އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނާއި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ މަޖިލިސް މެމްބަރުން ގުޅިގެން އުފައްދާ ޖޮއިންޓް ޕާލިމަންޓްރީ ގްރޫޕާއެކު އެއްބަސްވެވޭ ކަންކަމުގައި އެކުގައި މަސައްކަތް ކުރާނެ ކަމުގެ އިޝާރާތެއް އިދިކޮޅު ކޯލިޝަނުން މިއަދު ދީފިއެވެ.
ނަޝީދުގެ ފެކްޝަނާއި، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވަކިން ވާދަކުރާ ޖޭޕީގެ ނިންމުމާ ގުޅޭގޮތުން ޕީޕީއެމްގެ ނައިބު ރައީސް އަދި މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް މިއަދު "ސަން" އަށް ވިދާޅުވީ އެކަން ރަސްމީކޮށް ކުރެވޭނީ ރައީސް ޞާލިޙާ ހިޔާލު ތަފާތު އެމްޑީޕީ މެމްބަރުން ޕާޓީއާ ދުރަށް ޖެހިގެން ކަމަށެވެ. އެމްޑީޕީގައި އެ މެމްބަރުން ތިއްބަވަނިކޮށް ރަސްމީކޮށް އިދިކޮޅުން ގުޅިގެން މަސައްކަތް ކުރަން ދަތިވާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ. ނަމަވެސް އެއް ހިޔާލެއް ގެންގުޅޭނަމަ އެކުގައި މަސައްކަތް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"މަޖިލީހުގައި މިހާރު ވެސް އަޅުގަނޑުމެން ބައެއް ކަހަލަ ކަންކަމުގައި ސަރުކާރު ނޫން އެހެން ބައެއް ފަރާތްތަކާއެކީ ބައެއް ކަހަލަ ކަންތައްތަކުގައި އަޅުގަނޑުމެންނަށް އެއްގަލަކަށް އެރޭ. އެހެންވީމައި މަޖިލީހުގައި އެއްކޮށް މަސައްކަތް ކުރެވޭނެ އެއް ފިކުރެއްގައި ކަންކަމާ އެއްގޮތަށް ދެކޭ ފަރާތްތަކާއެކީ،" ޝިޔާމް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ޕާޓީ އަޅުގަނޑުމެންނާއެކު މަސައްކަތް ކުރާނެ ހުރިހާ މީހުންނާއެކު މަސައްކަތް ކުރަން ތައްޔާރަށް ޕާޓީ މިއޮތީ."
ނަޝީދަށް ތާއީދު ކުރައްވާ އެމްޑީޕީގެ 14 މެމްބަރުން މަޖިލީހުގައި ތިއްބަވާއިރު ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ތިން މެމްބަރުން މަޖިލީހުގައި ތިއްބަވައެވެ. އިދިކޮޅު ކޯލިޝަނަށް މިހާރު ނިސްބަތްވަނީ އަށް މެމްބަރުންނެވެ.
މަޖިލީހުގެ ސާފު މެޖޯރިޓީ އަދިވެސް އޮތީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއެކުއެވެ.
މިހާރު ސަރުކާރު ހިންގާ ކޯލިޝަންގެ ދެ ވަނައަށް އެންމެ ބޮޑު ޕާޓީ، ޖޭޕީގެ ކައުންސިލުން އިއްޔެ ފާސްކުރީ ރިޔާސީ އިންތިޚާބުގައި ވަކިން ވާދަކުރުމަށެވެ. އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ރިޔާސީ ރޭހަށް ނުކުންނަވާއިރު ބެލެވޭގޮތުގައި އެންމެ އަރިހުގައި ހުންނަވާނީ ރައީސް ޞާލިޙާ ސިޔާސީ ގޮތުން މިހާރު އެންމެ ވާދަވެރި ކުރީގެ ރައީސް މުޙައްމަދު ނަޝީދެވެ.
ޖޭޕީއިން ވަކިން ރިޔާސީ އިންތިޚާބުގައި ވާދަ ކުރަން ނިންމުމުން ރައީސް ޞާލިޙް ދެވަނަ ދައުރެއް ހޯދުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ވަނީ ގޮންޖެހުންތަކާ ކުރިމަތިވެފައެވެ.