ޖޭޕީގެ ސްލޮޓްތައް ހުސްކުރާނަމަ ރައީސް ވެސް އިސްތިއުފާދޭން ޖެހޭނެ: ގާސިމް

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ގާސިމް އިބްރާހީމް--- ފައިލް ފޮޓޯ

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ސްލޮޓްތަކުގައި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި އެ ޕާޓީގެ މެމްބަރުން އިސްތިއުފާދޭން ޖެހޭނަމަ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވެސް އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާނެ ކަމަށް ޖޭޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ގާސިމް އެހެން ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ޖޭޕީން ވަކިން ވާދަކުރުމަށް ނިންމުމުން، އެ ޕާޓީގެ ފަރާތުން އެކިއެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުން އިސްތިއުފާދޭން ޖެހޭނެ ކަމަށް އެމްޑީޕީގެ ބައެއް މެމްބަރުން މިއަދު މަޖިލީހުގައި ވިދާޅުވުމާ ގުޅިގެންނެވެ.

އެގޮތުން ނުސީދާކޮށް ޖޭޕީއަށް ބަހުގެ ހަމަލާތައް އަމާޒުކުރައްވާ، އެމްޑީޕީގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް ވިދާޅުވީ ރައީސް ޞާލިހު ފިޔަވައި، ވާދަވެރިންނާ ހަސަދަވެރިން ގޮވައިގެން ވެރިކަމުގައި މިހާ ހިސާބަށް އާދެވުނު ވެރިޔަކު ނެތް ކަމަށެވެ.

ޖޭޕީގެ ނިންމުމާ ގުޅިގެން އޭނާ ވިދާޅުވީ އެކަމަށްޓަަކައި މެމްބަރު ގާސިމަށް މަރުހަބާ ދަންނަވާ ކަމަށެވެ. އެހެން ނަަމަވެސް މިއަދުން ފެށިގެން ޖޭޕީގެ ސްލޮޓްތަކުގައި ސަރުކާރުގެ އެކިއެކި މަގާމުތަކުގައި ތިއްބެވި ޖޭޕީގެ މެމްބަރު އިސްތިއުފާ ދެއްވަން ޖެހޭނެ ކަމަށް ސަނީފް ވިދާޅުވިއެވެ.

"އެބޭފުޅުންގެ ހައްގެއް ވާދަކުރުމަކީ. އެހެން ނަމަވެސް ސަރުކާރުގެތެރެއިން ރައްޔިތުންނަށް ޚިދުމަތް ކުރުމުގެތެރެއިން، ރައިސްއާ ވާދަވެރި ޕާޓީގެ މެމްބަރުންތަކެއް މިނިސްޓަރުންނާ އެ ނޫން މަގާމުތަކުގައި ތިބެގެން ނުވާނެ،" ސަނީފް ވިދާޅުވިއެވެ.

ބަހުސްގެ ވަގުތުގައި އެކަމަށް ރައްދުދެއްވައި ގާސިމް ވިދާޅުވީ ވެރިކަަން ހޯދުމަށްޓަކައި އެ ޕާޓީން ކޯލިޝަނެއް ހަދައި، އެއްބަސްވުންތަކެއް ހަދާފައިވާއިރު، އަހުދުވެ، ވައުދުވެފައިވާ ގޮތަށް ކަންތައްތައް ކުރެވުނުތޯ ސުވާލު އުފައްދަން ޖެހޭ ކަމަށެވެ. އަދި މިހާރު އެ ޕާޓީގެ ފަރާތުން މަގާމުތަކުގައި ތިއްބެވި މެމްބަރުންނަކީ މިއަހަރުގެ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހާ ހަމައަށް އެ މަގާމުތަކުގައި ދެމިތިބޭ ގޮތަށް އެއްބަސްވުންތަކެއް ހެދުމަށްފަހު އައްޔަނު ކޮށްފައިވާ ބޭފުޅުން ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.

"އެހެން ކަމަށް ވަންޏާ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ވެސް ޖެހޭނީ އިސްތިއުފާ ދެއްވާށޭ. އެހެން ނޫން ކަމަށްވަންޏާ، އަޅުގަނޑު ދަންނަވާލާނަން ޖުމްހޫރީ ޕާޓީއަށް ދެއްވާފައިވާ މަގާމުތައް ދެއްވާފައިވަނީ އެއްވެސް މީހެއްގެ އަމިއްލަ ތަރިކަ މުދަލަކުން ނޫން،" ގާސިމް ވިދާޅުވިއެވެ.

ވެވިފައިވާ އެއްބަސްވުމުގެ ދަށުން ރިޔާސީ އިންތިޚާބުގައި އަމިއްލައަށް ވާދަކުރުމުގެ ފުރުސަތު ލިބޭ ކަން ވެސް ގާސިމް ފާހަގަކުރެއްވިއެވެ. ގާސިމް ވިދާޅުވީ އެހެންކަމުން، ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހުގެ ކުރިން ޖުމްހޫރީ ޕާޓީގެ އެއްވެސް މެމްބަރަކު މަގާމުން އިސްތިއުފާ ދޭން ނުޖެހޭނެ ކަމަށެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ކެންޑިޑޭޓެއް ޖޭޕީން ނެރެން ނިންމާފައިވާއިރު މިހާރު ސަރުކާރުގެ އިސް މަގާމުތަކުގައި ޖޭޕީގެ މެމްބަރުން ހިމެނިވަޑައިގަންނަވައެވެ. އޭގެ ތެރޭގައި ގާސިމްގެ އަނބިކަނބަލުން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވެސް ހިމެނިވަޑައިގެންނަވައެވެ.

comment ކޮމެންޓް