އަމީނީމަގުގައި ތާރުއަޅާ ނިމިފައިވާ ބައި އާއްމުންނަށް ހުޅުވާލައިފި

އަމީނީމަގުގަ ތާރުއެޅުން -- ފޮޓޯ/އެމްޓީސީސީ

ޒަމާނީ ފެންވަރަށް ތަރައްގީކުރާ އަމީނީ މަގުގެ ފުރަތަމަ ތިން ސެގްމެންޓުގައި ތާރު އަޅާފައިވާ ސަރަހައްދު އާއްމުންނަށް ހުޅުވާލައިފިއެވެ.

ރޯޑް ޑެވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑުން (އާރުޑީސީ)އިން ބުނީ އަމީނީ މަގުގެ އެއްވަނަ ސެގްމެންޓާއި ދެވަނަ ސެގްމެންޓުގެ އިތުރުން ތިން ވަނަ ސެންގްމެންޓުގައި ތާރު އަޅާފައިވާ ސަރަހައްދު އާއްމުންނަށް މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

އެ ކޯޕަރޭޝަނުން ބުނި ގޮތުގައި އެ ސަރަހައްދު އާންމުކޮށް ހުޅުވާލި ނަމަވެސް ފިނިޝިންގެ ބައެއް މަސައްކަތްތައް އަދިވެސް ކުރިއަށްދާނެއެވެ. އަދި ސްޓޯމް ވޯޓާ ސިސްޓަމް ގާއިމު ކުރުމަށް މޫނިމާ ހިނގުން ބަންދު ކޮށްފައިވާ ކަމަށް ވެސް އާރުޑީސީން ވަނީ ބުނެފައެވެ.

ޕްލޭނިން މިނިސްޓްރީން އާރުޑީސީއާ ހަވާލުކޮށްގެން އަމީނީމަގު ޒަމާނީ ފެންވަރަކަށް ހެދުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އޮގަސްޓް މަހުއެވެ.

ސަބް ކޮންޓްރެކްޓު އުސޫލުން، މަގުގައި ތާރުއެޅުމުގެ މަސައްކަތް ހަވާލު ކުރީ އެމްޓީސީސީއާއެވެ.

އެމްޓީސީސީން އަމީނީމަގުގައި ތާރު އެޅުމުގެ މަސައްކަތް ރަސްމީކޮށް ފެށީ، މިދިޔަ މަހުގެ 14 ވަނަ ދުވަހުގެ ރެއެވެ. އެ މަގުގެ ފުރަތަމަ ތިން ސެގްމެންޓްގައި ތާރުއަޅައި ހަމަ އެރޭ ވަނީ ނިންމާލާފައެވެ. އެއީ 380 މީޓަރުގެ ސަރަހައްދެކެވެ.

https://sun.mv/174093

އަންނަ ޖުލައި މަހު މުޅި އަމީނީމަގުގައި އެއްކޮށް ތާރުއަޅައި ނިންމާލެވޭނެ ކަމަށް ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މީގެ ކުރިން ވަނީ "ސަން"އަށް ވިދާޅުވެފައެވެ.

comment ކޮމެންޓް