ހޮވައިދީ، މިކަންކަން ކޮށްދޭނަން

އަތޮޅުތަކުން މާލެއަށް ދަތުރުކުރާ ބައެއް ލޯންޗުފަހަރު އެމްއެމްއޭ ކުރިމަތީ ބަނދަރުގައި / ސަން ފޮޓޯ

އަޅުގަނޑު ތިޔަބޭފުޅުންނާ މި "ބައްދަލުކޮށްލެއްވީ" މާލޭގެ ވެރިމީހާކަމަށް އަޅުގަނޑު ހޮވައިދީފިނަމަ ކޮށްދޭނެ ކަންކަން "ވިދާޅުވެދެއްވު" މަށެވެ. މާލޭގެ ވެރިކަމަށް ކުރިމަތިލާފައިވާ ފަރާތަކުން ވާހަކަ ފެއްޓިއެވެ. ކުރިމަތީގައި މައިކެއް ހުރިނަމަވެސް، އޭގެ ބޭނުމެއް އޮތްހެނެއް ހިއެއްނުވެއެވެ. އަޑުގައި ނެތް ތަނަށް ވާހަކަ ފެށިއިރު ހީވަނީ ތަންވައްޓައިލަން އުޅޭހެންނެވެ. ދޭތެރެއަކުން މައިކު މައްޗަށް ހިއްލައިލައި އެއްފަރާތަކަށް ޖައްސައިލައެވެ. ދޫއޮޅެމުން ހުއްޓުން އަރަމުން ދިޔަނަމަވެސް މޫނާއި އަތުގެ ހަރަކާތްތަކުން އެބައި ފޫބައްދާކަހަލައެވެ.

މިވަގުތު މާލެއަށް ދިމާވެފައިވާ އެއްމައްސަލައަކީ ބުޅަލުގެ އުނދަގޫ ބޮޑުވުމެވެ. ބައެއް ސަރަހައްދުތަކުގައި އާދަޔާ ޚިލާފަށް ބުޅާ ގިނަވެ އެތަކެތީގެ ނަޖިހުންނާއި އެހެނިހެން ގޮތްގޮތުން އުނދަގޫވާކަމުގެ ޝަކުވާތައް ގިނައެވެ. ކިރިޔާ ދެފޫޓުހަމަވާ ޕޭމަންޓަށް އެއްބައިވާގޮތަށް ޕާކުކޮށްފައި ހުންނަ ވެހިކަލުތަކުގެ ދޭތެރެއިން ފިރުކެމުން ނިކުމެވެނީ ބުޅާ ނަޖިސްތަކުގެތެރެއަށެވެ. އަސްލުގައި އެއީ ބުޅަލުގެ ކުށެއްނޫނެވެ. އެތަކެތި ދެކެ ލޯބިވާ މީހުން ދުވާރު މައްޗަށް ކާންއަޅަނީއެވެ. ނާޅާކައެއްޗެއްވެސް ނުހުރެއެވެ. ބަތް ޕާރުސަލާއި މަސްދަޅުވެސް ބަހައްޓާފައި ހުރެއެވެ. އެތަކެތި ކުނިވެގެންނާއި އެ ކާން އަންނަ އެހެނިހެން ސޫފާސޫފީގެ ސަބަބުންވެސް މުޅިތަން ނަޖިސްވެއެވެ. ބުޅަލާއި ކޮތަރުފަދަ ތަކެއްޗަކީ އާއްމުން އުޅޭ ސަރަހައްދުތަކަށް ދޯޅުކޮށްގެން ގެންގުޅެންޖެހޭ އެއްޗެތިނޫންކަން ދަންނަ ބަޔަކު ނޫޅެއެވެ. އުޅެނީ ބުޅާދެކެ ލޯބިވާ މީހުންނެވެ. މީހުން ދެކެ ލޯބިވާ މީހަކު ނޫޅެއެވެ. މި އުނދަގޫތަކުގެ ވާހަކަ ދެއްކިޔަސް އަޑުއަހާނެ ބަޔަކުވެސް ނެތެވެ. އަޅުގަނޑު މި "ނިކުންނެވީ" މިކަމަށް ހައްލެއް ހޯދައިދޭށެވެ. އޭނާގެ ވާހަކަ ކުރިއަށް ގެންދިޔައެވެ.

