ރާއްޖޭގެ ޔުނިވާސިޓީތަކުން މަތީ ތައުލީމް ހާސިލް ކުރަން ފަށާ މީހުންނާއި ދަސްވެނިވާ މީހުންނަށް ބަލާއިރު ވެސް ގިނައީ އަންހެނުންނެވެ. އެހެންކަމުން ވަޒީފާގެ ގޮތުން ކުރިއަށް ދިއުމުގެ ހުވަފެން ދެކޭ އަންހެނުން ގިނަކަން މިކަމުން ވެސް އެނގެއެވެ. ނަމަވެސް އެ ފުރުސަތު ލިބެނީ އޭގެ ތެރެއިން މަދު އަންހެނަކަށެވެ.
އަންހެނުން ތިބެން ވާނީ ދަރިން ބަލަން ގޭގައި ކަމަށް ދެކޭ ދެކުމަކީ ޒަމާނުއްސުރެ އެތައް ބައެއްގެ ވިސްނުމެވެ. މިހާރު ވެސް އެގޮތަށް ގަބޫލު ކުރާ އަދި އެކަން މަޖުބޫރު ކުރާ މީހުން މަދެއް ނޫނެވެ. މީގެ ސަބަބުން އާމްދަނީ ހޯދަން މަސައްކަތް ކުރުމާއި ވަކި ދާއިރާއަކުން ކުރިއަށް ދިއުމަށް އަންހެނުންނަށް ގިނަ ގޮންޖެހުންތައް ކުރިމަތިވެއެވެ. ނަތީޖާއެއްގެ ގޮތުން ގިނަ އަންހެނުން އަދިވެސް ތިބީ ފިރިހެނުންނަށް ބަރޯސާވެ ގޭގައެވެ.
ގިނަ އަންހެނުން ގޭގައި، ކީއްވެ؟
ޖެންޑާ މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު ދިވެހި އަންހެނުންގެ ތެރެއިން އާމްދަނީ ލިބޭ ވަޒީފާއެއް އަދާ ކުރަނީ 45.6 ޕަސެންޓް މީހުންނެވެ. އަނެއް 54.4 ޕަސެންޓް އަންހެނުން އާމްދަނީއެއް ލިބޭ މަސައްކަތެއް ނުކުރެއެވެ. އެހެންކަމުން އަންހެނުންގެ އާބާދީގެ ބޮޑު ބަޔަކަށް ވަޒީފާއަށް ދިއުން ނުވަތަ އާމްދަނީއެއް ހޯދުމުގެ ފުރުސަތެއް ނުލިބެއެވެ.
"ތަފާތު އެކި ސަބަބުތައް އެބަ ދިމާވޭ އަންހެނުންނަށް ވަޒީފާގެ މައިދާނުގައި ހަރަކާތްތެރިވުމަށް. އެގޮތުން ޓްރެޑިޝަނަލީ އަޅުގަނޑުމެންގެ މުޖުތަމައުގައި އެބަހުރި ބައެއް ކަހަލަ ގަބޫލު ކުރުންތައް. މިކަންތައްތަކުގެ ސަބަބުން އަޅުގަނޑުމެން އަންހެނުންނަށާއި ފިރިހެނުންނަށް މުޖުތަމައުގައި ގޭތެރެއިން ފަށައިގެން ވަކި ކަހަލަ ދައުރުތަކެއް ކަނޑައެޅިފައި އެބަހުރި." ޖެންޑާ މިނިސްޓްރީގެ ސީނިއާ ޕްރޮގްރާމް އޮފިސާ މަރިޔަމް ރާޔާ އަޙްމަދު ވިދާޅުވިއެވެ.
