އަމީނީމަގުގައި އެންމެ ރެއަކުން ސްޓެލްކޯއާ ހަމައަށް ތާރުއަޅާ ނިންމާލައިފި

އަމީނީމަގުގަ ތާރުއެޅުން -- ފޮޓޯ/އެމްޓީސީސީ

އަމީނީމަގުގައި އެންމެ ރެއަކުން ސްޓެލްކޯއާ ހަމައަށް ތާރު އަޅާ ނިންމާލައިފިއެވެ.

އެމްޓީސީސީއިން އަމީނީމަގުގައި ތާރު އެޅުމުގެ މަސައްކަތް ރަސްމީކޮށް ފެށީ، ރޭގައެވެ. މިއަދު އިރުއެރިއިރު ބޮޑުތަކުރުފާނު މަގާއި ސްޓެލްކޯއާ ދެމެދު އޮންނަ ސަރަހައްދުގައި ތާރު އަޅައި ވަނީ ނިންމާލައިފައެވެ.

ޕްލޭނިން މިނިސްޓްރީން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ހަވާލުކޮށްގެން އަމީނީމަގު ޒަމާނީ ފެންވަރަކަށް ހެދުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އޮގަސްޓް މަހުއެވެ.

ސަބް ކޮންޓްރެކްޓު އުސޫލުން، މަގުގައި ތާރުއެޅުމުގެ މަސައްކަތް ހަވާލު ކުރީ އެމްޓީސީސީއާއެވެ.

މިކަމާ ގުޅޭގޮތުން އެމްޓީސީސީން ބުނެފައިވަނީ، އެކުންފުނިން އަމާޒު ހިފާފައިވަނީ، މިހާތަނަށް މަސައްކަތް ނިންމާފައިވާ ތިން ސެގްމަންޓުގައި އެއް ރެއިން ތާރު އަޅާ ނިންމުމަށް ކަމަށެވެ. އެކަން ރޭ އެކުންފުނިން އެ ވަނީ ކޮށްފައެވެ.

މި މަސައްކަތުގެ ދަށުން 2،511 އަކަ ކިލޯމީޓަރުގެ ސަރަހައްދެއްގައި ތާރުއަޅާނެއެވެ.

އަމީނީމަގު މިހާރު ހަދަން ފަށާފައިވާ ސަރަހައްދުގައި ތާރުއެޅުން ލަސްވާ މައްސަލައަކީ އާއްމު ރައްޔިތުން ވަރަށް ކަންބޮޑުވާ މައްސަލައެކެވެ. ސަބަބަކީ އެ ސަރަހައްދުގައި ސްކޫލާއި ޕާކުގެ އިތުރުންވެސް ދަތުރުފަތުރު ކުރުމުގައި ވަރަށްބޮޑަށް ބޭނުންކުރާ މަގަކަށް ވާތީއެވެ.

އަމީނީ މަގު ތަރައްގީ ކުރުމުގެ މަސައްކަތް އެންމެ ފުރަތަމަ ކުރަން އުޅުނީ މާލޭ ސިޓީ ކައުންސިލުންނެވެ. ނަމަވެސް ފަހުން އެ މަސައްކަތް ކުރަން ނިންމީ ޕްލޭނިން މިނިސްޓްރީގެ ދަށުންނެވެ. އެ މަސައްކަތް މިނިސްޓްރީން އާރުޑީސީއާ ހަވާލުކުރީ ސިޓީ ކައުންސިލުން އެ މަސައްކަތް ކުރަން އުޅުނު އަގަށްވުރެ ދެގުނަ ބޮޑުކޮށް 84 މިލިއަން ރުފިޔާއަށެވެ.

މި ޕްރޮޖެކްޓުގެ ދަށުން 1.7 ކިލޯމީޓަރުގެ ދިގު އަމީނީމަގުގައި ތާރު އެޅުމަށާއި މަގުގައި ފެން ހިންދާ ނިޒާމު ގާއިމުކުރުމުގެ އިތުރުން މަގު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެއެވެ.

comment ކޮމެންޓް