މާލޭގެ އުތުރު ބަނދަރަށް ލަފާ ލޯންޗުތަކުން މީހުން ފައިބާ ހާލު ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެއެވެ. ދިޔަވަރު ހިކި ވަގުތުތަކުގައި އެމަންޒަރު ބަލަން ތިބޭއިރު ދެރަނުވާނީ އިންސާނިއްޔަތުކަމެއް ނެތްމީހުންނެވެ. ބައެއްމީހުންގެ އަތުގައި ހިފައިގެން ދަމާއަރުވާނެ މީހުންވާއިރު އަނެއްބަޔަކު ތޮށިގަނޑު މައްޗަށް އަރަނީ ވަރަށް ހާލުންނެވެ. ބަނޑު ކާއްތަމުން ލޫދެމުންނެވެ. ބަލިމީހުންނާއި މުސްކުޅީންނާއި އަންހެނުންނަށްވެސް އޮތީ މިގޮތެވެ. މިކަން ހިނގަމުންދާ ހިސާބުގައި ވަރަށް ރީތި ބޮޑު ފާލަމެއް އޮވެއެވެ. އަދި އެތަނާ ހަމަ ކައިރީގައި ސިޑިތަކެއްވެސް ހުރެއެވެ. ނަމަވެސް އެއީ ވަރުވަރުގެ ވެރީންނާއި މުއްސަނދީންނާއި ދޮންމީހުންނަށް ޚާއްޞަ ތަންތަނެވެ. ރާއްޖެތެރެއިން އަންނަ އާއްމުން އެތަންތަނަށް ކައިރިވުން މަނާވާނެއެވެ. އެކިޔާ "އާއްމު" ލޯންޗުތައް ލަފާ ފުރާ ސަރަހައްދުތަކުގައި އަތްވާއި ވާރެއިން ހިޔާވެލާނެފަދައެއްނެތި އޮންނަތާ ކިތައް އަހަރުވެއްޖެހެއްޔެވެ؟ ހިޔާވެލާނެ އަސްކަނިގަނޑެއްވެސް ނުހައްދަވާ އެ ހިސާބުގައި އެފަދަ ހިޔާވައްސެއް ހަދައިދޭނެ ވެރިޔަކު އަދި ނުފެނެއެވެ. އަޅުގަނޑު މި "ވައުދުވެލައްވަނީ" މިކަންވެސް ކޮށްދިނުމަށެވެ. ހޮވައިދޭށެވެ. "ކޮށްދެއްވާނަ" މެވެ.

ޖުމުހޫރީ މައިދާނަކީ މާލޭގެ މޫނުމައްޗެވެ. އެތަނުގެ ތިންފަރާތުގައި މީހުންނަށް އިށީނދެވޭނެ ތަންތަން ހަދާފައި އެބަހުއްޓެވެ. އެކަމަކު އެއީ "މޮހޮނަށް ދޯނި ދިންހެން" ނެވެ. ގަދައަތްވާއި ވާރެއިން ހިޔާވެވޭނެ އެއްވެސް ގޮތެއް އެތަނުގައި ނެތެވެ. އެތާ ތިއްބައި ވާރޭ ވެހެން ފަށައިފިނަމަ ވަންނާން ހުރީ ސިފައިންގެއާއި ފުލުހުންގެ އިދާރާއާއި އިސްލާމީ މަރުކަޒާއި އެމްއެމްއޭގެ އިމާރާތެވެ. ދެން ހުރީ ގެސްޓު ޝޮޕުތަކެވެ. ވާރެޔާ ހިޔާވާން އެ ތަންނަތަނަށް ވަދެވުމާއި ނުވަދެވުން އެއީ އަދި އެހެން ކަމެކެވެ. އަޅުގަނޑު ހޮވައިދެއްވާށެވެ. އެކަމަކަށްވެސް ހައްލެއް "ހޯއްދަވައިދެއްވާނަ" މެވެ.

ދުއްވަން އަދި ހިނގަންވެސް އެއްގޮތަކަށްވެސް އެކަށީގެންނުވާ މަގާއި ގޯޅިތައް މާލޭގައި ހުރިކަން ތިޔަބޭފުޅުންނަށް "އެނގޭނެ" އެވެ. މަގުގެ ދެފަރާތުންކުރެ އެއްވެސް ފަރާތެއްގައި ދުވާރެއް ނެތް މަގުތައް އެބަހުއްޓެވެ. ދިލްބަހާރު މަގަކީ މީގެ އެންމެ ފުރިހަމަ މިސާލެވެ. އެ މަގުގައި ނެތީ ހަމައެކަނި ދުވާރެކެވެ. ފިހާރަތަކާއި ދުއްވާ އެއްޗެއްސާއި ޕާކުކޮށްފައި ހުންނަ އުޅަނދުތަކާއި ހިނގާފައިދާ މީހުން އެޔަށްވުރެ ވަކީން ގިނަ އެހެން މަގެއް މާލެއަކު ނޯންނާނެއެވެ. މިނޫނަސް އެހެން މަގުތަކާއި ގޯޅިތައް އެގޮތަށް އެބަހުއްޓެވެ. އެތަންތަން އެހާލަތުގައި ހުންނަތާ އެތައް ޒަމާނެއްވެއްޖެއެވެ. ހައްލުވާތަނެއް ނުފެނެއެވެ. އަޅުގަނޑު މި ނުކުތީ މި މަންޒަރު ބަދަލުކޮށްލާށެވެ. އަޅުގަނޑު ހޮވައިދެއްވާށެވެ. ހެޔޮ ބަދަލެއް ދައްކާނަމެވެ.

