ސަރުކާރުން އިންތިޚާބުތަކަށް ނުފޫޒު ފޯރުވާ ކަމަށް ބުނެ ގަރާރެއް

ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ސަރުކާރުން އިންތިޚާބުތަކަށް ނުފޫޒު ފޯރުވާ ކަމަށް ތުހުމަތު ކުރައްވައި، އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވައި މެންބަރުން މަޖިލީހަށް މިއަދު ގަރާރެއް ހުށަހަޅައިފިއެވެ.

ސަރުކާރާ މެދު ނުތަނަވަސްކަން ބޮޑުވެ، ނަޝީދަށް ތާއީދުކުރައްވައި މެންބަރުން ގެންދަވަނީ އެކިއެކި ކަންކަމުގައި ސަރުކާރަށް ފާޑު ވިދާޅުވެ، ގަރާރުތައް މަޖިލީހަށް ހުށަހަޅަމުންނެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ވަނީ އިންތިޚާބުތަކަށް ސަރުކާރުން ނުފޫޒު ފޯރުވާތީ ޖަމިއްޔާތަކުންނާއި ސިޔާސީ ފަރާތްތަކުން ފާޅުކުރާ ކަންބޮޑުވުމަށް އެންމެ އެކަށީގެންވާ ހައްލެއް މިހާތަނަށް ހޯދިފައިނުވާތީ އިންތިޚާބުތަކުގެ މިނިވަންކަމާއި އިންސާފުވެރިކަން ކަށަވަރު ކުރުމަށް ސަރުކާރުން ވެފައިވާ ވައުދު ފުއްދަން މަގުފަހި ކުރުމަށް ގޮވާލާ ގަރާރެއް ހުށަހަޅައިފައެވެ.

އެ ގަރާރުގައި ބުނެފައިވަނީ އިންތިޚާބުތަކުގެ މިނިވަންކަމާއި އިންސާފުވެރިކަން ކަށަވަރު ކުރުމަކީ ގާނޫނުގައި ލާޒިމުކުރާ ކަމެއް ކަމަށާއި އެހެންވެ، އެ ކަން ކުރިއެރުވުމަކީ ދައުލަތުން ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް ކަމަށެވެ.

https://sun.mv/175043

މިގޮތުން، އިންތިޚާބުތަކާ ދިމާކޮށް ސަރުކާރު ކުންފުނިތަކަށް ސިޔާސީ މަގާމުތައް އިތުރުކޮށް ވަޒީފާތައް ހުށަހަޅައިގެން އިންތިޚާބުތަކަށް ނުފޫޒު ފޯރުވަމުންދާ ކަމަށާއި އެ ވަޒީފާތަކުގައި ތިބޭ މީހުންނަށް ބިރު ދައްކައިގެން ސަރުކާރަށް ކެމްޕޭން ކުރުވާ ކަމަށް ވެސް އެ ގަރާރުގައި ވަނީ ބުނެފައެވެ.

އަދި، ދައުލަތުގެ މީޑިއާއިން ކެންޑިޑޭޓުންގެ މެދުގައި ހަމަހަމަ ފުރުސަތު ނުދީ، ސަރުކާރުން ތާއީދު ކުރާ ކެންޑިޑޭޓުންނަށް ފާޅުކަން ބޮޑު ގޮތެއްގައި ކެމްޕޭން ކުރަމުންދާ ކަމަށް ވަނީ ތުހުމަތުކޮށްފައެވެ. އެސްއެމްއީ ލޯނުތައް އިއުލާންކުރުމާއި ސަރުކާރާށް ތާއީދުކުރާ ފަރާތަށް ވޯޓު ނުދީފި ނަމަ ޕްރޮޖެކްޓުތައް އަތުލާނެ ކަމުގެ އިންޒާރު ދެމުން އަންނަ ކަމަށް ވެސް އެ ގަރާރުގައި ވަނީ ބުނެފައެވެ.

ނަޝީދަށް ތާއީދު ކުރައްވައި މެންބަރުންނާއި ސަރުކާރާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތަކާ އެކު މެންބަރުން ގެންދަނީ ތަފާތު ތުހުމަތުތައް ކުރައްވަމުންނެވެ. އަދި، ސަރުކާރަށް ފާޑު ވިދާޅުވެ ގަރާރުތައް ހުށަހަޅުއްވައި، އިދިކޮޅުން ހުށަހަޅައި ބައެއް ގަރާރުތަކަށް ވެސް ގެންދަނީ ވޯޓު ދެމުންނެވެ.

comment ކޮމެންޓް