ވެލިދޫ ރަމަޟާން ވޮލީބޯލް ލީގު މިރޭ ފަށަނީ

ވެލިދޫ ރަމަޟާން ވޮލީބޯލް ލީގްގެ ގުރުއަތު ނެގުމުގެ ތެރެއިން--- ފޮޓޯ/ ވެލިދޫ ޔޫތް އެންޑް ކޮމިޔުނިޓީ ސެންޓަރު

ވެލިދޫ ރަމަޟާން ވޮލީބޯލް ލީގް މިރޭ ފަށަން ތަައްޔާރުވެއްޖެއެވެ.

ވެލިދޫ ޒުވާނުންގެ އިސްނެގުމަކަށް ވެލިދޫ ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރުން އިންތިޒާމްކޮށްގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ވޮލީ ލީގް ކުރިއަށްދާނީ، އަންހެން ފިރިހެން ވަކިން، ދެ ޑިވިޝަނަކަށް ބަހާލައިގެންނެވެ.

އެ މުބާރާތުގައި ފިރިހެން ކުޅުންތެރިން ހިމެނޭ ފަސް ޓީމް ބައިވެރިވާއިރު، އަންހެން ކުޅުންތެރިން ހިމެނޭ ތިން ޓީމެއް ވާދަކުރެއެވެ. އެ މުބާރާތުގައި ޖުމްލަ 51 ކުޅުންތެރިން ފެންނައިރު، މީގެ ތެރޭގައި ވެލިދުއަށް ނިސްބަތްވާ ކުޅުންތެރިންގެ އިތުރުން އެރަށުގެ ކައިރީގައި އޮންނަ ރިސޯޓްތަކުގައި މަސައްކަތްކުރާ ދިވެހިންގެ ތެރެއިން ވެލިދޫގައި އެކަމަޑޭޝަން ހަމަޖައްސާފައިތިބި ޒުވާނުން ހިމެނެއެވެ.

މިއީ ވެލިދޫ ރަމަޟާން ވޮލީބޯލް ލީގް ބާއްވާ ތިން ވަނަ އަހަރެވެ.

އެ މުބާރާތް އިންތިޒާމްކުރާ ވެލިދޫ ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރުން ބުނީ، މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ވެލިދޫ ރަސްމީ ވޮލީކޯޓުގައި ކަމަށާއި، މެޗުތަކުގެ ކުޅުން އޮންނާނީ މިރެއިން ފެށިގެން ކޮންމެ ރެއެއްގެވެސް 21:00ގައި ކަމަށެވެ.

މިރޭގެ މެޗުގައި ކުޅޭނީ އަންހެން ޑިވިޝަނުގެ މެޗެވެ. މިމެޗުގައި މިސްޓީރިއަސް ޓީމް ނިކުންނާނީ ސްޕައިކާސް އާ ދެކޮޅަށެވެ.

ވެލިދޫ ރަމަޟާން ވޮލީބޯލް ލީގުގެ މެއިން ސްޕޮންސަރަކީ ރެސްޓް ބްލޮކްސް އެވެ. އަދި މީޑިއާ ޕާޓްނަރަކީ ސަން ސިޔާމް މީޑިއާއެވެ.

comment ކޮމެންޓް