ޓެލްއަވީވު (16 މާޗް 2023): އިސްރާއީލުގެ ހައްދުފަހަނަޅާފައިވާ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ގަލްފުގެ އަރަބި ގައުމެއް ކަމަށްވާ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)އަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅެއް ޔޫއޭއީގެ ސަރުކާރުން ކެންސަލްކޮށްފިއެވެ.
އިސްރާއީލުގެ ޚާރިޖީ ވުޒާރާއާ ހަވާލާދީ އެގައުމުގެ މިޑިއާ ބުނާގޮތުން ޔޫއޭއީގެ ޚާރިޖީ ވުޒާރާއިން ވަނީ، މިދުވަސްވަރު ނަތަންޔާހޫއަށް މަރުހަބާ ނުކިޔާނެކަމަށް ބުނެ ވަކި ތާރީޚެއް ނެތް ގޮތަށް އޭނާގެ ދަތުރު ކެންސަލްކޮށްފައިވާކަން އިސްރާއީލުގެ ޚާރިޖީ ވުޒާރާއަށް ދާދިފަހުން އަންގާފައެވެ.
ޔޫއޭއީ އަކީ ފަލަސްތީނުގެ މައްސަލައަށާއި އިސްރާއީލުން މާތްވެގެންވާ މަސްޖިދުލްއަގްސާއާ ދެކޮޅަށް ހިންގާ އުދުވާނާއި ޓެރަރިޒަމްގެ އަމަލުތަކަށް ބެލުމެއްނެތި، އެމެރިކާގެ ބާރުއެޅުމުގެ މަތިން 2020 ވަނަ އަހަރު އިސްރާއީލާ ގުޅުންތައް ގާއިމްކުރި އަރަބި ހަތަރު ގައުމުގެ ތެރެއިން އެއްގައުމެވެ. އެއަހަރު އިސްރާއީލާ ގުޅުންތައް ގާއިމްކުރި އަރަބި އަނެއް ތިން ގައުމަކީ ބަހްރައިން، މަޣްރިބު (މޮރޮކޯ) އަދި ސޫދާންއެވެ.
މިތިން ގައުމުގެ ތެރެއިންވެސް ފާއިތުވި ދެއަހަރު ތެރޭގައި އެންމެ ބޮޑަށް އިސްރާއީލާ ގާތްވަމުންދިޔައީ ޔޫއޭއީއެވެ. ޔޫއޭއީވަނީ ފާއިތުވި ދެ އަހަރުތެރޭގައި އިސްރާއީލާއެކު އިގްތިސާދީ އަދި އަސްކަރީ ގުޅުންތައްވެސް އުފައްދާފައެވެ. ނަމަވެސް މިފަހަކަށް އައިސް ޔޫއޭއީ ވަނީ އިސްރާއީލާ ދުރުވާންފަށާފައެވެ. މިގޮތުން އިސްރާއީލުގެ ހަތިޔާރު ގަތުމުގެ އެތައް މިލިޔަން ޑޮލަރެއްގެ ޑީލެއްވެސް ދާދިފަހުން ޔޫއޭއީވަނީ ކެންސަލްކޮށްފައެވެ.
އެއަށްފަހު ޔޫއޭއީން މި ނިންމީ އިސްރާއީލުގެ ހައްދުފަހަނައަޅާފައިވާ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެގައުމަށް ވަޑައިގަތުމަށް ކުރިން ދީފައިވާ ދައުވަތުވެސް ކެންސަލް ކުރުމަށެވެ.
ރިޕޯޓްތައް ބުނާގޮތުން ޔޫއޭއީން މިގޮތަށް ނިންމީ އިސްރާއީލުގައި ޔަހޫދީންގެ ދީނީ ގޮތުން ހައްދުފަހަނަޅާފައިވާ ދެ ޕާޓީއެއް ހިމަނައިގެން ނަތަންޔާހޫ އުފައްދާފައިވާ ކޯލިޝަން ސަރުކާރުން ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް ހިންގާ ގަތުލުއާންމުތައް އާދަޔާ ޚިލާފަށް ގިނަވެ، އިސްރާއީލުގެ އަނިޔާވެރިކަން އިންތިހާއަށް މައްޗަށް ދިޔުމާއި އެމެރިކާއާއި ޔޫރަޕްގެ ސަރުކާރުތަކުން ވެސް އިސްރާއީލުގެ ބައެއް ވަޒީރުންނާ ބައްދަލުކުރަން ދެކޮޅު ހެދުމާ ގުޅިގެންނެވެ.
އިސްރާއީލުން ވަނީ ފާއިތުވި ދެމަހާއި ބައި ތެރޭގައި ފަލަސްތީނުގެ 75 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައި 700 އަށްވުރެގިނަ މީހުން ޒަޚަމްކޮށްލާފައެވެ. އަދި ހާހަކަށްވުރެ ގިނަ މީހުން ހައްޔަރުކޮށް ފަލަސްތީނު އާންމުންގެ އެތައް ގެއެއްވަނީ ތަޅައި ބިމާ ހަމަކޮށްފައެވެ.
