ބިދޭސީން ހިންގާ ވިޔަފާރިތައް ގިނަވެ ދިވެހިން، ދިވެހި ފަސްގަނޑުގައި ބާކީވެއްޖެ: ޢުމަރު

ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަސީރު -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ރާއްޖޭގައި ބިދޭސީ މަސައްކަތްތެރިންނާއި އެމީހުން ހިންގާ ވިޔަފާރިތައް ގިނަވެ، ދިވެހީން ދިވެހި ފަސްގަނޑުގައި ބާކީ ވެއްޖެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

"ނޭބަހުޑް ބައްދަލުވުން" ނަމުގައި ޕީޓްރަލް ކަންމަތީގައި ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޢުމަރު ވިދާޅުވީ ބީދޭސީން ރާއްޖެ ގެނައީ އެންމެ އާދައިގެ މަސައްކަތްތައް ކުރަން ކަމަށެވެ.

ނަމަވެސް މިއަދު އެ ބިދޭސީން ތިބެނީ ކަންމަތީ ފިހާރަ ހިންގާން ކަމަށާއި އޭގެ އަނެއްކޮޅުގައި ދިވެހިން ތިބެނީ މަގުމަތިން ކުނި ނަގާ މީހުންގެ ގޮތުގައި ކަމަށް ޢުމަރު ވިދާޅުވިއެވެ.

"މިއީ 40 އަހަރު ތެރޭގައި މި ގައުމުގެ ހާލަތު ދިޔަގޮތް. 7000އަށް ވުރެ ގިނަ އާއިލާ ތެރެއަށް މަސްތުވާތަކެތި ވަދެއްޖެ. އެތައް ދަރިންނެއް ހަލާކުވެގެން ހިނގައްޖެ. ސަލާންޖަހައިގެން މަގުމަތީގަ ނިދައިގެން މަގުތަކުގައި ދިރިއުޅޭ ހޯމްލެސް މީހުންގެ އަދަދު އުޅެނީ 100އަށް ވުރެ މަތީގަ،" ޢުމަރު ވިދާޅުވިއެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަ ކުރައްވާ އުމަރު ވިދާޅުވީ މީގެ 18 އަހަރު ކުރިން ގިނަ ސިޔާސީ ޕާޓީތައް އެކުލެވޭ ޑިމޮކްރެސީއެއް އޭނާ ވެސް ހިމެނޭހެން އެތައް ބައެއްގެ މަސައްކަތުން ގެނެވުނު ކަމަށެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން މިގައުމުގައި ހުރި ބޮޑެތި މައްސަލަތައް ހައްލުވެ، އަމަންއަމާންކަން ގާއިމުވެ، ކޮރަޕްޝަން ކުޑަވެގެން ދާނެ ކަމަށް އޭރު ހީކުރެވުނު ކަމަށް ޢުމަރު ވިދާޅުވިއެވެ.

"ނަމަވެސް މީހުން މެރުން ވީ އިތުރު. ޑުރަގު ވިއްކުން ވީ އިތުރު. ދައުލަތުގެ ދަރަނި ވީ އިތުރު. ދަރިންގެ އަޚުލާގު ދިޔައީ ދަށަށް. ވެރިންގެ އަޚުލާގު ދިޔައީ ދަށަށް. މިނިވަންކަން ދިޔައީ ދަށަށް. ޓެކްސްތައް ވީ ބޮޑު. ސަރުކާރުގެ ޚަރަދުތައް ވީ ބޮޑު. ވެރިންގެ ޖީބުތައް ވީ ބޮޑު. ދައުލަތުގެ ތިޖޫރި ކުރިޔަށް ވުރެ ލުއި ވެއްޖެ،" ޢުމަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ވޭތުވެދިޔަ 10 އަހަރު ތެރޭގައި އެކަނިވެސް ތޫނު ހަތިޔާރު ބޭނުންކޮށްގެން 67 މީހަކު މަރާލެވުނު ކަމަށާއި އެހެންކަމުން ޑިމޮކްރެސީގެ ސަބަބުން ރާއްޖޭގައި މީހުން މެރުން ވީ އިތުރު ކަމަށެވެ.

ޢުމަރު ވިދާޅުވީ ރާއްޖެއަށް މަލްޓި ޕާޓީ ޑިމޮކްރެސީ ތައާރަފްކުރި ފަހުން ފަސް ވެރިން އައިސް ގޮސް، އެތައް ސިޔާސީ ޕާޓީއެއް ވެރިކަން ކޮށްފި ކަމަށެވެ. އަދި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ ދެބައި މެޖޯރިޓީއާއެކު ދެ ޕާޓީއެއް ވެސް ވެރިކަން ކޮށްފި ކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ މަސައްކަތަކީ ކޯޅުން ކަމަށާއި އޭގެ ތެރޭގައި އެއް ޕާޓީ އަނެއް ޕާޓީއާ ކޯޅުމާއި ޕާޓީ ތެރޭގައި ކޯޅުން ކަން ފާހަގަ ކުރައްވަމުން ޢުމަރު ވިދާޅުވީ ދެން ހުރި ޕާޓީ ތަކުގެ މަސައްކަތަކީ ދީނާއި ގައުމަށް ޓަކައި ކޯލިޝަން ހެދުން ކަމަށެވެ. އަދި ވިދާޅުވީ ކޯލިޝަން ހަދަމުން ގޮސް މިހާރު ފަށްކަނޑާ ހިސާބަށް ކޯލިޝަން ހެދިއްޖެ ކަމަށެވެ.

"މި ގައުމު އެބަޖެހޭ މޫނު ބަލާ ލޯގަނޑެއްގެ ކައިރީގައި ހުއްޓިފައި ބަލާލަން ބޭތުވެދިޔަ 18 އަހަރު ތެރޭގައި މި ގައުމުގެ މޫނު މައްޗަށް ލިބުނީ އުފާވެރިކަމާއި ހިތްހަމެޖެހުންތޯ ނުވަތަ މި ގައުމުގެ މޫނު މައްޗަށް ލިބުނީ ބިރުވެރިކަމާއި މާޔޫސްކަންތޯ،" ޢުމަރު ވިދާޅުވިއެވެ.

comment ކޮމެންޓް