ ވެސް މުބާރާތް ބޭއްވުމުގެ މަގްޞަދުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް މިނިސްޓްރީން ބުންޏެވެ. އެޑިއުކޭޝަނުން ބުނީ މި މުބާރާތުގެ ސަބަބުން މުސްތަގުބަލުގައި ފެންވަރު ރަނގަޅު ދިވެހި ލަވަ ކިޔުންތެރިންނާއި މިޔުޒީޝަނުން އުފެދި، މިއުޒިކާއި ލަވައިގެ ފަންނުވެރިކަން ތަރައްގީވެ ކުރިއަރާ ދިޔުމަށް އެދޭ ކަމަށެވެ.

މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ އަހަރަކު އެއް ފަހަރެވެ. އެގޮތުން މި އަހަރު މުބާރާތް ބާއްވަން ހަމަޖެހިފައިވަނީ ޖޫން މަހުގެ 16ވަނަ ދުވަހުން އެމަހުގެ 24ވަނަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް ކުދިން ބައިވެރިވާ ނިސްބަތުން މުބާރާތުގެ މުއްދަތަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއްް ކަމަށް މިނިސްޓްރީން ބުނެއެވެ.

މި މުބާރާތުގައި އިންޑިވިޖުއަލް ޕާފޯމަންސްގައި ވާދަކުރާނީ ދެ ބަޔަކަށް ބަހާލެވިގެން ޖުމްލަ ހަ އުމުރުފުރައެއްގައެވެ. އެއީ ޖޫނިއާ ގްރޫޕާއި ސީނިއާ ގްރޫޕެވެ. ޖޫނިއާ ގްރޫޕްގައި ވާދަކުރާނީ ހަ އަހަރުން ދަށާއި، ނުވަ އަހަރުން ދަށުގެ އިތުރުން 11 އަހަރުން ދަށުގެ އުމުރުފުރާގެ ކުދިންނެވެ. އަދި ސީނިއާ ގްރޫޕްގައި ވާދަކުރާނީ 15 އަހަރުން ދަށާއި، 17 އަހަރުން ދަށް އަދި 19 އަހަރުން ދަށުގެ އުމުރުފުރާތަކުގެ ކުދިންނެވެ.

ރާއްޖޭގައި މީގެ ކުރިން ވެސް ސްކޫލު ކުދިންގެ މެދުގައި ލަވަ މުބާރާތްތައް ބާއްވާފައިވެއެވެ. އެގޮތުން 1980ގެ މެދުތެރެއިން ފެށިގެން 2015ވަނަ އަހަރުގެ ނިޔަލަށް "ޓީވީއެމް ސްކޫލް ކުދިންގެ ލަވަ މުބާރާތު"ގެ ނަމުގައި ލަވަ މުބާރާތް ބާއްވާފައިވެއެވެ.

އެއީ އޭރު ސްކޫލު ކުދިންގެ މެދުގައި ބޭއްވުނު އެންމެ ބޮޑު އެއް ޝޯއެެވެ. އެ މުބާރާތްތަކުން ވަރަށް ގިނަ، ހުނަރުވެރި ލަވަ ކިޔުންތެރިންތަކެއް ވަނީ އުފެދިގެން ގޮސްފައެވެ. އޭގެތެރެއިން ބައެއް މޫނުތައް މިހާރު ވެސް އެ ދާއިރާއިން ފެނެއެވެ. ޓީވީއެމް ސްކޫލްކުދިންގެ ލަވަ މުބާރާތް ބޭއްވުން މެދުކަނޑާލާފައިވަނީ 2015 ވަނަ އަހަރުން ފެށިގެންނެވެ.

comment ކޮމެންޓް