"އާއްމުގޮތެއްގައި ހައުސްހޯލްޑް ނުވަތަ ޑޮމެސްޓިކް ކެއާ ވޯކް ރެސްޕޮންސިބިލިޓީ އަޅުގަނޑުމެން މިކިޔަނީ އެއީ ކުދިން ބެލުމުގެ ކަންކަން ވިޔަސް ގޭތެރޭގައި ކުރަން ޖެހޭ މަސައްކަތްތައް ކުރުން ކަމުގައި ވިޔަސް ނޫނީ ގޭތެރޭގައި އަޅާލުން ބޭނުންވާ މީހުންގެ ކަންކަން ހަމަޖެއްސުމުގައި ވެސް އިސް ދައުރެއް އަދާކުރަނީ އަންހެނުން އަދި އަދާކުރުމަށް އެކްސްޕެކްޓޭޝަނެއް ވެސް އެބަ އިނދޭ އަޅުގަނޑުމެންގެ މުޖުތަމައުގައި އަންހެނުންނަށް،"
ހަމައެހެންމެ ދަރިން ބެލުމުގެ ޒިންމާއަކީ ވެސް ގިނަ ދިވެހީން އަދިވެސް ގަބޫލު ކުރާގޮތުގައި މަންމައިންގެ އެކަނި މަސްއޫލިއްޔަތެކެވެ. އެ ޒިންމާތަކުގެ ސަބަބުން ވަޒީފާއަށް ދިއުމަކީ ގިނަ އަންހެނުންނަށް ގޮންޖެހުމެކެވެ. އަދި އެ ޒިންމާތައް އަދާކުރަމުން ވަޒީފާއަށް ދާ އަންހެނުންނަށް އެކަށީގެންވާ ވަގުތު މަސައްކަތަށް ނުދެވުމުން ވަޒީފާގެ ގޮތުން ކުރިއަށް ދިއުމަށް ގިނަ ހުރަސްތަކަކާ ކުރިމަތިވެއެވެ. ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖޭގައި ތަންތަން ހިންގުމުގެ ޒިންމާ އަދާކުރާ ވަޒީފާތަކުގައި ތިބީ އެންމެ 22 ޕަސެންޓް އަންހެނުންނެވެ.
"އަންހެނުންގެ ގާބިލްކަން އެބަހުރި އެކަމަކު އެމަގު ފަހިކޮށް ދެވިފައި ނެތީމައި އަންހެނުންނަށް މި ގޮންޖެހުންތައް ކުރިމަތިވަނީ. މިސާލަކަށް ވަޒީފާގައި އުޅޭ މީހަކަށް ވެސް ވަޒީފާގެ ތެރެއިން ކުރިއަރައި ދިއުމަށް ވެސް މިޑުލް މެޖޭންމަންޓަށް ގިނައިން އަންހެނުންނަށް މިދެވެނީ،" ރާޔާ ވިދާޅުވިއެވެ.
އަންހެނުން މުހިންމު ވަނީ ކީއްވެ؟
ގައުމެއް ބިނާވެފައި މިއޮންނަނީ އަންހެނުންނާއި ފިރިހެނުންގެ މައްޗަށް ކަމަށްވާއިރު ގައުމު ތަރައްގީވުމަށް މި ދެޖިންސުގެ ޚިދުމަތް ގައުމަށް ބޭނުންވެއެވެ. އެހެންކަމުން ގައުމީ ސިޔާސަތުތައް އެކުލަވާލައި ޚިދުމަތްތައް ދޭއިރު ކޮންމެހެން ވެސް އަންހެނުން ބައިވެރި ކުރަން ޖެހެއެވެ.
"މާނައަކީ އިޖުތިމާއީ ކަންކަމުގައި އަންހެނުންގެ ލޯ ބޮޑަށް ހުޅުވޭނެ ފިރިހެނުންނަށް ވުރެން ބޮޑަށް. ފިރިހެނުންގެ މުޅިން ވެސް އިގްތިސާދީ ކަންކަމާއި މުޅިން އެކަހަލަ ކަންކަމުގެ ތެރެއަށް މުޅިން މި ވަންނަނީ. އެހެންކަމުން އެ މީހުންގެ ދިރިއުޅުމުގެ ތަޖުރިބާއާއި އަންހެނުންގެ ދިރިއުޅުމުގެ ތަޖުރިބާ ވަރަށް ތަފާތު،" ކުރީގެ ވަޒީރު އަނީސާ އަޙްމަދު ވިދާޅުވިއެވެ.