ޖަލްސާ ފެށުނީއްސުރެ ނިމޭންދެން ފޯނާ ކުޅެން ގިނަ ބަޔަކު ތިއްބަސް، އޭނާގެ ވާހަކަ ކަނުލާ އެހިބަޔަކުވެސް ތިއްބެވެ. އެއްވެސް މަދަރުސާއަކުން އަދި އެދުރެއްގެ ގާތުން ކިޔަވާފައިނެތް އެ މީހާ، އެދެއްކީ ރަނގަޅު ވާހަކަތަކެއްކަމަށް ބައެއްމީހުން ބުނަމުން ދިޔައެވެ. ޖަލްސާ ނިންމާފައި ދިޔަ މަގުމަތީގައި އެކަކު ބުންޏެވެ. އޭނާ އެ ވާހަކަ ދެއްކީ އަމިއްލައަށް މާތްކޮށްގެންނޫންހެއްޔެވެ؟ އަޅުގަނޑު ބައްދަލުކޮށްލެއްވީއޭ ވިދާޅުވެދެއްވުމަށޭ ނިކުންނެވީއޭ ކޮށްދެއްވާނަމޭ ހޯއްދަވައިދެއްވާނަމޭ މިއީ ކުށްގޮތެއްނޫންހެއްޔެވެ؟ އަމިއްލައަށް ނިސްބަތްކޮށް ބުނާނީ އަޅުގަނޑު މި ބައްދަލުކޮށްލީއޭ ނިކުތީއޭ ހޯދައިދޭނަމޭ މިގޮތަކަށްނޫންހެއްޔެވެ؟ އަދި ތިޔަބޭފުޅުންނަށް އެނގޭނެއޭވެސް ބުންޏެވެ. އެތަނުގައި ރަނގަޅުގޮތަކީ ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ މިގޮތެއްނޫންހެއްޔެވެ؟

ފަހަކަށް އައިސް ކަންހިނގާ ގޮތަށް ބަލާއިރު ޒިންމާދާރު މަގާމުތަކަށް މީހުން ލުމުގައި އެމީހެއްގެ ތަޢުލީމާއި އަޚުލާޤީ ފެންވަރަށް ބެލުމެއް ނޯވެޔޭ ބުނެވިދާނެއެވެ. މިއީ އެކިކަހަލަ ބާރުވެރިކަން ލިބިފައިވާ ފަރާތްތަކުން، އެ ބާރުތައް ބޭނުންކޮށްގެން އެފަރާތަކުން ބޭނުންވާ ބަޔަކު މަޤާމުތަކަށް ލައްވާ ޒަމާނެވެ. މިއީ ރަނގަޅުގޮތެއްނޫންކަން ގިނަ ރައްޔިތުންވެސް ދަނެއެވެ. ނަމަވެސް އެމީހުންނަށް ލިބޭ ނުވަތަ ލިބިދާނެކަމަށް އުއްމީދުކުރެވޭ "އެތިކޮޅެއްގެ" ބޭނުމުގައި ވަރިހަމަކޮށްލެވެނީއެވެ. މާލޭގެ ވެރިކަމަށް ކުރިމަތިލީ މީހާ ފަހަރެއްގައި ހޮވިވެސްދާނެއެވެ. ނަމަވެސް އޭނާ ހޮވިއްޖެނަމަ، އޭނާ ވީ ވަޢުދުތަކުގެ މަތީން ހަނދާން ހުންނާނެބާއެވެ؟ އޭނާ ހޮވިގެން ވަޢުދުތައް ނުފުއްދާނަމަ ކޮންމެވެސް މީހަކު މި ޙަދީޘްފުޅު އޭނާއަށް ކިޔައިދޭންވާނެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. "މުނާފިޤުންގެ ކިބައިން ފާޅުވާނެ ތިން އަލާމާތެއްވެއެވެ. އޭނާ ވާހަކަ ދައްކައިފިނަމަ ދޮގު ހަދާނެއެވެ. އަދި ވަޢުދެއްވެއްޖެނަމަ އެ ވަޢުދާ ޚިލާފުވާނެއެވެ. އަދި އަމާނާތެއް ހަވާލުކުރެވިއްޖެނަމަ އެ އަމާނާތަށް ޚިޔާނާތްތެރިވާނެއެވެ."(ބުޚާރީ: 33)

ގުޅޭ ޓެގު
comment ކޮމެންޓް