ފާރިސްއަކީ ޖޭޕީގެ ރަނިންމޭޓަކަށް ގާބިލު ބޭފުޅެއް: ގާސިމް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ އެކު މަޝްވަރާ ކުރެއްވުމަށް ފަހު، ނޫސްވެރިންނާ ބައްދަލުކުރައްވަނީ-- ސަން ފޮޓޯ

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ (ޖޭޕީ)ގެ ރަނިން މޭޓަކަށް ވާން، އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫނަކީ ގާބިލު ބޭފުޅެއް ކަމަށް ޖޭޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު ބާއްވާ، ރިޔާސީ އިންތިޚާބާ ގުޅިގެން މަޝްވަރާ ކުރައްވަން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އޮފީސް ހުންނަ ހ. ފުލިދޫގައި މިއަދު މެންދުރު ފަހު ބޭއްވި މަޝްވަރާ ބައްދަލުވުމަށް ފަހުގައި އެ ސަރަހައްދުގައި ތިބި ނޫސްވެރިންނާ ވާހަކަދައްކަވަމުން ގާސިމް ވަނީ ފާރިސަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައި ވާހަކަފުޅު ދައްކަވައިފައެވެ.

އެގޮތުން، މި އިންތިޚާބުގައި ޖޭޕީގެ ރަނިން މޭޓަކަށް ފާރިސް ހަމަޖައްސައިފާނެތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްކަވަމުން ގާސިމް ވިދާޅުވީ އެއީ ވެދާނެ ކަމެއް ކަމަށާއި އޭނާއަކީ އެ ކަމަށް ވަރަށް ގާބިލު ބޭފުޅެއް ކަމަށެވެ.

"ހަމަ ޕޮސިބަލް ދެއްތޯ. ކީއްވެގެންތޯ ނުވާންވީ. އެއީ ހަމަ ޕޮސިބަލް ކަންތައްތައް. ވައި ނޮޓް؟ މިހެން މި ދެންނެވީ ގާބިލު، ތައުލީމީ ބޭފުޅެއް އެ ބޭފުޅާއަކީ،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި އަހަރުގެ އިންތިޚާބުގައި ޖޭޕީން ވަކިން ވާދަކުރަން ނިންމުމާ އެކު އެ ޕާޓީއާ ގުޅިގެން މަސައްކަތް ކުރުމާ މެދު އެމްއާރުއެމާ އެކު މިއަދު މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

"ކޮންމެ ބައެއްގެ ވެސް އުންމީދުތަކެއް އޮވެގެން ކޮންމެ ބަޔަކު ވެސް މަސައްކަތް ކުރާނީ، އަޅުގަނޑުމެންނަކީ 2008 ގައި ވެސް، 2013 ގައި ވެސް، ކުރިމަތިލައިގެން މަސައްކަތް ކުރި މީހުން. 2018 ގައި ކުރިމަތިލުމުގެ ފުރުސަތެއް ނެތް،" އޭނާ ވިދާޅުވިއެވެ.

ގާސިމް ވަނީ މި އަހަރުގެ އިންތިޚާބަށް އެ ޕާޓީން ނުކުންނަން ނިންމި ނަމަވެސް، މިހާރު ސަރުކާރުގައި ތިބި އެ ޕާޓީގެ ބޭފުޅުން އިސްތިއުފާ ދޭން ނުޖެހޭނެ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވައިފައެވެ. އޭނާ ވިދާޅުވީ އެ ޕާޓީގެ ބޭފުޅުން ސަރުކާރުން އިސްތިއުފާ ދޭން ޖެހޭނަމަ ސަރުކާރު ވެސް ނޯންނާނެ ކަމަށެވެ.

"ކޯލިޝަން ބްރޭކް ވީމައި، ސަރުކާރެއް ނޯންނާނެ، ގަވާމެންޓެއް ނޯންނާނެ. ކޯލިޝަން އެގްރީމެންޓެއް އޮންނާނެ، އަޅުގަނޑުމެންގެ ވައުދާއި އަޚުދު އޮންނާނެ، އެއަށް ޚުރުމަތްތެރިކޮށް ހިތަން ވާނެ." އޭނާ ވިދާޅުވިއެވެ.

ކޯލިޝަން ހެދުމުގެ މަޝްވަރާތައް ކުރައްވަން އެމްއާރްއެމާ އެކު ޖޭޕީން މިއަދު ބައްދަލުކުރައްވާފައިވާއިރު، އެ ދެ ޕާޓީއަކީ ވެސް މިހާރު އޮތް ސަރުކާރުގައި ހިއްސާވާ ދެ ޕާޓީއެވެ. އެކަމަކު، މި އަހަރުގެ އިންތިޚާބަށް އެކުގައި ނުކުންނަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ފޮނުއްވި ދައުވަތާ ގުޅިގެން އެމްއާރްއެމުން ގޮތެއް ނިންމައިފައެއް ނުވެއެވެ. ޖޭޕީން ވަނީ މި އިންތިޚާބުގައި ވަކިން ވާދަކުރަން ނިންމައިފައެވެ.

މިހާރުގެ ސަރުކާރުގައި އެ ޕާޓީގެ ތިން މިނިސްޓަރުން ތިއްބެވިއިރު އެ ޕާޓީގެ އާއްމު މެމްބަރުންގެ އަދަދު އުޅެނީ 3،000 ގައެވެ. ތިން ހާހަށް ވުރެން މެމްބަރުންގެ އަދަދު މަދު ވެގެން ދޭތެރެއަކުން އިލެކްޝަންސް ކޮމިޝަން (އީސީ)ން އެ ޕާޓީއަށް ނޯޓިސް ފޮނުވައެވެ.

ރައީސާ އެކު ކޯލިޝަން ހަދަން މިހާތަނަށް ނިންމާފައިވަނީ މިހާރު ވެސް ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީންނާއި ކުރިން އިދިކޮޅުގައި އޮތް މޯލްޑިވްސް ޑިވޮލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިންނެވެ.

އެމްޑީޕީގެ ޕްރައިމަރީން ނާކާމިޔާބުވި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ މި އަހަރުގެ އިންތިޚާބުގައި ރައީސް ޞާލިޙާ އެކު ނުހުންނަވާނެ ކަމަށް ވިދާޅުވެފައެވެ. އަދި، މި އިންތިޚާބުގައި ޖޭޕީއާ އެކު މަސައްކަތް ކުރުމަށް އެ މަނިކުފާނު ގެންދަވަނީ މަޝްވަރާ ކުރައްވަމުންނެވެ.

comment ކޮމެންޓް