"އެހެންކަމުން އަޅުގަނޑުމެން ގައުމެއް ކުރިއެރުވުމަށްޓަކައި މަޝްރޫއުތައް ރާވާ. ނެޝަނަލް ޑިވެލޮޕްމެންޓް ޕްލޭން ނޫނީ ވިއްޔާ ސްޓްރެޖިކް އެކްޝަން ޕްލޭން މިހަދަނީ ކުރިއަށް އޮތް ދުވަސްތަކަށް ވިސްނާފައި. ގައުމުގެ މުސްތަގުބަލަށް ދެއްތޯ. އެކަންކަން ކުރާއިރު އިޖުތިމާއީ ގޮތުންނާއި އިގްތިސާދީ ގޮތުންނާއި ސިޔާސީ ގޮތުންނާ މިހުރިހާ ގޮތަކުން ވެސް ގައުމު ކުރިއެރުވުމަށް ކުރާ މަސައްކަތުގައި އެއްކަލަ ތަފާތު ތަޖުރިބާތައް ހާސިލް ކޮށްފައި ތަފާތު ދިރިއުޅުމުގެ ތަޖުރިބާތަކުގައި މިއުޅޭ ތަފާތު ހިޔާލުތަކުގެ މީހުންގެ ހިއްސާ ނުލިބި އެންމެ ފުރިހަމައަށް އެކަމެއް ނުކުރެވޭނެ."
ހަމައެހެންމެ މަތީ ތައުލީމް ހާސިލް ކުރާ މީހުންގެ ތެރޭގައި އަންހެނުން ގިނައިރު، ގައުމު ކުރިއެރުވުމަށް އެ ތައުލީމީ ސިކުނޑިތަކުގެ ބޭނުން ހިފަން އެބަޖެހެއެވެ.
ހައްލަކީ ކޮބާ؟
އަންހެނުން މަސައްކަތު މާހައުލަށް ނެރުމަށްޓަކައި ޕޮލިސީ ފެންވަރުގައި މަސައްކަތްތަކެއް ކުރަން އެބަޖެހެއެވެ. މިހާރު ވެސް އަންހެނުން ވިހެއުމުން މުސާރަ ލިބޭ ގޮތަށް ހަ މަސް ދުވަހުގެ ޗުއްޓީއެއް ސަރުކާރު ވަޒީފާތަކުގައި އަންހެނުންނަށް ދޭން ލާޒިމެވެ. ފިރިހެނުންނަށް އެއް މަސް ދުވަހުގެ ޗުއްޓީއެއް ލިބެއެވެ. މިއީ ހެޔޮ ބަދަލެކެވެ. ހަމައެއާއެކު ވަޒީފާއަށް ދާ މައިންބަފައިންނަށް ކުދިން ބެލެހެއްޓޭނެ ރަނގަޅު، އަގުހެޔޮ ނިޒާމެއް ވަރަށް މުހިންމެވެ.
"ވޯކް ޕްލޭސާސްތަކުގައި ފްލެކްސިބިލިޓީ ފުރަތަމަ ކަމަކަށް ލިބެން އެބަޖެހޭ. އަންހެނުންނަށް އެ ޒިންމާތައް ޑިސްޓްރިބިއުޓް [ބަހާލައިގެން] އަންޕެއިޑް ވޯކް [އުޖޫރަ ނުލިބޭ މަސައްކަތްތައް] އެބަޖެހޭ އާއިލާއެއްގައި ނަމަ އަންހެނުންނާ އެއްވަރަށް ފިރިހެނުން ވެސް މަސްއޫލުވެރިވާން. އެއީ އެއްކަންތައް." ރާޔާ ވިދާޅުވިއެވެ.