މީގެ އިތުރުން އިސްރާއީލުގެ ހަރުކަށި ސަރުކާރުން ގެންދަނީ ފަލަސްތީނުގެ ގެދޮރާއި މުދަލުގައި ހުޅުޖަހައި ޓެރަރިޒަމްގެ އަމަލުތައް ހިންގާ ޔަހޫދީ ޓެރަރިސްޓް ޖަމާއަތްތަކަށްވެސް ފާޅުގައި އެހީތެރިވަމުންނެވެ. ދާދިފަހުންވެސް ޔަހޫދީ ޓެރަރިސްޓުންގެ ބަޔަކުވަނީ ފަލަސްތީނުގެ 400 އަށްވުރެ ގެތަކުގައި ހުޅުޖަހައި 50 އަށްވުރެގިނަ ކާރު އަންދާލާފައިވާއިރު މިކަންކުރީ އިސްރާއީލުގެ ފުލުހުންގެ ކުރިމަތީގައި އެމީހުންގެ ތާއީދު ލިބިގެންނެވެ.
ޔޫއޭއީން އިސްރާއީލާ ދުރުވެލަން ނިންމިއިރު އިސްރާއީލުގެ ޝަރުއީ ދާއިރާއަށް އަތްބޭނުމަށްޓަކައި ނަތަންޔާހޫ އިސްކޮށް ހުންނަވައިގެން އިސްރާއީލުގެ ޕާލަމެންޓުން ފާސްކުރަން މަސައްކަތްކުރާ ގާނޫނާ ދެކޮޅަށް އިސްރާއީލުގެ އާންމު ރައްޔިތުންވެސް ދަނީ ކޮންމެދުވަހަކު މުޒާހަރާތައް ކުރަމުންނެވެ. މިމުޒާހަރާތައް ދިގުލާފައިވާއިރު މިހާރު ބާއްވާ މުޒާހަރާތަކުގައި ލައްކައަކަށްވުރެ ގިނަ މީހުންބައިވެރިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އިސްރާއީލުގެ ޝަރުއީ ދާއިރާއަށް އަތްބޭނުމަށް ޓަކައި ނަތަންޔާހޫ ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ދެކޮޅަށް އިހުތިޖާޖުކުރާ ފަރާތްތަކުގެ ތެރޭގައި އިސްރާއީލުގެ ސިފައިންގެ ބައެއް ޔުނިޓްތައްވެސް ހިމެނެއެވެ. މިމައްސަލައާ ގުޅިގެން ހިނގަމުންދާ ގަޑުބަޑުތަކުގެ ސަބަބުން އިސްރާއީލުވަނީ މުޅިން ހުއްޓުމަކަށް ގޮސްފައެވެ.
އެމެރިކާވެސް ދާދިފަހުންވަނީ އިސްރާއީލުގެ ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ދީނީ ހަރުކަށި ޕާޓީއަކަށް ނިސްބަތްވާ ވަޒީރެއްކަމަށްވާ އިސްރާއީލުގެ މާލީ ވަޒީރު ބިތަސްޔިއީލް ސުމޯތްރިޝް އެމެރިކާއަށް ވަޑައިގަތުމުން އޭނާއަށް ރަސްމީގޮތުން މަރުހަބާ ކިޔުމަށާއި އެމެރިކާގެ ރަސްމީ ފަރާތްތައް އޭނާއާ ބައްދަލުކުރުމަށް ދެކޮޅު ހަދާފައެވެ.
ޔޫރަޕްގެ އިއްތިޙާދުގެ ޚާރިޖީ ކަންތައްތަކާބެހޭ ވެރިޔާ ޖޯޒެޕް ބޮރޭލް ދާދިފަހުން އިސްރާއީލަށް ފާޑުވިދާޅުވުމުން އިސްރާއީލުގެ ޚާރިޖީ ވުޒާރާއިންވަނީ ބޮރެލް އިސްރާއީލަށް ވަޑައިގަންނަވަން އުޅުއްވައިފިނަމަ އޭނާއަށް މަރުހަބާ ނުކިޔާނެކަމަށް ބުނެފައެވެ. ސައޫދީން ވެސް ވަނީ އެގައުމުގައި އދ.އިން ބާއްވާ އިޖްތިމާއީ އިވެންޓަކަށް ދިޔުމަށް މަސައްކަތް ކުރި އިސްރާއީލުގެ ވަފުދަކަށް ވިސާ ދިނުމަށް އިސްރާއީލުން އެދުމުންވެސް އެކަމާ ދެކޮޅު ހަދާފައެވެ.
އަނެއްކޮޅުން އިސްރާއީލުން ސައޫދީ އާ ގުޅުންތައް އުފައްދަން އެމެރިކާގެ އެހީގައި މަސައްކަތްކުރަނިކޮށް ސައޫދީ މިހަފުތާގައިވަނީ އިސްރާއީލުގެ އެންމެ ބޮޑު ދުޝްމަންކަމަށްވާ އީރާނާ ގުޅުންތައް އުފެއްދުމަށް ނިންމާފައެވެ.