ވެލިދޫ ރަމަޟާން ވޮލީބޯޅަ ލީގު: މިސްޓީރިއަސްއިން ފެށުން ރަނގަޅުކޮށްފި

މިސްޓީރިއަސްއާއި ސްޕައިކާސް ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ / ވެލިދޫ ރަމަޟާން ވޮލީ ލީގު

ވެލިދޫ ރަމަޟާން ވޮލީބޯޅަ ލީގުގު ފުރަތަމަ މެޗު، މިސްޓީރިއަސްއިން ކާމިޔާބު ކޮށްފިއެވެ.

އަންހެން ފިރިހެން ދެ ޑިވިޝަނަކަށް ބަހާލައިގެން ވެލިދޫގައި ކުރިއަށް ގެންދާ ވޮލީ މުބާރާތުގައި ފުރަތަމަ ކުޅެން ހަމަޖެހިފައިވަނީ އަންހެން ޑިވިޝަންގެ މެޗުތަކެވެ. އެ މުބާރާތުގެ ފުރަތަމަ މެޗުގައި ރޭ ބައްދަލުކުރީ މިސްޓީރިއަސްއާއި ސްޕައިކާސްއެވެ.

އެ މެޗު 3-1 ސެޓުން ކާމިޔާބުކުރީ މިސްޓީރިއަސްއިންނެވެ.

އެ މެޗުގައި ފުރަތަމަ ސެޓު ގެންގޮސްފައިވަނީ ސްޕައިކާސްއިންނެވެ. އެ ސެޓު އެ ޓީމުން ގެންދިޔައީ 25-22ގެ ނަތީޖާ އަކުންނެވެ. ނަމަވެސް، މިސްޓީރިއަސްގެ ކުޅުން ރަނގަޅުކޮށް އެ ޓީމުން ވަނީ ޖެހިގެން އައި ތިން ސެޓު ވެސް ކާމިޔާބު ކޮށްފައެވެ.

މިސްޓީރިއަސްއާއި ސްޕައިކާސް ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ / ވެލިދޫ ރަމަޟާން ވޮލީ ލީގު

އެގޮތުން މެޗުގެ ދެވަނަ ސެޓު މިސްޓީރިއަސްއިން ކާމިޔާބު ކުރީ 25-23 ގެ ނަތީޖާއަކުންނެވެ. އަދި ތިންވަނަ ސެޓު އެ ޓީމުން ކާމިޔާބު ކުރީ 25-21ގެ ނަތީޖާއަކުންނެވެ. ހަތަރުވަނަ ސެޓު މިސްޓީރިއަސްއިން ގެންގޮސްފައިވަނީ 25-20 ގެ ނަތީޖާއަކުންނެވެ.

އެ މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މިސްޓީރިއަސްގެ ފާތިމަތު ރިޒްވާނެވެ.

ވެލިދޫ ރަމަޟާން ވޮލީބޯޅަ ލީގަކީ އެ ރަށު ޒުވާނުންގެ އިސްނެގުމަކަށް ވެލިދޫ ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ މުބާރާތެކެވެ. އެ މުބާރާތުގައި ފިރިހެން ފަސް ޓީމް ބައިވެރިވާއިރު، އަންހެން ތިން ޓީމެއް ވާދަކުރެއެވެ.

ވެލިދޫ ރަމަޟާން ވޮލީބޯލް ލީގުގެ މެއިން ސްޕޮންސަރަކީ ރެސްޓް ބްލޮކްސްއެވެ. އަދި، މީޑިއާ ޕާޓްނަރަކީ ސަން ސިޔާމް މީޑިއާއެވެ.

comment ކޮމެންޓް