ޑްރަގަށް ދެވިހިފާފައިވާ ދުވަސްވީ އަންހެނަކު ފަރުވާދޭ ސެންޓަރެއްގައި ބަންދުކުރުމުގެ އަމުރެއް ނެރެފި

މާލޭގެ މަގުމަތީ ބަޔަކު: ޑްރަގަށް ދެވިހިފާފައިވާ ދުވަސްވީ މީހަކު ފަރުވާދޭ ސެންޓަރެއްގައި ބަންދުކުރުމަށް އަމުރެއް ކޮށްފި ---

މަސްތުވާތަކެތި ބޭނުންކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އުމުރުން ދުވަސްވީ އަންހެނަކު ޖަލުގައި ބަންދުކުރުމުގެ ބަދަލުގައި ޑްރަގް އޮފެންޑާރ ރިމާންޑް ސެންޓަރެއްގައި ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އިއްޔެ އަމުރު ކޮށްފިއެވެ.

އާންމު ގޮތެއްގައި ކުށުގެ ތުހުމަތުގައި ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރާ މީހުން ބަންދުކުރުމަށް އަމުރު ކުރަނީ ކަސްޓޯޑިއަލް ޖަލުތަކުގައެވެ.

ނަމަވެސް މަސްތުވާތަކެތި ބޭނުންކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އުމުރުން 57 އަހަރުގެ އަންހެނެއްގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ވަނީ އޭނާ ޑްރަގް އޮފެންޑާރ ރިމާންޑް ސެންޓަރެއްގައި 15 ދުވަހު ބަންދުކުރުމަށް އަމުރު ކޮށްފައެވެ.

އޭނާގެ ކުޑަކަމުދާތަކެތި ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އޯޕީއައި އަދި ބެންޒޯއަށް ވެސް ޕޮޒިޓިވްވެފައެވެ. ބަންދުގެ މުއްދަތު އިތުރު ކުރުމަށް އޭނާ ކޯޓަށް ގެންދިޔައީ, މަސްތުވާތަކެތި ބޭނުން ކުރާ ކަމަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެއްކާ ވެސް އެކުއެވެ.

އޭނާ އަކީ މަސްތުވާތަކެއްޗަށް ދެވިހިފުމުގެ ސަބަބުން އެ ހާލަތުގައިވެސް ފަރުވާދޭންޖެހޭ މީހެއް ކަމަށް ފުލުހުން ގަބޫލު ކުރާ ކަމަށް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.

ކުށުގެ ރިކޯޑް އޮންނަ އެ އަންހެން މީހާއަކީ ބަލި މީހެއް ކަމަށް އޭނާ ވަނީ ކޯޓުގައި ބުނެފައެވެ. އެހެންކަމުން އޭނާއަށް ބޭސްފަރުވާގެ އިންތިޒާމް ހަމަޖައްސައިދިނުމަށް ކޯޓުން ވަނީ ފުލުހުންނަށް އަންގާފައެވެ.

ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރަކީ, މަސްތުވާތަކެތި ބޭނުންކުރުމާއި ޕެޑްލްކުރުމުގެ ކުށުގެ ތުހުމަތުގައި ހައްޔަރުކުރާ މީހުން އެ މީހުންގެ ބަންދުގެ މުއްދަތުގައި އެތާނގައި ބައިތިއްބައިގެން އެ މީހުންނަށް ލިބެންވާ އަސާސީ ފަރުވާ ދެވެމުންދާނެ ގޮތަށް ހާއްސަކުރެވޭ މަރުކަޒުތަކެކެވެ.

comment ކޮމެންޓް