ޖޭޕީއާ ގުޅޭ ގޮތުން މެންބަރުންނާ އެކު ރައީސް މަޝްވަރާ ކުރައްވައިފި

އެމްޑީޕީގެ ގައުމީ މަޖިލީސް ބައްދަލުވުމެއްގެ ތެރެއިން--

ޖުމްހޫރީ ޕާޓީ (ޖޭޕީ)އިން މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވަކިން ވާދަކުރަން ނިންމުމާ ގުޅިގެން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، އެމްޑީޕީގެ ސަރުކާރަށް ތާއީދުކުރައްވާ މަޖިލީސް މެންބަރުންނާ އެކު މަޝްވަރާ ކުރައްވައިފިއެވެ.

މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު މިއަދު "ސަން"އަށް ވިދާޅުވީ މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ ބުދަ ދުވަހު ހަވީރު މުލިއާގޭގައި ކަމަށެވެ. އެ ބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ 50 މެންބަރުން ބައިވެރިވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޝިފާއު އިތުރަށް ވިދާޅުވީ ރައީސް ޞާލިޙް އެ ބައްދަލުވުން ބޭއްވެވީ އެހެން ޕާޓީތަކުން އިންތިޚާބާ މެދު ނިންމާ ނިންމުންތަކާ އެކު ކުރިއަށް ދެވޭނެ ގޮތްތަކާއި އިންތިޚާބުގެ ކެމްޕޭނާ ގުޅޭ ރޭވުންތައް ރާވަން ކަމަށެވެ.

"އެހެން ޕާޓީތަކުގެ ނިންމުންތަކާ އެކު ކުރިއަށް ދާނެ ގޮތާ މެދު މެންބަރުންގެ މަޝްވަރާ ރައީސަށް ދިނީ. އިތުރުން، އިންތިޚާބަށް ތައްޔާރު ވުމުގެ ރޭވުންތައް،" ޝިފާއު ވިދާޅުވިއެވެ.

އެނގިފައިވާ ގޮތުގައި ރައީސް މަޖިލީސް މެންބަރުންނާ އެކު މަޝްވަރާ ކުރެއްވީ ސަރުކާރު ކޯލިޝަންގައި އެމްޑީޕީ ނަގާފައި ދެން ހިމެނޭ އެންމެ ބޮޑު ޕާޓީ ޖޭޕީން މި އަހަރުގެ ރިޔާސީ އިންތިޚާބަށް ވަކިން ނުކުންނަން ނިންމުމާ ގުޅިގެންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހް، ގާސިމާ އެކު ---

ސަރުކާރު ކޯލިޝަން އެކުގައި މި އަހަރުގެ ރިޔާސީ އިންތިޚާބަށް ވެސް ނުކުންނަން، ރައީސް ޞާލިޙް ޕާޓީތަކަށް ދައުވަތު ފޮނުވާފައި ވަނިކޮށް، ޖޭޕީން ވަނީ އިންތިޚާބުގައި ވަކިން ވާދަކުރަން ނިންމައިފައެވެ. އެ ޕާޓީގެ ރިޔާސީ ޓިކެޓަށް ކުރިމަތިލުމުގެ ފުރުސަތު ވެސް މިހާރު ވަނީ ހުޅުވާލައިފައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ނާކާމިޔާބުވެވަޑައިގެން ނަޝީދު ވެސް ގެންދަވަނީ ޖޭޕީއާ އެކު މި އަހަރުގެ އިންތިޚާބަށް ނުކުންނަން މަޝްވަރާ ކުރައްވަމުންނެވެ.

އެމްޑީޕީގެ ތެރޭގައި ވަކި ސިޔާސީ ހަރަކާތެއް ހިންގަމުން އަންނަ ނަޝީދު ވަނީ ރައީސް ޞާލިޙާ އެކު އެ ޕާޓީއަށް މި އަހަރުގެ އިންތިޚާބު ކާމިޔާބު ނުކުރެއްވޭނެ ކަމަށް ވިދާޅުވެފައެވެ. އަދި، ބަލި ގަބޫލުކުރެއްވި ނަމަވެސް ރައީސަށް ތާއީދުނުކުރައްވާނެ ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ބޮޑު ކޯލިޝަނަކާ އެކު އިންތިޚާބަށް ކުރިމަތިލުމުގެ ވިސްނުންފުޅު ގެންގުޅުއްވައި ރައީސް ޞާލިޙަށް، ޖޭޕީގެ ނިންމުމާ އެކު ގޮންޖެހުންތަކަކާ ކުރިމަތިވާނެއެވެ. އެހެންވެ، މީގެ ކުރިން އެކި ފަހަރު މަތިން ރައީސް ވަނީ، ގާސިމްގެ ތާއީދު ހޯއްދެވުމަށް އޭނާއާ އެކު މަޝްވަރާ ކުރައްވައިފައެވެ.

comment ކޮމެންޓް