"އިތުރު ކަމަކަށް ވަޒީފާދޭ މާހައުލުތަކުގައި އެބަޖެހޭ ފްލެކްސިބިލިޓީ އޮންނަން އަންހެނުންނަށް ވެސް އަދި ފިރިހެނުންނަށް ވެސް. ބެލެނިވެރިންގެ ގޮތުގައި ތިބޭއިރު ހަމައެކަނި އަންހެން މީހާއެއް ނޫން އެ ޒިންމާ އަދާ ކުރަން މިޖެހެނީ ދަރިންގެ ކަންކަން ހަމަޖެއްސުމުގައި ފިރިހެން މީހާއަށް ވެސް އެ ފުރުސަތު ލިބެން އެބަޖެހޭ."
ދުނިޔޭގެ ތަރައްގީ ވެފައިވާ ގައުމުތަކަށް ބަލާއިރު ވަޒީފާއަށް ދެމަފިރިން ދާނަމަ ކުދިން ބެލުހެއްޓުމަށް ހަވާލު ކުރަނީ ޑޭކެއާ ސެންޓަރުތަކާއެވެ. އެތަންތަނުގައި ރައްކާތެރި ކަމާއެކު ކުދިން ބަލަހައްޓައި ތައުލީމް ދިނުމާއި ކެއުންބުއިމުގެ ކަންކަން ހަމަޖައްސައިދެއެވެ. މާލޭގައި ވެސް އަމިއްލަ މީހުން ހިންގާ އެފަދަ ޑޭކެއާ ސެންޓަރުތައް އެބަހުއްޓެވެ. ނަމަވެސް ކުއްޖަކަށް ދައްކަން ޖެހޭ އަގު ބޮޑުވުމުން އެތަންތަނަށް ކުދިން ފޮނުވައިގެން ގިނަ މައިންބަފައިންނަކަށް ދެކޮޅެއް ނުޖެހެއެވެ. އޮފީސްތަކަށް ބަލާއިރު ދަރިން ބަލަހައްޓާ ތަނެއް ހުރީ ސްޓެލްކޯ ފަދަ މަދު އޮފީހެއްގައެވެ. އެހެންކަމުން މިއީ އަވަސް ހައްލެއް ބޭނުންވާ ކަމެކެވެ.
"ވަޒީފާ އަދާކުރާ ގެއިން ބޭރުގައި މަސައްކަތް ކުރާ މީހުންނަށް އެ މީހުންގެ ކުޑަދަރިން ބެލެހެއްޓޭނެ ނިޒާމެއް ޑޭކެއާ ސެންޓަރޭ ކިޔާނީ އާއްމުކޮށް. އެކަހަލަ ތަންތަން އެބަ ހެދެން ޖެހޭ. ވަރަށް ލުއިގޮތަކަށް އެތަންތަނުގެ ބޭނުން ހިފޭނެ ގޮތަށް. މިހާރު ބައެއް އަމިއްލަ ފަރާތްތަކުން ޑޭކެއާ ސެންޓަރުތައް އެބަ ހިންގާ. އެކަމަކު ވާގޮތަކީ އެތަނުގެ ފީ ބޮޑުކަމުން ލިބޭ މުސާރައިން ދެކޮޅު ޖެހޭ ވަރެއް ނުވޭ. އެހެންކަމުން އެއީ މިހާރު ކޮންމެހެން ވެސް ބޭނުންވާ ކަމެއް،" އަނީސާ ވިދާޅުވިއެވެ.
މި ބަދަލުތައް ގެނައުމަށް އެންމެ މުހިންމީ ވިސްނުން ބަދަލު ކުރުމެވެ. ގިނަ ބަޔަކު އަދިވެސް ގަބޫލު ކުރަނީ އަންހެނުންނަކީ ގެއިން ބޭރަށް ނުކުމެ މަސައްކަތުގައި އުޅެން ޖެހޭނެ ބައެއް ނޫން ކަމަށެވެ. ނަމަވެސް އެއީ ބޯދާ ވިސްނުމެކެވެ. ދުނިޔަވީ ކަންކަމާއި ގައުމީ ކަންކަމުގައި ގިންތީގެ ހަމަހަމަކަން އޮންނަން ޖެހޭނެ ކަމަށް ގަބޫލު ކުރަން ޖެހެއެވެ.