ސަރުކާރު އޮފީސްތަކުގެ ކްރެޑިޓް ކާޑު ބޭނުންކުރުމާ ބެހޭ އުސޫލް އާންމުކޮށްފި

ބީއެމްއެލް ކްރެޑިޓް ކާޑުން ވިޔަފާރިކުރަނީ--- ފޮޓޯ/ ބީއެމްއެލް

ސަރުކާރު އޮފީސްތަކަށް ކްރެޑިޓް ކާޑު ބޭނުން ކުރެވޭނޭ އުސޫލް ދައުލަތުގެ މާލީ ވުޒާރާއިން މިއަދު އާއްމުކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ވަނީ "ދައުލަތުގެ އޮފީސްތަކުން ކްރެޑިޓް ކާޑު ބޭނުން ކުރުމާއި ބެހޭ އުސޫލް" ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފައެވެ.

ސަރުކާރުގެ އޮފީސްތަކަށް ކްރެޑިޓް ކާޑް ބޭނުންކުރެވޭނޭ މަގު ތަނަވަސް ކޮށްދީފައި މިވަނީ، ދައުލަތުގެ އޮފީސްތަކުން ބަޖެޓް ކޮށްފައިވާ ކަންތައްތަކާއި، ހުއްދަކޮށްފައިވާ ޚަރަދުތައް ކުރުމަށް ކްރެޑިޓް ކާޑުން ޚިދުމަތް ހޯދުމަށް މަގުފަހިކޮށްދިނުމެވެ.

ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މިފަދަ އުސޫލެއް އެކުލަވާލުމުގެ މަޤްސަދަކީ ދައުލަތުގެ އޮފީސްތަކުން ކުރަންޖެހޭ މާލީ މުއާމަލާތްތައް، އޮންލައިން ބޭންކިން ނުވަތަ އިންޓަރނެޓް ބޭންކިން މެދުވެރިކޮށް ނޫން ގޮތަކަށް ހިންގެން ނުހުންނަ ހާލަތްތަކުގައި އެފަދަ ޚިދުމަތެއް ލިބިގަތުމުގެ ފުރުސަތު ދައުލަތުގެ އޮފީސްތަކަށް ހޯދައިދިނުމެވެ.

ކްރެޑިޓް ކާޑު އުސޫލްގައި ވާގޮތުން ކްރެޑިޓް ކާޑެއް ހައްދާނަމަ، ކާޑު ހައްދަން އެދޭ ބޭނުމާއި މަޤްސަދު ބަޔާންކުރުމާއި، ބޭނުންވާ ކްރެޑިޓް ލިމިޓާއި، ވަކިވަކި ބޭނުންތަކަށް ޚަރަދުވާނޭ އަދަދުގެ ތަފްސީލް ބަޔާންކުރަން ޖެހެއެވެ.

މި އުސޫލުގައި ކްރެޑިޓް ކާޑު ބޭނުންކުރުމުގައި ގެންގުޅެންޖެހޭ ހަމަތަކާއި، ކާޑް ބޭނުންކުރުމުގެ ހަމަތަކުން ބޭރުވެއްޖެ ނަމަ ފިޔަވަޅު އަޅާނޭ ގޮތްތައް ވެސް ބަޔާންކޮށްފައިވެއެވެ. އެގޮތުން ކާޑު ހައްދާ މަގުސަދު ނޫން ކަމަކަށް ކާޑު ބޭނުންކޮރުން ނުވަތަ ކާޑު ގެއްލިގެން ނުވަތަ ވަގަށް ނަގައިގެން ރިޕޯޓު ނުކުރާ ހާލަތުގައި މާލިއްޔަތު ގަވާއިދުގެ ދަށުން ފިޔަވަޅު އެޅުމުގެ އިހުތިޔާރު ފިނޭންސް މިނިސްޓްރީއަށް ލިިބެއެވެ.

comment ކޮމެންޓް